މަހުލޫފް ޑޮކްޓަރަށް ދައްކަން މާލެ ގެނެސް އައިޖީއެމްއެޗުގައި، އޭނާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާ އިން ފަރުވާ ހޯއްދަވާފައި. --ޓުވިޓާ ފޮޓޯ
22 މާޗް 2017 - 12:50
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، ބޭސްފަރުވާ އަށް ތިން ވަނަ ފަހަރަށް އިންޑިއާ އަށް ފުރާވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން ދެކޮޅު ހަދާފައިވާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވި ގޮތުގައި ކަރެކްޝަންސް އިން އާއިލާއަށް އަންގާފައި ވަނީ ރާއްޖޭން ބޭރުން އިންޖެކްޝަން ގެނެސް، ރާއްޖޭގައި ތިބި ޑޮކްޓަރުންގެ ލަފާގެ މަތިން އިންޖެކްޝަން ޖެހުމަށެވެ. އެކަމަކު، މަހްލޫފް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ނުދިން ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.
"ކުރިން ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަން މަހްލޫފަށް ލިބުނު ދެ ފަހަރު ވެސް، ކަރެކްޝަންސް އިން ދިން މުއްދަތުގެ ތެރޭގައި ވަނީ ރާއްޖެ އައިސްފައި،" ނަޒޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަހްލޫފްގެ ބޭސް ފަރުވާ އަށް ބޭނުންވާ ބޭހާއި ސާމާނު ގެންނަން ޖެހޭނީ ކަރެކްޝަނަލް ސާވިސްއިންނެވެ. ނަމަވެސް އާއިލާއިން ބޭސް ގެންނަން ޖެހޭ ސަބަބު ވެސް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޖެކްޝަނަކީ އާންމުންނަށް ދޫކުރާ އެއްޗެއް ނޫން. ވަކި ސްޕެޝަލައިޒްޑް ޓީމަކުން ގެންގުޅޭ އެއްޗެއް. އަނެއްކާ އެއީ ވަރުގަދަ އިންޖެކްޝަނެއް،" ނަޒޫ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ނުލިބެ އެވެ.
މަހްލޫފްގެ އާއިލާ އިން ކުރިން ބުނި ގޮތުގައި އެލާޖިކްގެ މައްސަލަތައް ދިމާވާތީ ތިން މަސް ވަންދެން އިންޖެކްޝަން ޖަހަން ޑޮކްޓަރުން ވަނީ މީގެ ކުރިން މަހުލޫފަށް ލަފާ ދީފަ އެވެ. އިންޖެކްޝަންގެ ފުރަތަމަ ޑޯޒް މިދިޔަ މަހުގެ ތެރޭގައި ވަނީ ޖަހައިފަ އެވެ.
މަހްލޫފްގެ ގަޔަށް ތިން ޑޯޒް ޖަހަން ޑޮކްޓަރުން އަންގާފައިވާ ކަމަށް އާއިލާއިން ބުންޏެވެ. ކުރީ ދެ ފަހަރު ވެސް އެކަން ކޮށްފައި ވަނީ އިންޑިއާ އިންނެވެ.
މީގެ އިތުރުން މަހްލޫފްގެ ވަކީލާއާ އެކު ބައްދަލުވުންތައް ބާއްވަން ފުރުސަތު ނުދޭތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާތީ މަހްލޫފްގެ އާއިލާ އިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރޭ ވައިރަލް ހުމާއެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންގެ އާއިލީ ބައްދަލުވުންތައް ކަރެކްޝަންސް އިން ވަނީ މެދުކަނޑާލައިފަ އެވެ. ކަރެކްޝަންސް އިން ބުނި ގޮތުގައި ގައިދީންގެ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލީ ފެތުރެމުންދާ ހުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
22 March 2017
ޖަލައްލާއިރަށް ތިޔޮށް ކުރަން ޖެހޭ ބޭސް ފަރުވާއެއް ދޯ... މަކަރާއި ހީލަތް ހަމަ.. ފޮނުވާނެ ކަމެށް ނެށް..
ޚާދިމް
22 March 2017
ވަރަށް ހާލުގަ ، ވޭން ތަހައްމަލް ކުރަމުން ދާ ފޯރުންތެރި ގައިދީން ވެސް ޖަލުގަ އެބަތިބި. މިބޭފުޅުންނަށް މި ދޭކަހަލަ 3 މަހުން 1 މަހު އިންޑިއާ، ބެންކޮކް އަދި މެލޭސިއާ ފަދަ ގައުމު ތަކަށް ދާކަށް ފުރުސަތެއް ނޯވޭ. ޖަލުން އައިޖީއެމްއެޗް އަށް. އައިޖީއެމްއެޗުން ޖަލަށް.
ރަދުން
22 March 2017
މަހޭގެ މައްސަލަ އަކީ ގޮސް ގޮސްސަ އަންނާތީ އެހެންވެ ހުއްދަ ނުދެވިގެން މި އުޅެނީ
ގޮރުނުދޯރު
22 March 2017
އެލާރޖިކްވާތީ ޖަހާ އިންޖެކްޝަނަކީ ޑޜ. ސިޓީއަށް ދޫކުރާ އެއްޗެއް ކަމަށް އެނގިފައިވަނީ. ހަމަ އިންޑިއާއަށް ނުދިޔަކަސް ތިޔަ އިންޖެކްޝަން ޖެހިދާނެ ކަމަށް ފެނޭ. އެހެން ނުނި އިންޑިއާއަށް ފޮނުވާ. އެކަމަކު ރާއްޖެއިން ބޭރުގައި (ޗުއްޓީ) ގަ ހުންނަ ދުވަސްތައް މުއްދަތުން ކެނޑިގެން ނުވާނެ ކަމަށްވެސް ފެނޭ.
ހުސޭނުބެ
22 March 2017
ދެން މާގިނައިން ތިސަކަރާތެއް ނުޖެހޭނެ!!
ޙަސަން
22 March 2017
ކަރެކްޝަނާ ދެކޮޅަށް ދައުވާ ކުރޭ...