ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.
01 ސެޕްޓެމްބަރ 2025 - 21:06
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން އެކުގައި މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.
ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޓިއަންޖިންގައި މިއަދު ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ނުވަތަ "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރުމުގައި ދިވެހިން އަބަދުވެސް ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގްވާމީ މުޖުތަމައުތަކުން ވެސް އެކުގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އިންސާނީ ކަރާމާތާއި ސުލްހަ ގާއިމު ކޮށްދިނުމަށް ވަކާލާތު ކުރުމުގައި އެސްސީއޯ ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގްވާމީ އެކި ފޯރަމްތަކުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވާއިރު ގެންދަވަނީ ފަލަސްތީނުގެ މައްސަލައިގެ ސީރިއަސްކަން އެ ފޯރަމްތަކުގެ ބައިވެރިންނަށް އިއްވަވަމުންނެވެ.
ޗައިނާގައި އެސްސީއޯ ބައްދަލުވުމުގައި ވެސް އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެސްސީއޯ ޕްލަސް ބައްދަލުވުމަކީ އެސްސީއޯގެ މެމްބަރު ގައުމުތަކާއި ޕާޓްނާ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް އޮތް ގޮންޖެހުންތަކާއި ނުރައްކާތެރިކަމާއި އިގްތިސާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ ކަންކަމާ ގުޅިގެން މަޝްވަރާކުރާ ތަނެކެވެ.
"އެސްސީއޯ ޕްލަސް" ގެ ބައްދަލުވުމުގައި ރައީސް މުއިއްޒު މިއަދު ބަޔާން ދެއްވަނީ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އެސްސީއޯގެ އިސްނެގުމުގެ މަތިން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަމާންކަމާއި ހަމަޖެހުމަށް މަސައްކަތްކުރުމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލެއްވި އެވެ. އަދި ބައިނަލްއަގްވާމީ އެއްބާރުލުމާއި ތަރައްގީ އާއި ހިންގުމަށް އެދެވޭ ބަދަލުތައް ގެނައުމުގެ އަމާޒުގައި ހުށަހަޅާފައިވާ ބައިނަލްއަގްވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވަނަންސް އިނީޝިއެޓިވް (ޖީސީއައި) ވެސް އެ މަނިކުފާނު ތައާރަފު ކޮށްދެއްވި އެވެ.
އެސްސީއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި ޗައިނާގެ ރައީސް ޝީ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅަށް ރައީސް މުއިއްޒު ރޭ ވަޑައިގެން ޝީގެ ދެކަނބަލުންނާ އެކު ފޮޓޯފުޅެއް ނަންގަވަނީ.
ރާއްޖެ އާއި ޗައިނާގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ވިލުންތެރި އަޒުމުވަރުގަދަ ގައުމެއް ކަަމަށެވެ. އަދި ރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ވިދާޅުވީ ގްލޯބަލް ގަވާނަންސް އިނީޝިއެޓިވް އަށް ރާއްޖެއިން ތާއީދުކުރާ ކަމަށާއި އެހެންވެ ބައިނަލްއަގްވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުހަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނުއްވުމަށް ގޮވައިލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފރއެ
02 September 2025
ޝުކްރަން ރައީސް
ރިފާއު އައްބާސް
02 September 2025
އަހަރުމެން ފަހުރުވެރިވަން ރައީސް ޑރ.މުއިއްޒްއަށް ވޯޓް ދެވުނީތީ. މިހެން ވާންޖެހޭނެ.
އަބްޑޫޅް +
02 September 2025
ދިވެހިރާއްޖޭގެ ހައްގުގަ މަސްއްކަތް ކުރަން މީނަ އެދުނުތަ؟
ހާޝިމް
02 September 2025
ޕާސްޕޯޓް ބޭން ކުރުމަކުންނެއް އެމަނިކުފާނު ނިންމައެއް ނުލައްވާ، ހަމަ ފާޅުގަ ޖާހިލު އިޒްރާއީލްއާ ދެކޮޅަށް އަޑުއުފުލަމުން އެގެންދަނީ، އެވެސް ދުނިޔޭ ފެންވަރުގަ