މަޖިލީހުގެ ކޮމެޓީގައި ޝުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖޫން 2025 - 11:33
ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ޕީއެންސީގެ މެމްބަރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ދައުލަތުގެ ހަރަދު ބޮޑުވެ، އިގުތިސޯދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅުގައި، ގާނޫނުގައި ބުނާތީ ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ކަމެއްތޯ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ސުވާލުކުރާ ކަމަށެވެ.
އެހެންވެ، އެ ހައްސާސީ މައްސަލައަށް ހައްލު ގެނައުމަށް ކަމާގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި ހުރިހާ މުއައްސަސާތަކަށް އެހީތެރިކަން ހޯދުމަށް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް އެ ގަރާރު ހުށަހެޅުއްވީ ކަމަށް، އެންމެ ފަހުން ބޭއްވި އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ މިހާތަނަށް އެންމެ ގިނަ އިސްލާހު ގެނައި އެއް ގާނޫނެވެ.
ފާއިތުވި 15 އަހަރުގެ ތެރޭގައި ކައުންސިލް ހަތަރު އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުން އިންތިހާބުކޮށް އެތައް ބިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާ ކަމަށާއި އެކަމަކު ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ އެ ނިޒާމުގެ ސަބަބުން ރަށްރަށާއި އަތޮޅުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުމެވެ،" ގަރާރުގައިވެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން؛ ފަސް ކައުންސިލަރުން އިންތިހާބުކޮށް ގިނަ ކައުންސިލްތަކަކަށް މިހާތަނަށް ނަތީޖާ ނެރެވިފައި ނުވާ ކަން ޝުޖާއު ފާހަގަކުރެއްވި. -- ފޮޓޯ/މަޖިލިސް
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ސަރުކާރަށް ގިނަ ފަހަރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސީދާ ގޮތުން ހުރަސްއަޅާފައި އެބަހުރި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުގެ އަދަދާ މެދު ވެސް އާއްމުންގެ މެދުގައި ނުހަނު ކަންބޮޑުވުން އެބައޮތެވެ. ވޭތުވި ހުރިހާ ސަރުކާރުތަކުން ވެސް ބަލާފައި ވަނީ އެ ވަގުތަކަށް ބޭނުންވާ އިސްލާހުތައް ގާނޫނަށް ގެނެސް "ޕެޗު" އަޅައިގެން ހައްލު ހޯދުމެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ގާނޫނު އަސާސީގެ އަށް ވަނަ ބާބުން ލާޒިމްކޮށްފައިވާ ކަމެކެވެ." އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ވަކި މިނިސްޓްރީއެއް ވެސް ހަދައިފަ އެވެ. ޝުޖާއު ވިދާޅުވީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީއާ އެކު ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށް އެ ނިޒާމުގައި "ހާ" އަޅައި ކިތަންމެ ތަނެެއް ދެނެގަނެފައިވާ ކަމަށެވެ.
އެކަމުގައި އެކަށީގެންވާ ދިރާސާއެއް ކުރުމަށް ފަހު އެ މައްސަލައަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ސަރުކާރުން ލަސްތަކެއް ނުވެ މަޖިލީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އެކި ސިފަސިފައިގައި ކުރެވުނު އެންމެހާ ދިރާސާތަކުގައި ވެސް ރައްޔިތުންގެ އެންމެ ކަންބޮޑުވުން އޮތީ ކައުންސިލަރުންގެ އަދަދާ މެދުގަ އެވެ. ކުޑަ ރަށެއްގައި އެންމެ 50 މީހުންގެ އާބާދީއަށް ވެސް މުނިސިޕަލް ހިދުމަތް ދިނުމަށް އިންތިހާބުކޮށް ދައުލަތުން މުސާރަދޭން ޖެހޭ މަދުވެގެން ފަސް ކައުންސިލަރުން ތިބެންޖެހުން ފަދަ ކަންކަމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ބޮޑެތި އިސްލާހުތައް ބޭނުންވާ ކަންތައްތަކެވެ،" ޝުޖާއު ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކުރަމުން އަންނަ ހޭދައަކީ ވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށާއި އެންމެ ކަންބޮޑުވާންޖެހެނީ، ގަރާރުގައި ބުނާގޮތުން، އެކަށިގެންވާ ނަތީޖާއެއް ނުނެރެވޭތީ އެވެ. ނަމަވެސް، ކަތީބުން ގެއަށް ފޮނުވާލައި ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންތަކެއް ވުޖޫދަށް ގެނައީ ބޮޑު އުއްމީދުތަކާއެކު ކަމަށާއި ދިވެހިންގެ ޒަމާނީ ގާނޫނު އަސާސީގައި އެ މަފުހޫމަށް ހާއްސަކޮށްފައިވާ ބާބެއް އެކުލަވާލަފައިވަނީ ވެސް ކަމުގެ ބޮޑުކަމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝުޖާއު ވިދާޅުވީ ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއްކުރާއިރު އެއީ އެކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެ ނިޒާމުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހިނގަމުންދާ ކަމަށާއި އާބާދީ ކިތައްމެ ކުޑަވިއަސް ފަސް ކައުންސިލަރުން ތިބެންޖެހުމާއި ޒިންމާތައް ބޮޑު އަދި އާބާދީ ބޮޑު ރަށާއި މީހުން މަދު އަދި ކުރާނެ މަސައްކަތް ވެސް މަދު ކުޑަ ރަށުގެ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހުރީ އެއްވަރެއްގައި ކަމަށް ވިދާޅުވި އެވެ.
"ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރާއިރު ހަމަ މިއީ ކުރަންޖެހޭ ހަރަދެއްތޯ ސުވާލު އުފެދެ އެވެ. ކައުންސިލަރުން ތިބި އަދަދު މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް، ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެންޖެހޭތޯ މިއީ އުފައްދަންޖެހޭ ސުވާލެކެވެ. އޭގެ ބަދަލުގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ކައުންސިލަރުންނަކީ ސިޓިން އެލަވަންސެއް ދޭ ބަޔަކަށް ބަދަލުކުރެވިއްޖެ ނަމަ އެތައް ގުނައެއް ހަރަދު ކުޑަކުރެވިގެންދާނެ އެވެ. އަދި ޕްރޮފެޝަނަލް އިލްމީ ގާބިލް އެތަކެއް ފަރާތްތަކެއްގެ ވިސްނުމާއި ހަކަތަ ރަށްރަށުގެ ހިންގުމަށް އަދި ތަރައްގީގެ ނާރެހުގައި ބުރުޖެހުމަށް ޖާގަ ލިބިގެންދާނެ އެވެ." ގަރާރުގައި ވެ އެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 15 އަހަރުވެގެން ދިޔައިރު ވެސް ގާނޫނަށް އިސްލާހު ގެނައުން ފިޔަވައި ސިޔާސީ ގޮތުން ކޮންމެ ސަރުކާރަކަށް ވެސް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު އޮތުމަކީ ހިތާމައެއް ކަމަށެވެ.
މީހުން ދިރިއުޅޭ 187 ރަށަށް 900 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
17 June 2025
ރައްޔިތުންގެ މަޖިލީސްވެސް ކުޑަކުރަންޖެހޭ.
ހހހހހހހހހހހހހ
17 June 2025
ކައުންސިލަރުން މަދުކޮށްފާ މިނިސްޓްރީތަކަށާ ކުންފުނިތަކަށް ނުކިޔަވާ މީހުން އަޅާލާ.. އޭރުން ގައުމު ހިނގާނީ
އައިމިނާ
17 June 2025
ގިނަ ބަދަލުތަކެއް ގެނައި އިރު ޖިއޮގްރަފީގޮތުން ރާއްޖެ އޮތްގޮތަށްވެސް ރިޢާޔަތްކުރަން ޖެހޭނެ. ބަޔަކު ކަމެއްކުރިއޭ ކިޔާފަ ކަންކަން ކޮށްގެން ކަމަކުނުދާނެ. މާލީޙާލަތަށްވެސް ބަލަންޖެހޭނެ. އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަންކަން ކުރީމަ ފެންނަ ނަތީޖާ މި ފެނިގެން ދަނީ.
އައިމިނާ
17 June 2025
ކަތީބު އަތޮޅުވެރިން ސިސްޓަމް ޖަޒީރާ ތަކާއި މާބޮޑަށްވެސް އެކަށީގެންވޭ. މިހާރު ކައުންސިލްތަކަށް ބަދަލު ކުރިފަހުން ކޮރަޕްޝަންވެސް މާބޮޑަށް މައްޗަށް ހިގައްޖެ. ކައުންސިލްތައް އުޅެނީ ސަރުކާރަށްވުރެ މަތީގަ.
އައިމިނާ
17 June 2025
ދުނިޔޭގެ އެއްބިމަކަށް އޮންނަ ގައުމުތައް ކޮޕީކޮށް ޖަޒީރާ ގައުމަކަށް ފައްތަންއުޅުނީމަ ދިމާނުވެ ނުދާނެ ކަންކަން ފެނިގެން މި ދަނީ. މާ މޮޅު ގޮތްގޮތް ހަދަން ހަދައިގެން ސަރުކާރު ބަގުރޫޓްވަނީ. ކޮންމެ ކައުންސިލެއް ހީވަނީ ވަކި ގައުމެއް ހެން. ޚަރަދުވެސް ބޮޑުތަނުން ބޮޑު.
ޓިނު
17 June 2025
ފުރަތަމަ މަޖުލިސް ކުޑަކޮށްފަ ތިވާހަކަ ދައްކަބަލަ އެއިރުން ތިވާހަކަ ދައްކަނީ ހެޔޮނިޔަތެއްގަކަން އެގޭނީ
ޓިނު
17 June 2025
ބޭކާރު ވާހަކަނުދައްކާ ހުރިހާބާރެއް ތިއޮތީ މުށުތެރޭ އެހެންނާވެސް ކަންކުރާގޮތަށް ކޮށްނިންމާލަ .ކުރީސަރުކާރު،ކިޔުންހުއްޓާލަ
ޝެލަރީ
16 June 2025
މެންބަރުން މުސާރަ ދައްކުރަންޖެހޭ އަމިއްލަ އަށް މުސާރަ ކަނޑައަޅައިގެން ތިބުން ނިމުމަކައް ގެނަންޖެހޭ މަޖްލީހައް ހާޒިރުނުވާމެންބަރުން މެންބަރުކަމުން ވަކިކުރެވޭގޮތައް ގާނޫނައް ބަދަލް ގެންނަންޖެހޭ
ގައުމީދޫ.
16 June 2025
މަޖްލިސް މެމްބަރުންނާއި ކައުންސިލަރުން އެއް ހަމައަކުން މަދުކުރަން ތާއީދު އަދި ޑިގްރީ ނެތި މަޖްލިސް އަށް ވާދަ ނުކުރެވޭގޮތަށް އަދި އޯލެވެލް 2 މާއްދާއާއި އެސްއެސްސީ ދެމާއްދާ އިން ފާސްވެގެން ނޫނީ ކައުންސިލް އަށް ވާދަ ނުކުރެވޭގޮތަށްވެސް ހަދަންޖެހޭ. އިލްމީ ޒުވާނުންގެ ޖީލެއްގެ މައްޗަށް ބަސްބުންނ މިފަދަ ގަމާރުންނާއި ތަގުން ލައިގެން ގައުމު ކުރިއަށްދާނެ ގޮތެއް ނުވުސްނޭ!
ގަމްބޯލް
16 June 2025
ކައުންސިލަރުންވެސް ކަލޭމެންވެސް