ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 މެއި 2025 - 09:52
ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މަސައްކަތްތައް ނިންމަން ވަކި މުއްދަތެއް ނެތް ގޮތަށް ގަވައިދު ހަދައި އިއްޔެ އާއްމުކޮށްފި އެވެ.
އެ ކޮމިޝަނުން ގެޒެޓްކުރި ގަވައިދުގައި ބުނާ ގޮތުން، ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މަސްއޫލިއްޔަތަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތިން ޒުވާނަކު ވެއްޓުނު މައްސަލައިގެ މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް އެ ހާދިސާގެ ހަގީގަތް ހޯދުން ކަމަށެވެ.
އޭގެ އިތުރުން އެ ހާދިސާއާ ގުޅޭ ގޮތުން މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅުތައް އަޅައި އަދި އެ ކަމުގައި ކަން ހިނގާފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ތަހުގީގުކޮށް ރައީސަށް ލަފާއެރުވުމަކީ ވެސް މަސްއޫލިއްޔަތެވެ.
ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ތަހުގީގުތަކަށް އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތައް ގެނައުމާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ. އޭގެ ތެރޭގައި، މީހުން ހައްޔަރުކުރުމާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ ކޯޓު އަމުރުތަކަށް އެދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމިޝަން ނޫން އެހެން ފަރާތަކުން އެ މައްސަލަ ތަހުގީގުކޮށްފައިވާ ނަމަ އެ ތަހުގީގަކުން ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުމަކީ އެ ކޮމިޝަނަށް ދީފައިވާ ބާރުތަކެވެ.
ހަވާލުކޮށްފައިވާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަކީ މެމްބަރުންގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަމެކެވެ. އަދި ކޮމިޝަންގެ މަސައްކަތް ނިމޭނީ އެ ގަރާރުން ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުންނެވެ. އެހެންވެ، ގަވައިދުގައި އެކަމަށް ވަކި މުއްދަތެއް ނެތެވެ.
އެ ކޮމިޝަންގެ މަސައްކަތްތައް ފަށައި، ކޮމިޝަނަށް މައުލޫމާތު ހިއްސާކުރަން މިހާރު ވަނީ ޕޯޓަލް އެއް ގާއިމްކޮށްފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. އެ ކޮމިޝަންގައި ފުރަތަމަ ހިމެނި ތިން ބޭފުޅުންގެ ތެރެއިން ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވުމުން، އިތުރު ދެ މެމްބަރުންނާ އެކު ފަހުން ވަނީ ކޮމިޝަން އެކުލަވާލައިފަ އެވެ. ކޮމިޝަންގައި މިހާރު ހިމެނެނީ؛
- ކުރީގެ ބަންޑާރަ ނައިބު، ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރި (ކޮމިޝަންގެ ރައީސް)
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ރަބަރުގެ
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ވަނީ އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. ޔުމްނު އާއި ރައުދު ފެންޓޯނިއާގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް، އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ، ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
ޔުމްނު ވެއްޓުނުތާ އެތައް އިރެއް ފަހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ. އެކަމަށް، އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދީފައި ވާއިރު ޓިކްޓޮކް ލައިވެއްގައި ވެސް އާއްމުން ވަނީ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
15 May 2025
ތިވީގޮތުން ޗާގޯސް ހޯދަންދެން ރައީސް މުޢިއްޒު ވެރިކަމުގަ ބަހައްޓަން ދައިތަމެނަށް މިޖެހުނީ.
ބަބޫ
15 May 2025
ބޮޑުމުސާރާ ދޭހާދުވަހަކު ތިޔަ ކޮމިޝަނެއް އޮންނާނެ. ތިވީގޮތުން މި ވެރިކަން ނިމޭއިރުވެސް އެމަންޖެއަށް އިންސާފެއް ނުލިބޭނެ. މައްސަލަ ނިމިއްޖިއްޔާ ތިޔަ ލިބޭ ލާރިގަނޑު ނުލިބޭނެ ވިއްޔާ
ހޮޅި
15 May 2025
ލެއްވި ނަސީބެއްގެ ބޮޑުކަމާއެ ؟ ދައުރު ނިމެއްދެން ދެގިމެންދާނެކުގެ ފެހި ސިގުނަލް މިހާރުވެސްލިބޭ ؟
ޜަދުން
15 May 2025
ދެން ކަމިސަނާ އެެކު އުޅެން ދަސްކުރާނީ ދޯ
ނޮން-ކޮމިޝަނަރ
15 May 2025
ތިހާ ބުރަ މަސައްކަތެއް ކުރާ އިރު އެލަވަންސްއެއްގެ ބަދަލުގަ މަހު މުސާރައަކާއި ކާރަކާއި އިތުރު މުވައްޒަފުން ހޯދުން ރަގަޅުވާނެ ކަމަށް ފެނޭ. މިއޮތީވާ ކަމެއް. އުޞޫލާ ނޫސް ކޮންފަރެންސާ ބަހައްޓާފަ ކޮންމެވެސް މަސައްކަތެއް ކޮށްބަލަ.
މޫސުމް
15 May 2025
މި ވެރިކަން ނިމޭ އިރު ވެސް ތި މައްސަލަ ބަލައި ނިމޭނެ ކަމުގެ %1 ވެސް ނެތް! މުޖްއްރިބު!! ވާނެ ކަމަކީ މަޑު މަޑުން 10 ނަގަ ނަގާއިގެން ތިބުން
އަޖޫބް
15 May 2025
ތީގެ މާނަ ވަރަށްސާފު މިސަރުކާރުގެ ދައުރު ހަމަވަންދެން ތިމައްސަލަ ބެލުމުގައި ތިބޭނީ..
ސަސި
15 May 2025
ޔުމްނު ވެއްޓުނު މައްސަލަ ބަލައި ނިމުނީމަ، މުނައްވަރު އިސްވެހުރެ ގެއްލުނު ކަނޑު ހޯދަން ފަށަންވާނެ، ތިވެރިންނަށް އެކަން ވާނެ.