ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ ފްލެޓެއްގެ އެތެރެ.-- ފޮޓޯ: ރައީސް އޮފިސް
25 ޖޫން 2025 - 11:27
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓުތަކުގެ އެތެރޭގައި ސްމޯކް ޑިޓެކްޓަރު ހަރުނުކުރާކަން އެނގިއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ހަދަމުން އަންނަ 4،000 ފްލެޓުގައި ހިމެނެނީ 18 ފްލޯގެ 32 ޓަވަރެވެ.
ފްލެޓުގެ މަސައްކަތްކުރިއަށްދާ ގޮތް ބެލުމަށް މީގެ ކުރިން އެތަނަށް ދިޔަ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ފްލެޓްތައް އިމާރާތް ކުރަމުން ދަނީ އެއިން އެއްވެސް ތަނެއްގައި ސްމޯކް ޑިޓެކްޓަރު ހަރުނުކޮށެވެ.
"އެފްޑީސީގެ އޮފިޝަލުންނާ ސުވާލުކުރުމުން ބުނީ މި އިމާރާތްތަކުގައި ސްމޯކް ޑިޓެކްޓަރު ނުހުންނާނެއޭ،"
ސްމޯކް ޑިޓެކްޓަރުގެ ބޭނުމަކީ މީހަކު ނިދާފައި އޮއްވައި ވިޔަސް އަލިފާން ރޯވެއްޖެ ނަމަ، އެކަން ދެނެގަނެ އެލާޓްކުރުމެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެ ސަލާމަތްވުމާއި އަލިފާން ނިއްވުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމަށް އެކަމުން އެހީވެ އެވެ.
ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓުތަކުގައި ވެސް ހުރީ ސްމޯކް ޑިޓެކްޓަރު ހަރުކޮށްފަ އެވެ. އެކަމަކު ބައެއް ތަންތަނުގައި އެ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އޮވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓްތައް-- ފޮޓޯ: ރައީސް އޮފިސް
އޮފިޝަލް ވިދާޅުވި ގޮތުގައި ފަހި ދިރިއުޅުމުގެ ފްލެޓުތަކުގައި އެލާމް ސިސްޓަމް ހުރީ، އަލިފާން ރޯވެއްޖެ ނަމަ، ކޮންމެ ފްލޯއެއްގައި އިންނަ ސްވިޗެއް ކަހަލަ އެއްޗަކަށް މީހަކު ގޮސް ފިތާލައިގެން އެލާމްކުރާ ގޮތަށެވެ.
"އިންސާނަކު ގޮސް އެއަށް ފިތާނުލާހާ ހިނދަކު ނޭނގޭނެއޭ އަލިފާން ރޯވެގެން އުޅޭކަން ވެސް،"
"މާނައަކީ މުޅި އިމާރާތުގެ ފަޔާ ސްޓެރެޓެޖީ މި ޑިޕެންޑު ވަނީ އޮޓޮމޭޓެޑްކޮށެއް ނޫނޭ. ހިއުމަން އެއްޗެއް މި އިންނަނީ. އިންސާނެއް ވިއްޔާ ނިދާފައި ވެސް އޮވެދާނެ. ނިދާ ގަޑިއަކީ އެންމެ ވަލްނަރަލަބަލް ގަޑި. ސްމޯކް ޑިޓެކްޓާ އިންނަ ނަމަ، ނިދާފައި އޮންނަ ގަޑީ ވެސް ޑިޓެކްޓްވެގެން އެލާމް އަޅަންޏާ ހޭލެވޭނެ،" ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާން ނިއްވުމަށް ހިޔާ ފްލެޓުތައް ހަދާފައި ހުރީ ސްޕްރިންކްލާސް ލާފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހުން އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑުވަރު ނުވެ ސަލާމަތްވީ ވެސް އެ ސްޕްރިންކްލާސް ރަނގަޅަށް މަސައްކަތްކުރުމުންނެވެ.
އެކަމަކު އާ ފްލެޓުތަކުގައި ހުރީ ހޮޅިއެއް ގުޅައިގެން އެއިން ވަކިން ފެން ޖަހައިގެން ނިއްވާ ގޮތަށެެވެ.
"މިކަމުން ވެސް މި އެނގެނީ ރާއްޖެ މިދަނީ ވަރަށް ބޮޑަށް ފަހަތަށްކަން."
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ ފްލެޓެއްގެ އެތެރެ.-- ފޮޓޯ: ރައީސް އޮފިސް
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ސުވާލުކުރުމުން އެފްޑީސީން ބުނެފައި ވަނީ ފްލެޓުތައް ޑިޒައިން ކުރުމަށް ފަހު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުއަށް ފޮނުވުމުން އެތަނުން އެ އެޕްރޫވްކުރި ކަމަށެވެ. ނަމަވެސް މިފަދަ ކަންކަމުގައި އެމްއެންޑީއެފުން ބަލާ މިންގަނޑެއް ގެެޒެޓުކޮށް އާންމުކޮށްފައެއް ނޯވެ އެވެ. އެހެންވެ، ބަލާ ހަމަތަކެއް ނޭނގެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ހެދުމުގައި ބޭނުންކޮށްފައިވާ ދޮރުތަކަކީ އެތެރޭގައި އަލިފާން ރޯވެއްޖެ ނަމަ، އަލިފާނާއި ދުން ކޮންޓްރޯލް ކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ދޮރުތަކެކެވެ. ކޮޓަރިއެއްގައި އަލިފާން ރޯވެއްޖެ ނަމަ، އެތަނުގެ ދޮރު ލައްޕައިގެން، އަލިފާންގަނޑު ސިޓިންރޫމާއި އެހެން ތަންތަނަށް ފެތުރުމުން ކޮންޓްރޯލް ކުރެވޭނެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، ފްލެޓްގެ ދޮރު ބަދަލު ނުކޮށް ހުރި ނަމަ އާންމުކޮށް ހުންނާނީ މީގެ "ފަޔަ ޑޯ" ކަމަށެވެ.
ވިނަރެސްގެ އެޕާޓްމަންޓެއްގައި މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އަލިފާން ރޯވިއިރު އެތަނުގައި ހުރީ ވެސް ހުރީ ފަޔާ ޑޯ ހަރުކޮށްފަ އެވެ. އެކަމަކު އަލިފާން ރޯވުމުން ވެސް ދޮރު ނުލެއްޕުމުން، ސިޓިންރޫމަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންވި އެވެ.
"އެ ދޮރު ކޮޓަރިން ލެއްޕި ނަމަވެސް ބޭރަކަށް ނުފެތުރޭނެ [އަލިފާންގަނޑު]. އަސްލު އަހަރެމެންގެ އާބާދީ އެހާ ހޭލުންތެރިއެއް ނޫން. އަލިފާން ރޯވީމާ ދޮރު ލައްޕާފައިދާކަށް. މިސާލަކަށް، ބޭރު ގައުމުތަކުގައި މީހުންނަށް ކިޔައިދީފައި އެވެއާކޮށްފައި އޮންނަނީ. ދޮރު ލައްޕަން އެދޭނެ އަލިފާން ރޯވީމާ،" ފަޔާ އެންޑް އިމަޖަންސީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ ފްލެޓެއްގެ އެތެރެ.-- ފޮޓޯ: ރައީސް އޮފިސް
އޭނާ ވިދާޅުވީ ރާއްޖޭގައި މީގެ ދޮރަށް އެހާ ހޭލުންތެރިކަން ނެތް ކަމަސާއި ހަމައެކަނި ފްލެޓްތަކުގައި ފަޔާ ޑޯ ހަރުކޮށްގެން ވެސް ކަމުނުދާނެ ކަމަށެވެ. ސްމޯކް ޑިޓެކްޓާ ފަދަ ތަކެއްޗަކީ އިމާރާތެއް ހަދާއިރު ވަރަށް އަސާސީ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އެ ފްލެޓުތަކުގެ މަސައްކަތް ގާތްގަނޑަކަށް ހުރީ ނިމިފަ އެވެ. ދެން އޮތީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެތަނަށް ވަންނަ މީހުން ހޭލުންތެރިކުރުމާ އެކު ރެގިއުލާ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ސުވާލުކުރުމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު "މިހާރު" އަށް ވިދާޅުވީ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ފްލެޓު ހަދަމުން އަންނައިރު އޭގެ ތެރެއިން 2،000 ފްލެޓުގެ ކޮމަން އޭރިއާގައި ހުރީ ސްމޯކް ޑިޓެކްޓާސް ހަރުކޮށްފައި ކަމަށެވެ.
މިދިޔަ ވެރިކަމުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވެސް ފްލެޓުގެ އެތެރޭގައި ސްމޯކް ޑިޓެކްޓާ ހަރުނުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމްދާން ވިދާޅުވި ގޮތުގައި އެ ފްލެޓުތަކުގެ އެތެރޭގައި ފަޔަ ބްލޭންކެޓާއި ފަޔަ އެކްސްޓިންގުއިޝާ ހުންނާނެ އެވެ.
"އެމްޑީޕީގެ ސަރުކާރުގައި މަޝްރޫއު ފެށިއިރު ވެސް އިންނަނީ ޔުނިޓް އެތެރޭގައި ނުހުންނާނެއޭ ސްމޯކް ޑިޓެކްޓާސް. ކޮމަން އޭރިއާސް ތަކުގައޭ ހުންނާނީ ސްމޯކް ޑިޓެކްޓާސް. ޔުނިޓް އެތެރޭގައި ހުންނާނީ ފަޔާ ބްލޭންކެޓާއި ފަޔާ އެކްސްޓިންގްޝާއާއޭ،" ފުރަތަމަ 2،000 ފްލެޓާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާކީ 2،000 ފްލެޓުގެ މަޝްރޫއު ފެށިއިރު ބަޖެޓަށް ފެއްތުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތް ހުރީ އުނިކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި ޔުނިޓް އެތެރޭގެ ސްމޯކް ޑިޓެކްޓާސްގެ ބައި ވެސް ނެތެވެ. އެތަނުގައި ފަޔާ އެކްސްޓިންގުއިޝާއެއް ވެސް ނެތެވެ.
އެހެންވެ، މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ފްލެޓްތަކުގައި މީހުން އުޅެން ފެށުމުގެ ކުރިން އެބައިތައް ހިމެނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މިދަނީ އިތުރު މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްތައް ފޯމިއުލޭޓްކުރަމުން. ބޭނުންވަނީ ހަމަ މީހުން ވޫމްކުރުމުގެ ކުރިން ފަޔަ އެކްސްޓިންގުއިޝާ ކަހަލަ އެއްޗެހި ޕްރޮވައިޑްކޮށްދޭން. މި އަހަރު ނިމުމުގެ ކުރިން އެކަން ކުރެވޭތޯ މި މަސައްކަތް ކުރަނީ،"
ހަމްދާން ވިދާޅުވި ގޮތުގައި ފްލެޓަށް އެއްފަހަރާ 4،000 މީހުން ވަންނާނެ ކަމަށް ނުބެލެވެ އެވެ. އެހެންވީމާ މީހުން ވަނުމުގެ ކުރިން ވެސް ބައެއް ތަންތަނުގައި އެ ހަރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެތަން އިމާރާތްކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނެއްގެ ދަށުން ކަމަށް ވާތީ، އިތުރު މަސައްކަތް ހިމަނަން ރީފައިނޭންސް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލުފޮޅިފޮޅި
25 June 2025
އެތަނުގަ އުޅޭ ބަޔަކު އެ ހަރުކޮށްލީޔާ ކީއްވާނީ.. ތަންތަން ހަވާލު ކުރާއިރު ހުންނަން ޖެހެނީ މޭޒު މައްޗަށް ކާންވެސް ހަދާފަތަ... މިއުޅޭ މީހުންގެ ހިތް ހާދަ މޮޅޭ
ގޅގލ
26 June 2025
ދިވެހިން ތަރައްގީ ނުވާ ވަރު މި ފެންނަނީ ތި ކޮމެންޓުން
ގޮބޮޅިސްތާން
25 June 2025
ތިޔަ ހަރުކޮށްގެން ތިޔައިގެ އަޑު ކަނޑައިގެން ނުދާނެ. އެހާ ގޮތްކުޑަ ބައެއް މީހުން. އެނދުމަތީ އޮވެ ދުންފަތް އަންދާ އެ ބޯލަނީ.
ކޮކީ
25 June 2025
ތި ފަޔާ ޑޯ އެއް ވާހަކަ މަ އަދި މި އަޑުއެހީ. ދެން އިނގޭނެ
ވަނޫދު
25 June 2025
ގަމާރުން ތަންތަނަށް ލައިގެން އުޅެނީ. އެހެންވީމާ ވާނެ ހުރިހާ ކަމެއްވެސް
ވަ؛ލްނަރަބްލް
25 June 2025
މިހާރު ތިއީ މާ ބޮޑު ކަމެއްނޫން، ސްޓޭންޑް އެލޯން ސްމޯކް ޑިޓެކްޓަރ އެބަހުރި، ކޮންމެ ރޫމެއްގައި ނުވަތަ ކޮންމެ ފްލެޓެއްގައި މީގެ ޑިޓެކްޓަރެއް ހަރުކޮށްލީމާ ނިމުނީ، މިހާރު އެބަހުރި ވައިފައި ލިބޭ ޑިޓެކްޓަރު، މި ހަރުކޮށްފައި އެމްއެންޑީއެފަށް އެލާމްވާ ގޮތަށް ބެހެއްޓީމާ ނިމުނީ،
1235
25 June 2025
ކުރީ ސަރުކާރު
އިލި
25 June 2025
ވިނަރެސް ފުލެޓުގާ ތިބުނާ އެތި ހުރެގެން ވީކަމެއްހަރާން ....... އެޗު ޑީސީ ޔަކީ ބޮޑު ތަނުން ފެއިލްވެފާ އޮތް ތަނެއް.
ވެރިންގެ ވިސްނުން
25 June 2025
ނިކަމެތިން ވަންނަ ތަންތަނުގަ ކީއްކުރަން ހަރުކުރާ އެއްޗެއް ދޯ؟
އިބޫޖޭ
25 June 2025
އެޕާޓމެންޓް ގައި ސްމޯކް ޑިޓެކްޓަރ ނެތީ، އެކމަު ސިޑީ ގޮޅީގައި ހުންނާނެ ؟؟ އަލިފާން ރޯވުން އެނމެގާތީ އެޕާރޓްމެންޓް ގައި ދީ... ދެން އަނެއްކާ އެތަނުގައި ހުރީ ފަޔަރ ޑޯރ ބާ؟ ކިތައް ގަޑިއިރުގެ ފަޔަރ ރިޓާނޑަންޓް ދޯޓ ބާ؟
އަބުދުއްދާރު
25 June 2025
ވިނަރެސްގައވެސް ހުރީ ބޭނުންނުކުރެވޭ އެއްޗިހިތަކެއް، ކުރީ ދުވަހުގެ އަލިފާނުގެ ހާދިސާއިން ސާފުވެއްޖެ، އެޗްޑީސީން ބަދަލު ދޭންޖެހޭ