ފުލުހުންގެ އިދާރާ: އީދު ބަންދުގައި ސްކޭމްގެ 35 މައްސަލައެއްގައި 3 ލައްކައެއްހާ ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ފުލުހުން ބުނޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 ޖޫން 2025 - 10:17
އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ އީދު ބަންދުގައި އެކަނި ވެސް މީހުންގެ އަތުން 270،270ރ. ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 35 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ ސްކޭމްތަކުގައި ޖުމްލަ 270،270ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ހޯދުނީ 75،776ރ. ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޭސްބުކާއި ވައިބަ އެވެ. އީދު ބަންދުގައި ވެސް އެންމެ ގިނައީ އީ-ކޮމާސްއާ ގުޅޭ ސްކޭމްތަކެވެ.
އެހެންވެ އެންޓި ސްކޭމް ސެންޓަރުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރިކުރާއިރު ސަމާލުވާން ވެސް އެދިފަ އެވެ. އަދި ފައިސާ ދެއްކުމުގެ ކުރިން ވިޔަފާރި ކުރަނީ ރަނގަޅު ތަންތަނުންތޯ ކަށަވަރުކުރުމަށް އިލްތިމާސްކުރި އެވެ.
އެ ސެންޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މެއި 27 އިން ފެށިގެން ޖޫން ދެ ވަނަ ދުވަހުގެ ނިޔަލަށް ވެސް ސްކޭމްތަކުގައި 673،402ރ. ގެއްލުނެވެ. އޭގެ ތެރެއިން ރިކަވާކުރެވުނީ 142،851ރ. އެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް ހެދީ މިދިޔަ މާޗު 17 ވަނަ ދުވަހުގެ އެވެ. ސެންޓަރު ހުޅުވިތާ ފުރަތަމަ މަހުގެ ތެރޭގައި ވެސް 2.2 މިލިއަން ރުފިޔާގެ ގެއްލުމެއް ސްކޭމްތަކުގައި ލިބިގެން ހުށަހަޅައިފައިވެ އެވެ.
ގުޅައިގެން މީހުންގެ ބޭންކު އެކައުންޓުތަކުގެ ތަފްސީލު ހޯދައިގެންނާއި ފޭސްބުކާއި ވައިބާ އެކައުންޓުތައް ހެކްކޮށްގެންނާއި ބަލި މީހުންނަށް އެހީ ހޯދަން ޖަހާފައި ހުންނަ ޕޯސްޓުތަކުގައި ހުންނަ އެކައުންޓު ނަމްބަރުތައް ބަދަލުކޮށްގެން ވެސް މަކަރާއި ހީލަތުން ފައިސާ ހޯދަމުން އެބަދެ އެވެ. އެހެންވެ، ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިންނާއި މައުލޫމާތު ދިނުމުގެ ކުރިން ކަށަވަރުކުރަން އެންޓި-ސްކޭމް ސެންޓަރުން ވެސް އިލްތިމާސްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ނުވާނެ
12 June 2025
އަދިވެސް ބައެއް މީހުންގެ ހޭލުންތެރިކަން މިހުންނަނީ ބުޅަލަށްވުރެ ދަށުގަ.އަހަރުމެން އަތުން މިގޮތަށް އޮޅުވާލައިގެން 50 ލާރި ހޯދުން ވެސް އެއީ މުސްތަހީލުކަމެއް.އެއީ ކުރެވޭނެ ކަމެއް ނޫން.ވ.ވެދުން
ޖަލީލީ
12 June 2025
ޖެމްކިއުގެ ނަމުގަ ފުޅާ ދާއިރާއެއްގައި ފާޅުކަންބޮޑު ގޮތެއްގައި ވަރަށް ގިނަ ދިވެހިން ޝާމިލްކޮށްގެން ޕޮންޒީ ސުކީމެއް އެބަ ހިންގާ. ކީއްވެބާ މިކަންތަށް ހުއްޓަން ސަރުކާރުން މަސައްކަތް ނުކުރަނީ. ވެރިންގެ ޖީބަށްވެސް މި ސުކީމްތަކުން ނަފާވާތީކަން ޔަގީން.