އަޅުކަމަށް ފަހު ހައްޖުވެރިން ވެލާނާ އެއާޕޯޓުން ނުކުމެގެން ދަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
13 ޖޫން 2025 - 14:47
ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން މިއަދު މާލެ އަންނަން ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،000 މީހުން އަޅުކަމަށް ދިޔަ އެވެ. އޭގެ ފުރަތަމަ ގްރޫޕު ގޮވައިގެން މެންދުރު 2:00 ގައި ބޯޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ.
ދެ ވަނަ ގްރޫޕު މާދަމާ ރޭ 11:00 ގައި އަދި ތިން ވަނަ ގްރޫޕު މޯލްޑިވިއަން އެއާލައިންގައި ރާއްޖެ އަންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގަ އެވެ.
ހައްޖަށް ދިޔަ އެންމެ ފަހު ގްރޫޕު އައުމަށް ހަމަޖައްސާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ.
ހައްޖުވެރިން ރާއްޖެ އަންނަން ވާއިރަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ރޯގާ/ހުމުގެ އެއްވެސް އަލާމާތަކާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިކަށް ޒިޔާރަތްކުރަން ދެ ހޮސްޕިޓަލުން ވެސް ވަނީ އެދިފަ އެވެ.
ފްލޫ ކްލިނިކުން ފަރުވާ ހޯދުމަށް ފުރަތަމަ ޖެހޭނީ އީއާރު ޓްރައޭޖަށް ދާށެވެ. އެއަށްފަހު، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް އިރުޝާދު ދޭނެ އެވެ.
ރޯގާތައް ފެތުރުން ކުޑަކުރުމަށް އެޗްޕީއޭއިން ވަނީ ވީހާ ވެސް މަދު މީހުން ހައްޖުވެރިން ބަލާ އެއާޕޯޓަށް ދިއުމަށް އެދިފަ އެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން ނިންމުމަށްފަހު މީހުން އަނބުރާ ރާއްޖެ އަންނަ ދުވަސްވަރު ރޯގާތައް އިތުރު ކަމަށެވެ. އެހެންވެ، އެކަމުން ރައްކާތެރިވާން ވީހާ ވެސް މަދު މީހުން އެއާޕޯޓަށް ދިއުމާއި ހައްޖާޖީން ބަލާ ދާއިރު ވެސް މާސްކު އަޅައިގެން ދިއުމާއި ހައްޖުވެރިން އަންނައިރު ރޯގާގެ އަލާމާތެއް ހުރި ނަމަ މާސްކު އަޅަން ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އޭގެ އިތުރުން ހައްޖުން އަނބުރާ އަންނަތާ 14 ދުވަސްތެރޭގައި، ރޯގާއެއް ހުރި ނަމަ ޑޮކްޓަރަށް ދައްކައި ދަތުރުގެ ހިސްޓްރީ ކިޔައިދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވަނީ ހައްޖުވެރިން އެނބުރި އައުމަށް ފަހު، ބޮޑެތި އެއްވުންތައް ދެ ހަފުތާ ވަންދެން ނުބޭއްވުމަށް އިލްތިމާސްކުރައްވައިފަ އެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާއްޖަވެރި1
14 June 2025
މަރްޙަބާ. ބާއްޖަވެރިކަން ލިބިއްޖެ. ސައުދީއަށް ފިސާރި ލާރިވެސް ލިބިއްޖެ.