15 މެއި 2024 - 10:30
ނިއުޒީލެންޑުގައި ފައްޓަވާފައިވާ ދިރިއުޅުމާއި ވަޒީފާގެ ކާމިޔާބީތައް ދޫކުރައްވައި، މުޅި ދިރިއުޅުން އަލުން ރާއްޖެ އަށް ބަދަލުކުރެއްވުމުގެ ވިސްނުމެއް އޭރު އެއްވެސް ވަރަކަށް އޭނާގެ ނެތެވެ. މީގެ ދެ އަހަރު ކުރިން އޭނާ ރާއްޖެ ވަޑައިގަތީ ބައްޕަގެ އިސްނެންގެވުމަށް ބޭއްވި ކޮންފަރެންސްއެއް ހުށަހަޅައިދެއްވާށެވެ. އެކަމަކު، އެ ދަތުރުގައި މަހެއްހާ ދުވަސް ހޭދަކުރެއްވުމާ އެކު، އޭނާގެ ހުރިހާ ކަމެއް ވެސް ބަދަލުވީ އެވެ. ކުރިމަގު ރާއްޖެ އަށް އެނބުރުނީ އެވެ.
އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާ، 33، އެންމެންގެ ހިތް އަތުލައްވައިފި އެވެ. އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ބަންޑުންކޮށްލައި، ތައުރީފު އޮއްސާލައިފި އެވެ. އޭނާގެ ދާއިރާގައި އޭނާ އަކީ، ކިހާ ފެންވަރެއްގެ އަދި އޭނާގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު އުފައްދާނެ ޖާގައެއް ނެތްހާ ވަރަށް އޭނާގެ ހުނަރު ސާބިތުކޮށްދެއްވައިފި އެވެ.
މިއީ ކުރިމަގުގެ ތަރިއެކެވެ. އެކަމާ ދޭތެރޭ ސުވާލެއް ނެތެވެ.
ނޫރްއައިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. ރާއްޖެ އަށް އުފަން، އަދި އުމުރުގެ ޅަފަތް ރާއްޖޭގައި ހޭދަކުރެއްވިޔަސް، އޭނާ ކިޔަވާ ވިދާޅުވީ ނިއުޒީލެންޑްގަ އެވެ. އޭނާއަކީ އެ ގައުމުގައި އެކައުންޓިން ދާއިރާ އާއި އިންސާނީ ހައްގުތަކާއި ނަސްލީ އިމްތިޔާޒަށް ވަކާލާތުކުރެއްވުމުގައި މަޝްހޫރު ބޭފުޅެކެވެ.
ނޫރްއައިން "މިހާރު" އާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގައި އޯ ލެވެލް ނިންމެވުމަށް ފަހު މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިން އޭނާ ނިއުޒީލެންޑަށް އާއިލާއާ އެކު ބަދަލުވެ ވަޑައިގަތީ، ރަނގަޅު ފެންވަރެއްގެ މަތީ ތައުލީމެއް ހާސިލު ކުރައްވާށެވެ. ސްކޫލުގައި ސައިންސް ސްޓްރީމް ކިޔަވާ ވިދާޅުވިޔަސް، އޭނާ މަތީ ތައުލީމު ހާސިލު ކުރައްވަން ބޭނުންވީ، އެކައުންޓިން ދާއިރާއިންނެވެ. އޭނާ އަކީ ޗާޓާޑް އެކައުންޓެންޓެކެވެ. ކިޔަވާ ވިދާޅުވުމަށް ފަހު ނިއުޒީލެންޑުގައި ވަޒީފާ އަދާކުރައްވަން ނިންމެވި އެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެޑްވަޓައިޒިން ކުންފުންޏެއްގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ ގޮތުގަ އެވެ.
ނޫރްއައިން އެންމެ ފަހުން އަދާކުރެއްވީ އެކައުންޓިންގެ މަޝްހޫރު ކުންފުނިތައް ނުވަތަ "ބިގް ފޯ" ފާމްތަކުގެ ތެރޭގައި ހިމެނޭ އާނެސްޓް އެންޑް ޔަންގުގެ މެނޭޖަރު މަގާމެވެ. އޭނާގެ މަސައްކަތަކީ ނިއުޒިލެންޑާއި އޮސްޓްރޭލިއާ އާއި ނޯތު އެމެރިކާގެ ބަނގުރޫޓުވަމުން ދިޔަ ވިޔަފާރިތަކުގެ އޮޑިޓްތައް ބަލަހައްޓައި ކުންފުނިތަކުގެ މާލީ ކަންކަން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތެވެ.
ނިއުރައިން ލީޑަޝިޕް ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: މިހާރު
"އަޅުގަނޑު ހާއްސަވީ އެކައުންޓިންގެ އިންސޮލްވެންސީ [ބަނގުރޫޓުވަމުން އަންނަ ކުންފުނިތައް] ގެ ކޮންސްޓްރަކްޝަން އާއި ފައިނޭންޝަން މާކެޓް ތެރޭގައި. އެ ދާއިރާގައި ނިއުޒިލެންޑްގައި އުޅުނީ 20 ޕަސެންޓް އަންހެނުން. އަދި އޮސްޓްރޭލިއާގައި 8-9 ޕަސެންޓް. އަޅުގަނޑު ފޮނުވާނެ ކޮންސްޓްރަކްޝަން ސައިޓުތަކަށް ވެސް. ގޮސް މިސާލަކަށް ޖެހިދާނެ ހޮޅިތަކެއް އަގުކޮށް އެކަހަލަ މަސައްކަތް ވެސް ކުރަން،" ނޫރްއައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަންހެނަކަށް ވީތީއޭ ކިޔައިގެން ފަހަތަށް ޖެހި ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ކޮންމެ މަސައްކަތެއް ވެސް ކުރަނީ ވަރަށް ކެރިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ކުރައްވާ ކޮންމެ ކަމެއްގައި 100 ޕަސެންޓް ދީގެން އެކަމެއް ކުރައްވަން އޭނާ އަބަދު ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނިއުޒީލެންޑްގައި ބޭއްވި ހާއްސަ ފޯރަމެއްގައި ނޫރްއައިން
އެ ދާއިރާގެ އެކި ފަންތީގެ ވަޒީފާތަކުގައި އޭނާ ހަތް އަހަރު އުޅުއްވި އެވެ.
އެކައުންޓިން ދާއިރާގެ މަސައްކަތްތަކުގެ އިތުރުން ނޫރްއައިންގެ އެންމެ ބޮޑު "ޕެޝަން" އަކީ އިންސާނީ ހައްގުތަކާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކޮށް އެކަމަށް ވަކާލު ކުރުމެވެ. ސްކޫލު ދައުރުން ފެށިގެން ވެސް ކަންކަމުގައި އަމިއްލަ އަށް އިސް ނަންގަވަ އެވެ. މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީގެ ނުވަ އަހަރު ކުރިން އޭނާ ވަނީ "އޮތެންޓިސިޓީ އައުޓޭރޯ"ގެ ނަމުގައި އެންޖީއޯއެއް އުފައްދަވައިފަ އެވެ. އެ އެންޖީއޯ އިން އަންހެނުން ބާރުވެރިކޮށް، ނަސްލީ ތަފާތު ކުރުންތައް ނައްތާލައި ޒުވާންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ނޫރްއައިންގެ އެންޖީއޯގެ ފަރާތުން ހާއްސަ އެވޯޑަކަށް އޭނާ ވާދަކުރައްވަނީ -- ފޮޓޯ: މިހާރު
އިންސާނީ ހައްގުތަކުގެ ދާއިރާއާ ގުޅޭ ޗެރިޓީ މަސައްކަތްތަކުގަ އާއި އެކަހަލަ ފޯރަމްތަކުގައި އޭނާ އަކީ ބަސް ބުނަން ކެރޭ ކުޅަދާނަ ވާހަކަ ދެއްކުންތެރި އެވެ. އޭނާ ވަނީ ނިއުޒީލެންޑްގެ މަގްބޫލު މެގަޒިންތަކުގައި ވެސް ފީޗާ ކޮށްފަ އެވެ.
ނޫރްއައިންގެ ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރައްވަން ޖެހިވަޑައިގަތް އެންމެ ބޮޑު އެއް ސަބަބަކީ، އޭނާގެ ބައްޕަ، ޖަނާގެ ވިޔަފާރީގެ އެހީތެރިވެދެއްވުމަށެވެ. ބައްޕަގެ ޓޫރިޒަމް ވިޔަފާރި އިތުރު ހަރުފަތްތަކަށް ގެންދިއުމަށެވެ. ކޮންޓްރެކްޓަރެއްގެ އިތުރުން އެ ކުންފުނި، ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓްމެންޓް ޕްރޮޖެކްޓް މެނޭޖްމެންޓާއި ކޮންސަލްޓިން އަދި މެރިން ދާއިރާ އަށް ވަދެ މިދިޔަ ދެ އަހަރު ތެރޭ އިތުރަށް ފުޅާ ކުރި އެވެ. ނޫރްއައިން އަކީ އެ ކުންފުނީގެ ވައިސް ޗެއާޕާސަން އެވެ.
ނޫރައިން އާއި އޭނާގެ ބައްޕަ (ކ)، ކޮއްކޮ (މ)، މަންމަ (ވ) އިށީންދެލައިގެން -- ފޮޓޯ: ނިޝާން އަލީ / މިހާރު
ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓްމެންޓަކީ، ކޮންސްޓަރްޝަން އިންޑަސްޓްރީގައި ނަން މަޝްހޫރު ކުންފުންޏެކެވެ. އަދި ހާއްސަކޮށް ރިސޯޓުތައް ތަރައްގީ ކުރުމުގައި އެ ކުންފުނީގެ ބައިވެރިވުން ބޮޑެވެ. ނޫރްއައިން މިހާރު މަސައްކަތް ކުރައްވަނީ، އާ ދާއިރާތަކުން ވެސް ކުންފުނީގެ ނަން އިތުރަށް ވަރުގަދަ ކުރުމަށެވެ.
"މި ކުންފުނި އެއްކޮށް ވަރަށް ބޮޑަށް ބަދަލުތައް ގެނެސްފިން. ކުރިއަށް އޮތް އަހަރުތަކުގައި އާއިލާއެއްގެ ގޮތުގައި ކޮންމެ ދުވަހަކު މި ކުންފުނީގައި ނޫޅުނަސް، ސަސްޓެއިން ކުރެވޭނެ ކުންފުންޏަކަށް ހެދުމަށް، އަދި ވަރަށް ބޮޑަށް ޕްރޮފެޝަނަލައިޒް ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި އުޅުއްވި އިރު ވެސް އޭނާ ދިވެހި ބަހާއި ސަގާފަތަށް ވަރަށް ލޯބިކުރައްވަ އެވެ. ހާއްސަކޮށް ދިވެހި ތާރީހަށެވެ. އަދި ރާއްޖެއަށް ހިދުމަތްކުރައްވަން ވެސް އޭނާ ބޭނުންވެ އެވެ. އެހެންވެ، ރާއްޖެ އަށް ބަދަލުވާން ވިސްނަވަން ފެއްޓެވި ހިސާބުން ވެސް އޭނާ އައީ، ރާއްޖެ އަށް ހިދުމަތް ކުރެވޭނެ ފުރުސަތަކަށް އިންތިޒާރު ކުރަމުންނެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ ތެރެއިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމު ހުށަހެޅުމާ އެކު އެ ފުރުސަތު ބޭނުން އަވަހަށް ހިއްޕެވީ ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު އެމްއެމްޕީއާރްސީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އޮތް ނަމަވެސް ބޯޑުގައި ޕާމަނަންޓް ޗެއާޕާސަނެއް ނުހުރެ އެވެ. އެހެންވެ، ނޫރްއައިން އަކީ އެމްއެމްޕީއާރްސީ ކުންފުންޏެއްގައި ހިންގަން ފެށިފަހުން އެ ކުންފުންޏަށް ކަނޑައެޅި ފުރަތަމަ ޗެއާޕާސަން އެވެ.
ނޫރްއައިން "މިހާރު" އާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"ވަރަށް ގިނަ ބޭފުޅުންނަށް ހީވަނީ ކަން ނޭންގެ ބައްޕަ އެރޭންޖުކުރި މަގާމެއް ކަމަށް މިއީ އެކަމަކު މި މަގާމު އަޅުގަނޑަށް ހުށަހެޅި އިރު ބައްޕަ ހުންނެވީ ބޭރުގައި. ބައްޕަ އަށް އެނގި ވެސް ނުލައްވާނެ،" އޭނާ ވިދާޅުވި އެވެ.
ނޫރްއައިން ވިދާޅުވީ، ބޭނުން ވަނީ އެ ކުންފުނި ރީސްޓްރަކްޗާކޮށް ރީބްރޭންޑް ކުރުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމުން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ ޕްރޮމޯޓް ކުރުމުގައި ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ކަންކަން ކުރައްވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫރްއައިން ހުރީ ކުރިއަށް ވަޑައިގަތުމުގެ ވަރުގަދަ އަޒުމަކާ އެކު އެވެ. އާއިލީ ވިޔަފާރި ފުޅާ ކުރުމުގެ އޭނާގެ ވިސްނުންތަކެއް ހުރި ގޮތަށް، ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި ވެސް އޭނާގެ އަމާޒުތަކެއް އެބަހުއްޓެވެ. އޭނާ ބޭނުންވަނީ އިންގިލާބީ ބަދަލުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮނުވާނެ
28 March 2025
ނޫރައިން ޖަނާހު، ޕުރޮފެސަރު އުގޭލުފަދަ ޢިލްމީ ގާބިލް މީހުންނަކަށް މިގައުމުގައި ކުރިއެރުމެއް ނެތެވެ. މިތަނަށް ބޭނުންވަނީ މިނިސްޓަރުކަން ލިބުނީމަ ނައިޓްކުލާހަށް އިގިރޭސި ކިޔަވަންދާ ދަރިފުޅަކާއި ހަތަކުން ކަނޑާލާފަ ޓިނުކޮޅެއް ވަގަށްނަގައިގެން ހުކުމެއްގަ ހުރި އަވަގުރާނައިން މަތީ ތައުލީމު ހާސިލުކޮށް ސަނާ ކިޔާނެ ޖާހިލުންނެވެ. ގައުމެއް ހަލާކުވެ ފަސާދަވެގެންދާނީ މިވަރަކަށެވެ.
ކޮމެންޓިސްޓުން
19 May 2024
އެކަކު ވަޒީރަކށް ހުރެ ވާހަކަދަށްކާ ގޮތް ކަމުނުދާތީ ޤާބިލް ނުވަނީ. އަނެކަކު ދުނިޔޭގެ ނަންމަޝްހޫރު ކުުންފުންޏެއްގައި މަސައްކަތްކޮށް އަދި ރީތިކޮށް ވާހަކަ ދައްކާތީ ޤާބިލުނުވަނީ. ކޮމެންޓު ކުރައްވާ ބޭފުޅުން ހިސާބަށްވުރެ ބޮޑަށް ޙަސަދަވެރިވަނީ ކަންނޭންގެ. ނޫނީ ނޫސްތަކުން މާބޮޑަށް މީހުން ޕްރޮމޯޓުކޮށް ޑީމޯޓު ކުރަނީ ކަންނޭންގެ. ކޮންމެއަކަށް ވިހަ ވިސްނުމާއި ވިހަ ކޮމެންޓު ވަނީ ގިނަ.
މަޖީދު
17 May 2024
ނޫރައިނި އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. ވަރަށް މޮޅު ހިތްތިރި ބޭފުޅެއް. މަޝްހޫރު ޢަލީ ހުސޭނަށް ކާފަ ވިދާޅުވާ ބޭފުޅެއް.
ކޮންހުނަރު1
16 May 2024
ކޮން ހުނަރެއްތޯ ފެނިގެން މިއުޅެނީ. އިނގިރޭސި ބަހުން ވާހަކަ ދެއްކުމުގެ ހުނަރުތޯ. ހުނަރު ހުރިކަން ނެތްކަން އެނގޭނީ ކުރިމަގުގައި ދޯ. އިނގިރޭސިބަހުން ހިނިތުންވެފަ ރީތިކޮށް ވާހަކަ ދައްކާލީމާ އަދި ހުނަރުގެ ވާހަކަ ލިޔާވަރެއް ނުވޭ. މިފަދަ ބޭފުޅުން އަބަދުވެސް އުޅެނީ، ވިޔަފާރި އުޞޫލުން މާކެޓީން ޖައްސަންވެެގެން. ކަމެއް ކޮށްފަ އެވާހަކަ ދެއްކީމާ ދެއްތޯ ރަނގަޅު ގޮތަކީ.
ކަތުން
16 May 2024
ވަކި މޮޅަށް އިނގިރޭސިން ވާހަކަ ދައްކަން އިނގުމަކީ މީހާގެ ވިސްނުން ތޫނުކަން ދޭހަކޮށްދޭ ކަމެއްނޫން. އެކަމަކު މި މަންޖެ ގެ ވިސްނުންތޫނު ކަން ވަކި ނޭގޭ އަދި.
ލޮލްޒ
16 May 2024
މައްސަލައެއް ނެތް. މޮޅަށް ވާހަކަ ދެއްކުމަކީ ޤާބިލުކަން މިންކުރެވޭނެ ހަމައެއް ނޫން. އެކަމަކު ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި ބޭރު ދުނިޔޭގައި ތަމްސީލުކަރަން ހަވާލު ކުރަން ޖެހޭނީ ދޫ ފަރިތަ ބަސްމޮށުންތެރިކަމަށް މޮޅު މީހުން.
ހިލަބެ
16 May 2024
ނަންލިޔާއިރު އިއްނާނީ ނޫރައިން މިގޮތަށް ކިޔާނީވެސް ހަމައެގޮތަށް ނޫރައިން
އެކަމު
17 May 2024
އޭނަ އަމިއްލައަށް ނަން ކިޔާ އުޅޭ ގޮތަކަށްތާ ލިއަންވާނީ. ދިވެހިބަހުން ލިއެފަ އޮތް އޭނައާ ބެހޭ ލިއުމެއްގަ އޭނަގެ ނަން ލިއެފަ އޮންނަންވާނެ ގޮތް އޭނައަށް ނޭނގޭނެމަ ފުރަތަމަ އަމިއްލަ ނަން ރަގަޅަށް ދިވެހިބަހުން ލިއަންވީ ގޮތުގެ ހުނަރެއްނު ދަސްކުރަންވީ.
ހާދީ22
16 May 2024
ކީކޭބާ "ޢިލްމުވެރިން" ބުނަނީ.
މުޙައްމަދު ޝާމިޚު
15 May 2024
މީ ކޮން ކަހަލަ ބައެއް...ކިތަންމެ ރަނގަޅު މީހަކު އުފެދުނަސް ދިވެހީންގެ ތެރެއިން ބައެއް މީހުން އުޅެނީ ކޮންމެ ވެސް ގޮތަކުން ބަދުނާމު ކޮށްލެވޭތޯ؟
މުޙައްމަދު ޝާމިޚު
15 May 2024
ރައީސް ނަޝީދާއި ނޫރައިން ވަރަށް ތަފާތު...އަޅައި ކިޔާކަށް ނުޖެހޭ...