ރަސްފަންނު މޫދަށް މިރޭ ބަޔަކު ބަޔަކު ކަޅު ތެޔޮ އަޅައި ދިން ގެއްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ވަރަށް ހުތުރު އަމަލެއް ކަމަށް ހައުސިން މިނިސްޓަަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްފަންނު ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެތަނަށް ކަޅު ތެޔޮ އެޅިކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވީ ފުލުހުންގެ ފަރާތުން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކަޅު ތެޔޮ އެޅުމުން ވަރަށް ބޮޑަށް މޫދު އޮތީ ކިލަނބުވެފައި. މިއީ ވަރަށް ހިތާމަހުރި ކަމެއް. އާއްމުން ބޭނުންކުރާ މިކަހަލަ ތަނަކަށް ގެއްލުން ދިނުމަކީ އެއްވެސް ބަޔަކުކޮށްގެންވާނެ ކަމެއް ނޫން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެތަނަށް ކަޅު ތެޔޮ އެޅީ ބަޔަކު ދޯންޏަކުން ބޭރު ތޮށީގެ ކެނޑުމެއް ކައިރިއަށް މަޑުކޮށްފައި ކަމަށެވެ. އަދި އޮޔާއެކު އެތެރެއަށް ވަން ބައެއް ކޮތަޅުތައް ފަޅައިގެން މޫދު ވަރަށް ބޮޑަށް ކިލަނބުވެފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މީގެ ކުރިން މިތާ ކައިރީގައި އޮތް ނަޖިސް ހޮޅިއެއް ބަޔަކު ވަނީ ފަޅާލާފައި. އެވެސް ތޫނު އެއްޗަކުން ގެއްލުންދީ ބަޔަކު ފަޅާލީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކަޅު ތެޔޮ އެޅުމުން ވަރަށް ބޮޑަށް މޫދު އޮތީ ކިލަނބުވެފައި. މިއީ ވަރަށް ހިތާމަހުރި ކަމެއް. އާއްމުން ބޭނުންކުރާ މިކަހަލަ ތަނަކަށް ގެއްލުން ދިނުމަކީ އެއްވެސް ބަޔަކުކޮށްގެންވާނެ ކަމެއް ނޫން، ޑރ. މުއިއްޒު
ޑރ. މުއިއްޒު ވިދާޅުވީ އެތަން އާއްމުން ބޭނުންކުރަން އަލުން ހުޅުވާލާނީ އީޕީއޭ އިން ދޭ ލަފަޔާ އެއް ގޮތަށް ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރަސްފަންނު ކައިރީގައި އޮންނަ ނަޖިސް ހޮޅި ފަޅާލުމާ ގުޅިގެން އެހެން ދިމާލަކަށް ބަދަލުކުރަން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.
"ބަޔަކު ދީފާނެ ގެއްލުމަކަށް ކިހިނެތްތޯ މިތާގައި ހުރި ކެނޑުންތައް ބަންދުކުރާނީ. އެއީ އޮއި ދަމަން ހެދިފައި ހުރި ތަންތަން،" މިނިސްޓަރު ވިދާޅުވި އެވެ.