ފުވައްމުލަކުގައި ހުވަނި ގިނަވެ، ކައުންސިލުން ބޭސް ޖަހަނީ.-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
12 ޑިސެމްބަރ 2023 - 10:55
ފުވައްމުލަކުގައި ހުވަނި ގިނަވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ތޭރަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށަށް ކޮންމެ ވިއްސާރަ ދުވަސްވަރެއްގައި ހުވަނީގެ އުނދަގޫ ކުރިމަތިވެ އެވެ.
ފުވައްމުލަކު ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ އާދަޔާހިލާފަށް ހުވަނި ގިނަވެ އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާ ކަމަށެވެ.
"ސްކޫލަށް ކުދިން ގޮވައިގެން ދާއިރު، ނޫނީ އެހެން ކަންކަމަށް ބޭރަށް ނުކުމެ އުޅޭ ކޮންމެ ފަހަރަކު ގެއަށް އައިސް އެބަ ޖެހޭ އެއްޗެހި ބަދަލުކުރަން. ނޫނީ ގައި ކަހައި އެކަހަލަ ކަންކަންވޭ،" އޭނާ ވިދާޅުވި އެވެ.
އެ ރަށު ނައިބުތުއްތު މަގުގައި ހުރި ފުނަ ގަސްތަކަކަށް ބޭސް ޖަހަނީ.-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
އެ ރަށަށް ހުވަނީގެ އުނދަގޫ ކުރިމަތިވާތާ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި ބޭސް ޖަހައިގެން ނައްތާލަން މަސައްކަތް ކުރި ނަމަވެސް ދާއިމީ ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރަކު ގާތްގަނޑަކަށް ދެ ދުވަސްވަރެއްގައި ހުވަނީގެ އުނދަގޫ ކުރިމަތިވޭ. ވިއްސާރަ ދުވަސް ވަރު. އާންމުކޮށް މި ހުންނަނީ ހެނދުނުގަޑީގައި. އެ ގަޑިތަކުގައި ބޭސް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ،"
ފުވައްމުލަކުގެ ގެއެއްގައި ހުރި ޖަބްރޯލު ގަހަކަށް ބޭސް ޖަހަނީ.-- ފޮޓޯ: ފުވައްމުލަކު ކައުންސިލް
އެކަން ހައްލު ކުރުމަށް "ނީމް އޮއިލް" އާއި ކެމިކަލެއް ބޭނުންކޮށްގެން ހުވަނި އަޅާފައިވާ ގަސްތަކަށް ބޭސް ސްޕްރޭ ކުރުމުގެ މަސައްކަތްތައް ކައުންސިލުން ކުރަމުންދިޔަ ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ހުވަނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީއާ ވެސް މަޝްވަރާ ކުރި ކަމަށެވެ.
އެންމެ ގިނައިން ހުވަނި އަޅާފައި ވަނީ ފުނަ ގަސްތަކާއި ގޭގޭގައި ހުންނަ ޖަނބުރޯލު ގަސްތަކުގައި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. މީގެ އިތުރުން އަނބު ގަސްތަކުގައި ހުވަނި އާލާވަމުންދާ ކަމަށް އޭނާ ވިދަޅުވި އެވެ.
ފުވައްމުލަކަކީ ވަރަށް ގިނަ އަދަދަކަށް އަނބުގަސް ހުންނަ ރަށަކަށް ވާއިރު އަނބު މޫސުމުގައި ހުވަނީގެ އުނދަގޫ ކުރިމަތިވުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ.
ރާއްޖޭގައި އާންމުކޮށް ހުވަނި އަޅާކަން ފާހަގަކުރެވިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބިޔަކޮށް ހެދޭ ގަސްގަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަންފުވައްމުލައް
12 December 2023
ކައުންސިލް މުނިސިޕަލް މުއައްޒަފުގެ ރައްކާތެރިކަން ކޮބާ؟ ކެމިކަލް ޖަހާއިރު އަނގަމައްޗަށް ޖަހައިގެން އޭގެ ދަށުގައި، މާސްކެއްވެސް ނާޅާ އިއްސެ މިކަމާ އުޅެބަލަ
ހޭނެތި
12 December 2023
ބަލަ ކުޑައެއް އަޅައިން ނުކުމެބަލަ. ނޫނީ ހުވަނި ހުންނަ ހިސާބު ތަކަށް ނާރަގަ މި ދުވަސްކޮޅު. ތި ހުވަނި ބަދަލުވާނެ ދެން ދުވަސްކޮޅަކުން ކޮކާލަށް. ކޮންމެ ދިރޭ އެއްޗަކަށް ބޭސް ޖަހަންވެފަ މި ދިވެހިން ތިބޭނީ. ދެން ގަހެއްގަ މޭވާ ނޭޅީމަ ރޯންވީ. އެކަމަށްވެސް ޖަހަންވީ ބޭސް.
ދީމުގުރާތުސް
12 December 2023
ފުވައްމުލަކުން މީހުންބާލުވައި، ހުސްކޮށްފައި، އެތަން މިލިޓަރީ ބޭސްއަކަށް ހަދަންވީއޭ. ދެން ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގައިއޮންނަ އެމެރިކާނުންގެ ބޭސް އެތަނަށް ބަދަލުކޮށް، ފުވައްމުލައް ކުއްޔަށްދިނީމާ ރާއްޖެއަށް ބިލިއަނުން އެމެރިކާނުން ޚަރަދުކުރާނެތާ. އިތުރު ޚިދުމަތްތައްވެސް ދެވިދާނެ. މިސާލަކަށް: ސްޕޭސް ޕްރޮގްރާމުގެ އުދުއްސާލުންތައް އެތަނުން ކުރުން. އެމެރިކާނުންނަށް ޖިއޯޕޮލިޓިކްސް ވިންއެއް، އަހަރުމެންނަށް އިގްތިސާދީ، މިލިޓަރީ ވިންއެއް.
ބަކުރުބޭ
12 December 2023
ތިޔަ ކައުންސިލްތަކުންވެސް ބޮޑުޚަރަދެއް ކޮށްގެންވިޔަސް ތަންކޮޅެއް ރަނގަޅަށް ދާއިމީ ހައްލެއް ލިބޭކަހަލަ މަސައްކަތެއް ކޮށްލުން ރަނގަޅުވާނެކަމަށް ފެންނަނީ. އެގުރިކަލްޗަރާ ނުގުޅިވެސް ތިކަހަލަ ކަންކަން ކުރެވޭނެ. ތިކަމާބެހޭ އެކްސްޕާޓެއްގެ ލަފާ އަވަހަށް ހޯދާ. ރާއްޖޭގައި ނެތިއްޔާ ބޭރުން މީހަކު ގެންނާނީ. ތިޔަހެން ކިޔަކިޔާ ތިއްބަކަސް ކަމަކުނުދާނެ
ބާންޖީ
12 December 2023
ހައްލަކީ ހުރިހާ ގަހެއް ކަނޑާލުން. ހުވަނި ނޫނީ ގަސް ނެތުން.