ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
05 މެއި 2025 - 10:50
ސްކޭމްތަކުގައި މިދިޔަ މަހު 1.6 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އެކަމަކު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މި އަހަރުގެ އޭޕްރީލް މަހު ހުށަހެޅި މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެންޓި-ސްކޭމް ސެންޓަރުން ފޭސްބުކްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރި ޕޯސްޓުގައިވާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ މި އަހަރުގެ އޭޕްރީލް މަހު ހުށަހެޅި ސްކޭމްގެ މައްސަލަތައް 43 ޕަސެންޓު ވަނީ މަދުވެފަ އެވެ.
މިދިޔަ މަހު ސްކޭމްގެ 140 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 63 މައްސަލަ ހުށަހެޅި އެވެ. ދެ ވަނައަށް، ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 29 މައްސަލައެއް އަދި ވަގު އެކައުންޓު ހަދައިގެން ލޯބިވެރިޔާ ކަމަށް ހެދިގެން ރުފިޔާ ހޯދި ތިން މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި ސްކޭމްތައް އެންމެ ގިނައިން ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް އާއި ޓެލެގްރާމާއި ވައިބާ އަދި އިންސްޓަގްރާމްގަ އެވެ.
އެގޮތަށް ހިންގި ސްކޭމްތަކުން 1.6 މިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އޭގެ ތެރެއިން 126،717ރ. ވަނީ ރިކަވާކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ސްކޭމްގެ 246 މައްސަލައިގައި 2.2 މިލިއަން ރުފިޔާ ގެއްލުނެވެ. އެކަމަކު، އެ މަސް ނިމުނުއިރު އެއްވެސް އެއްޗެއް ރިކަވާއެއް ނުކުރެވެ އެވެ.
- އޮންލައިން މުއާމަލާތްތަކުގައި ރަސްމީ އަދި ގާނޫނީގޮތުން ގަބޫލުކުރެވޭ ޕޭމަންޓު ގޭޓްވޭތައް އެކަނި ބޭނުންކުރުން
- ނުދަންނަ ބޭރު ނަމްބަރުތަކުން ފޮނުވާ މެސެޖުތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަމްބަރުތަކަށް ގުޅާފައި އަންނަ ކޯލުތަކަށް ޖަވާބު ނުދިނުމާއި އެ ނަމްބަރުތައް ބްލޮކްކުރުން
- ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސެންސް ލިބިފައިވާ މަނީ އެކްސްޗޭޖު ތަންތަނާއި ބޭންކުތައް މެދުވެރިކޮށް މުއާމަލާތްކުރުން
- އޮންލައިން ޕްލެޓްފޯމްތަކުގައި ދޭ އަގުތަކާއި ޑިސްކައުންޓްތައް މާކެޓް ރޭޓާ އަޅާކިޔައި އާދަޔާ ހިލާފަށް ކުޑަ އަގެއްގައި ތަކެތި ވިއްކާނަމަ އިތުރަށް އެކަން ބެލުން
- އޮންލައިން ޑޭޓިން ޕްރޮފައިލްތަކުގައި ފެންނަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން އަދި ފޮޓޯތައް ރިވާސް އިމެޖް ސާޗުކޮށްގެން ޗެކްކުރުން އަދި ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބަލައި ޗެކްކުރުން
- އެއްވެސް މީހަކަށް އަމިއްލަ ބޭންކް އެކައުންޓުގެ މައުލޫމާތާއި ޕާސްވޯޑު އަދި ޕިން ނަންބަރު ފަދަ މައުލޫމާތުތައް ނުދިނުން
- އޮންލައިން ވިޔަފާރި ވެބްސައިޓްތަކުގެ ރިވިއުތަކާއި އެ ވެބްސައިޓްތަކުގެ އެޑްރެސް ރަނގަޅުތޯ އަދި ވެބްސައިޓްގެ ސެކިއުރިޓީ ސެޓްފިކެޓް ޗެކްކުރުން
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް ހެދީ މިދިޔަ މާޗު 17 ވަނަ ދުވަހުގެ އެވެ. އޭގެ ފަހުން، މި ވީ ދޮޅު މަސް ދުވަހުގެ ތެރޭގައި 229 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެއީ 2.2 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. ރިކަވާކޮށްފައިވަނީ 427،304ރ. އެވެ. އަދި އެ މުއްދަތުގެ 37،155 ޑޮލަރު ގެއްލުނުއިރު 1،641 ޑޮލަރު ރިކަވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަތަކާ ގުޅިގެން 125 އެކައުންޓެއް ފްރީޒްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަރީ
05 May 2025
މިރަައްޖޭގައި އެންމެ ފާޅުކަންބޮޑުކޮށް ސުކޭމް ކުރަނީ ލިޓަސް މީހުން، ސައިކަލު ނެތީސް ލާރި ނަގަމުން 2 މަސް ވާއިރުވެސް ސައިކެއް ނުދޭ
ޖޯން ވިކް
05 May 2025
ރިޕޯޓު ކުރަން ސްކޭމް ސެންޓަރ އައްގުޅީމަ ބުނީ ސައިބަރ ކްރައިމް އިނޯ ތިމައްސަލަ ބަލާނީ. ސައިބާރ ކްރައިމްއައް ގުޅީމަ ބުނީ ސްކޭމް ސެންޓަރ އިނޯ ތިމައްސަލަ ބަލާނީ. ޕޮލިސް ވެސް ސްކޭމް ޖައްސަނީ. ދެން ކޯއްޗެއް ރިކަވާ ވާނީ؟
ޚސކސިެި
05 May 2025
ދެން ސްކޭމް ހިންގާ މީހުންނަށް އަދަބުދިނުމެއް ނޯވޭތަ؟؟
ސްޓެޓް
05 May 2025
ފުލުސް އޮފީހަކީ މިހާރު ހަމައެކަނި ތަފާސް ހިސާބު ބަލަހައްޓާ އިދާރާއެއްތޯ؟
ޙަކީމް ރަަޖް
05 May 2025
ދިވެހިން އެބަޖެހޭ ލޯ ހުޅުވަން.
އއަޔޔަ
05 May 2025
ގެއްލޭ އެއްޗެއް ދުވަހަކުވެސް ތި ފުލުހުންނަކަށް ހޯދޭކަމަކަށް ނުވޭ. އެންމެކުޑަމިނުން ހަބަރެއްވެސް ކޮށްލަނީކީނޫން