ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްއްގެ ތެރެއިން: ބަންޑާރަ ނައިބުގެ އޮފީހުގެ ބިލް ފާހެއް ނުކުރި
14 މެއި 2025 - 12:17
ބަންޑާރަ ނައިބުގެ އޮފީހަކީ ސިވިސް ސާވިސް އިން ބޭރުން ވަކި ހިދުމަތެއް ދޭ އިދާރާއެއްގެ ގޮތުގައި ހިންގަން ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލް ފާސްކުރުމާ މެދު މިއަދު ނެގި ވޯޓުގައި 67 މެންބަރުން ވޯޓު ދެއްވީ އެ ބިލް ފާސްނުކުރުމަށެވެ. އެހެންވެ، ބިލް އަލުން ކޮމިޓީއަށް ފޮނުވަން ވޯޓަށް އެހި އެވެ. އެކަމަށް 70 މެންބަރުން ވޯޓު ދެއްވި އެވެ.
ބިލް ފާސްކުރަން ވޯޓު ދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެކަންޏެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ އެ ތަނުގެ މުވައްޒަފުންނަށް ސިވިލް ސާވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާ އެއްގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.
ޕީޖީ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އާ ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އާ ބިލްގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ލީގަލް ސާވިސް އާއި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިހުތިޔާރު ވެސް ގާނޫނުން ދޭން ވަނީ ބިލްގައި ހިމަނައިފަ އެވެ. ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް އަދި ވާޖިބުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވަޒީފާ އަދާކުރަން ޖެހޭ ހަމަތައް ބިލްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
15 May 2025
ސިވިލް ސަރވިސް އައުޓް ޑޭޓެޑް ވީތަ؟ ނޫނީ މާލޭގެ މުގައްދަސް އޮފީސްތައް ހިންގަން ކަމު ނުދަނީތަ؟ މިހާރުވެސް ފޮރިން މިނިސްޓްރީ ވަކިވެއްޖެ. ދެން އޭޖީ. ކޮބާ ސިވިލް ސަރވިސް ކޮމިޝަންގެ ބަހަކީ؟
ވޯލް
14 May 2025
ސިވިލް ސަރވިސް މި ވަނީ ބޭކާރު ތަނަކަށް. އަންނަ އެއްވެސް ސަރުކާރުން ސިވިލް ސަރވިސް އިސްލާހްކޮށް ހަރުދަނާ ކުރާކަށް. ދެން ރައީސް ވިދާޅުވާނެ، ރައްޔިތުން ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ނުދެވެޢެ. ނުދެވޭނެ އެންނު. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭން ހުރި ފައިސާ ސިޔާސީ މީހުންނަށް .
އިއްލި
14 May 2025
ސިވިލް ސަރވިސްގެ އޮނިގަނޑުގައި ހުރިހާ މިނިސްޓްރީއެއް ހަމަހަމަވުމަކީ ސިވިލް ސަރވިސް ނިޒާމުގެ އުނިކަން. 200 މުވައްޒަފުންގެ އެޗްއާރު ކަންކަން ބަލަހައްޓާ ވެރިޔަކީ 50 މީހުންގެ ކަންކަން ބަލަހައްޓާ މީހާއާވެސް އެއްހަމައެއްކަމަށް އޮނިގަނޑު ގަބޫލުކުރަންޏާ އެއީ އޮނިގަނޑުގެ މައްސަލައެއް.
02120
14 May 2025
ސިވިލް ސަރވިސް އަކީ އަޅު މަސައްކަތް ކޮށް ގައުމު ނަގަހައްޓާ ޓީޗަރުން ޑރ. ދެން މިތިބީ އެލީޓު އޮފީސްތައް. ފޮރިން ކަހަލަ. މަސައްކަތަކީ ރައްޔތިންގެ ފަިއސާކައިގެން މޮޅުގައި އުޅުން
ކުދުބެއްޔާ
14 May 2025
"ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.".......... މިއިބާރާތުން ސިވިލްސާވިސްގެ މުސާރަތައް ކުޑަކަމަށް އެއްބަސްވެވޭހެއްޔެވެ؟ ސިވިލްސާވިސް ވިޔަށް މިވަރަށް ނިކަމެތި ކޮށްލާކަށް ނުވާނެދޯއެވެ!!!!!
ވިޝާންޓޭ
14 May 2025
މިހާރު ތިޔަހުރި ބަންޑާރަ ނައިބު ހަމަ ދެންމެ ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން އެވަކި ކޮށްލީ. މިސޮރާ ގާނޫނީ ބާރު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ.
ޕިކްސް
14 May 2025
މިހާރު ސިވިލް ސާވިސް އަކީ ކޮބައިކަން އޮޅިއްޖެ. ސިވިލް ސާވިސް އިންބޭރުން ހިދުމަތް ދޭން މިއުޅެނީ ކޮންބަޔަކަށް.