17 އެޕްރީލް 2025 - 19:51
ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް) އިން މި އަހަރަށް މުޅި ދުނިޔެ އިން ހޮވައިލި އެންމެ ނުފޫޒުގަދަ ޒުވާން ލީޑަރުންގެ ތެރޭގައި، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާ، އައިޝާ ނޫރްއައިން ޖަނާހު ހިމެނިއްޖެ އެވެ.
މިއީ މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް، ރައްކާތެރި ކުރުމުގެ ދާއިރާ އިން ދިވެއްސަކަށް ވޯލްޑް އިކޮނޮމިކް ފޯރަމުން ދިން ފުރަތަމަ ޝަރަފު ވެސް މެ އެވެ.
ނޫރްއައިންއާ އެކު، ޑަބްލިޔުއީއެފް މި އަހަރަށް ހޮވައިލި ޒުވާން ލީޑަރުންގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި ނޮބެލް ސުލްހައިގެ އިނާމު ހާސިލް ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ގައުމުތަކުގެ ވެރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި، ތައިލެންޑުގެ ބޮޑުވަޒީރު ޕައިތޮންގްތާން ޝިނަވާތުރަ ވެސް އެކި ދާއިރާތަކުން މި އަހަރަށް ހޮވައިލި 116 ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. ބައެއް ގައުމުތަކުގެ މިނިސްޓަރުން ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.
ޑަބްލިޔުއީއެފުގެ މި ޝަރަފުވެރި ލިސްޓުން ނޫރްއައިން ޖާގަ ހޯއްދެވީ، މީހުން ބިނާކުރުމާއި ތިމާވެއްޓާއި ސަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް، އޭނާ އިސްވެ އުފައްދަވާފައިވާ ކަނޑޫފާ ފައުންޑޭޝަނުން ދެކުނު އޭޝިއާގައި ކުރަމުން އަންނަ މަސައްކަތަށެވެ.
"މި ޝަރަފަކީ ހަމައެކަނި އަޅުގަނޑަށް ލިބުނު ޝަރަފެއް ނޫން. މިއީ އަޅުގަނޑުގެ އާއިލާ އާއި މުޅި ދިވެހި މުޖުތަމައުއަށް ނިސްބަތްވާ ޝަރަފެއް. އަޅުގަނޑު މިހުރީ، މި ފުރުސަތުގެ ބޭނުން ހިފައި، މުޖުތަމައުއަށް އެންމެ ބޮޑު ފައިދާއެއް ނެރެދިނުމުގެ އަޒުމުގައި،" ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީގެ ޗެއާާމަންގެ މަގާމު ވެސް ފުރުއްވާފައިވާ އުމުރުން 34 އަހަރުގެ ނޫރްއައިން ވިދާޅުވި އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީގެ ދޮށީ ދަރިކަބަލުން ނޫރްއައިންއަކީ ޗާޓާޑް އެކައުންޓަންޓެކެވެ. ނަމަވެސް، ނިއުޒީލެންޑުން ކިޔަވައި ވިދާޅުވުމަށް ފަހު، އިންސާނީ ހައްގުތަކާއި ނަސްލީ އިމްތިޔާޒަށް ވަކާލާތު ކުރެއްވުމުގައި ނޫރްއައިން އަކީ މަޝްހޫރު ބޭފުޅެކެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޖަނާހު އާއި ދަރިކަނބަލުން ނޫރްއައިން އަދި ދަރިކަލުން މަޝްވަރާއެއްގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިގޮތުން، މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ "އޮތެންޓިސިޓީ އައުޓޭރޯ"ގެ ނަމުގައި އެންޖީއޯއެއް އުފައްދަވައިފަ އެވެ. އެ އެންޖީއޯ އިން އަންހެނުން ބާރުވެރިކޮށް، ނަސްލީ ތަފާތު ކުރުންތައް ނައްތާލައި ޒުވާންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެ އެވެ.
ޑަބްލިޔުއީއެފްގެ ކްލާސް އޮފް 2025 ގައި ހިމެނިވަޑައިގަތުމުން، ތިން އަހަރު ދުވަހުގެ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ނޫރްއައިން ފުރިހަމަ ކުރައްވާނެ އެވެ.
ޑަބްލިޔުއީއެފުން، ކޮންމެ އަހަރަކު ވެސް މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ 100 އަށް ވުރެ ގިނަ ލީޑަރުން ހޮވަނީ އެ މީހުންގެ އީޖާދީ ވިސްނުމާއި ކުރިއެރުމުގެ މަސައްކަތްތަކާއި މާނަ ހުރި ބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށް ބެލުމަށް ފަހު އެވެ.
ނޫރްއައިން ރާއްޖޭގައި އޯ ލެވެލް ނިންމެވުމަށް ފަހު އުމުރުން 15 އަހަރުން ފެށިގެން މަތީ ތައުލީމަށް ކިޔަވައި ވިދާޅުވުމަށް ވަރަށް ގިނަ ދުވަސް ވަންދެން ނިއުޒީލެންޑުގައި އުޅުއްވި ނަމަވެސް މިހާރު ވަނީ ރާއްޖެ އަށް ބަދަލުވެވަޑައިގެންފަ އެވެ. ނޫރްއައިން ރާއްޖެ އިން ބޭރުގައި އެންމެ ފަހުން ވަޒީފާ އަދާކުރެއްވި އެކައުންޓިންގެ މަޝްހޫރު ކުންފުނިތައް ނުވަތަ "ބިގް ފޯ" ފާމްތަކުގެ ތެރޭގައި އާނެސްޓް އެންޑް ޔަންގް ހިމެނެ އެވެ. އެ ތަނުގެ މެނޭޖަރު މަގާމު ވެސް ފުރުއްވި އެވެ.
އޭނާގެ އޭރުގެ މަސައްކަތަކީ ނިއުޒިލެންޑާއި އޮސްޓްރޭލިއާ އާއި ނޯތު އެމެރިކާގެ ބަނގުރޫޓުވަމުން ދިޔަ ވިޔަފާރިތަކުގެ އޮޑިޓްތައް ބަލަހައްޓައި ކުންފުނިތަކުގެ މާލީ ކަންކަން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
20 April 2025
މެޑަމް ވެސް ހުއްޓާ ކޮންގޮތަކުން މި ބޭފުޅާ ހޮވުނީ؟ އެއްގޮތަކަށް ވެސް ބަލައި ނުގަންނަން. ކޮންމެ ވެސް އެރަރ އެއް އެބައުޅޭ.
ތަމެންދޯ
18 April 2025
މިފަދަ ތަންތަނަށް މީހުން ހޮވާ ގޮތް މަމެން ވަރަށް ރަނގަޅަށް ދަންނަމޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ ތިޔާއީ އަދި ފޮތުގެ ބޭރުގަނޑޭ ބޭރުގަނޑު ބަލާލައިގެން ނޭގޭނެއޭ ތަނެއް ދޮރެއް ދޯ...
ގައުމީ
18 April 2025
މަރުހަބާ ނޫރައިން. ފާހަގަކޮށްލަން މީގެކުރިން ރާއްޖެއަށް މި ޝަރަފް ހޯއްދަވައި ދެއްވީ ކުރީގެ ބަންޑާރަ ނައިބް ސ.ހުޅުދޫ ދިޔާނާ ސައީދު އޭގެފަހުން ނިމިދިޔަ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރ ސ.ހުޅުދޫ އާމިނަތް ޝައުނާ މިފަހަރު ސ.ހުޅުދޫ ނޫރައިން މަރުހަބާ އައްޑޫ ހުޅުދޫގެ ފިސާރި ކަނބަލުން.
ޢަނަނި
18 April 2025
ޝައުނާ އަކީ ކީއްކުރި މީހެއް މި އެވޯޑު ލިބެން؟
ތަކުރުފާނު
18 April 2025
ނޫރުއައިން އަކީ ޓެލެންޓެޑް އަންހެން ކަނބަލެއް. ޢެކަމަކު ތިކަހަލަ އެވޯޑަކީ މިހާރު އެއްވެސް އަގެއް ހުރި އެއްޗެއްނޫން.. މިސާލަކަށް ދާދި އިހަކަށް.ދުވަހު ކުރީގެ ރައީސް ނަޝީދައް އެއޮއް މަޝްހޫރު ހައިބަތު ހުރި ނިއުސް ވީކް އިން އެދިނީ ދުނިޔޭގެ އެންމެ ވަރުގަދަ 5 ސިޔާސީ ލީޑަރުންގެ ތެރެއިން އެކެއްގެ ޝަރަަފު. މިއީ މިގަރުނުގެ އެންމެ ބޮޑު ޖޯކް. ޢެއި ޖެހިޖެހިގެން 4 ބަލިން ބަލިވެފައިހުރި މީހެއް. އާދެ ހެޓްރިކެއްނޫން ހައުލްއެއް ހެދީ.
ތަކުރަ
19 April 2025
ތަކުރުފާނު ޖޭ ވަނީޔޭ ދެންކުރާނެކަމެއްނެތް
ގައުމީ
18 April 2025
ގައުމަށް ރީތިނަމާއި އެކު އެހާމެ ރީތި ޒުވާނެއް. މަރުހަބާ ނޫރައިން.
އަލީ ސައީދު2
18 April 2025
ފެންނަ ހިނދު ކޮންމެތާކުން ނަންއަހާ ހިތްވަނީއޭ!
ބުންބޯ
18 April 2025
ޔަންގ ރިޗް
ބަފާ ޖަނާ
18 April 2025
ބައްޕަ ކުންފުނިން ހާދަ ކަމެއް ހިންގާލައޭ މީހުނަށް ނޭނގި
އަޅި އަލީ
18 April 2025
ވަރަށް ބޮޑަށް މަރުހަބާ! ތިޔައީ މިގައުމުގެ ފަހުރު!
ޢެޑްމުންޑޯ
18 April 2025
މަރުހަބާ ! ގައުމަށްވެސް ލިބުނު ރީތިނަމެއް ،