ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
18 މެއި 2025 - 23:27
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް އެ ހަމަލާތައް ކުށްވެރިކުރައްވައި ހަމަލާ ހުއްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ 200 އެއްހާ މީހުން ޝަހީދުކޮށްލައިފަ އެވެ. އަލުން ހަމަލާތައް ފަށާފައި މިވަނީ "ހަމާސް ނައްތާލަން" ކަމަށް ބުނެ އެވެ. އެހެންވެ، މިހާރު ފަށާފައިވާ އާ އޮޕަރޭޝަނަކީ އޭގެ ފުރަތަމަ މަރުހަލާ ކަމަށް އެ ގައުމުން ބުނެ އެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ރައީސް އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ހުއްޓާނުލާ ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
Strongly and unequivocally condemn the continued targeting of innocent civilians by Israel in Gaza, as the genocidal assault by Israel intensifies.
— Dr Mohamed Muizzu (@MMuizzu) May 18, 2025
The Maldives calls on the international community to take decisive and immediate action to halt the escalation of violence and…
ބައިނަލްއަގްވާމީ މުޖުތަމައުއަށް ރައީސް ގޮވާލެއްވީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް، ޣައްޒާގެ އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަމަލުތަކަށް އެ ގައުމު ޒިންމާދާރުކުރުވަން ޖެހެ އެވެ.
ފެށުނީއްސުރެ ވެސް ރާއްޖެއިން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ ގައުމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ވެސް ވަކާލާތު ކުރަމުންނެވެެ. އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ވެސް މަނާކޮށްފަ އެވެ.
ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިޒްރޭލުން ހުއްޓުވާފައި އޮންނަތާ އެތައް މަހަކަށް ފަހު މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ ބިރާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.
އެ މައްސަލާގައި ކުރިން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ. އެކަމަކު އެފަދަ އެއްބަސްވުމެއްގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނެން ޖެހޭނެ ކަމަށް އޭނާ ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔާ ޑާންސް
19 May 2025
ގަތަރާއި އިމާރާތާ ސުއޫދީން ވަނީ ގާޒާ ވިއްކާލާފަ!
ސަސި
19 May 2025
ރައީސްގެ ހިކުމަތު އަމަލީއާއި ޙާއްސަ އިސްނެންގެވުގެ މަތިން ސުލްހައިގެ މަސައްކަތް އަލުން ފަށަން ވީނު
މަ ބުނީ
19 May 2025
އެކްގައި ކުއްވެރި ކުރުމުގެ ބަދަލުގައި އިހުލާސްތެރިކަމާއިއެލު އުއްމަތް އެއްބައިވައްތަ އެއްދަޢިލަތެއް ޤާއިމްކުރުމަށް އަދި އެއްލަސްކަރެއްޤާއިމްކުރިމަށް އިސްނަގައި އުއްމަތް އެކުގައި ޖިހާދަށް ގޮވާލަބަލަ އޭރުން މުޝްރިކުއްނާއި މުނާފިގުންނާއި މަކަރުވެރިންނާއި ކެހިވެރިންނާއި މުޢުމިނުން ވަކިވާނެ އިންޝާ ﷲ .