އަދީބު ހުންނަވަނީ ހޮހޮޅައަކު ނޫން، ގައިދީން ގެންގުޅެނީ އިންސާނީ ކަރާމާތާ އެއްގޮތަށް: ކަރެކްޝަންސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވި ވާހަކަ ކަރެކްޝަނަލް ސާވިސްއިން މިއަދު ދޮގުކޮށްފި އެވެ.


މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް އަދީބު އޮންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެހެން ބައެއް ގައިދީން ވެސް ތިބީ އެ ހާލުގައި ކަމަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބު އޮންނެވީ އެހެން ގައިދީން ވެސް ގެންގުޅެމުން އަންނަ ގޮޅިއެއްގަ އެވެ. އަދި ޖަލުގައި ވަކި މީހަކާ މެދު ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ވަކި ތަފާތު ކުރުމެއް އަދީބާ މެދު ނުގެން ގުޅެން، އަދީބު އޮންނެވީ ހޮހޮޅައެއްގައެއް ނޫން، ކޮންކްރީޓުން ތަނެއް ހަދައިގެން މީހަކު ގެންގުޅެމުން ނުދޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލުގައި ތިބޭ ހުރިހާ ގައިދީންނާ މެދު އަމަލު ކުރަމުން އަންނަނީ އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ކަމަށެވެ. ގައިދީންގެ ކަންކަން ގާތުން ބަލަމުން އަންނައިރު، އެ މީހުންނަށް ކާން ދެނީ އިންސާނުންނަށް އެންމެ އެކަށީގެންވާ އެއްޗެހި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފުށީ ޖަލުގެ ޔުނިޓް ދިހައެއްގައި ހުންނަވައި މި މަހުގެ ކުރީކޮޅު މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަދީބުގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާ އެކު ކުރެވޭ މުއާމަލާތްތަކުން އެނގިވަޑައިގެންފައިވާ ކަމަށެވެ.

"ޔުނިޓް ދިހައެއްގައި އަޅުގަނޑާއި އަދީބު، ބިތްގަނޑު ޖަހައި ވަކިކޮށްފަައިވާ ބައިތަކުގައި ތިބޭއިރު، އޭނާގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާ އެކު ކުރެވޭ މުއާމަލާތްތަކުން އަޅުގަނޑަށް އެނގިފައިވެ އެވެ،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.