ވާހަކަ

ސަތޭކަ ރުފިޔާ އަށް ސާޅީ ހާސް ރުފިޔާ

ފަންކާއިން ކުޅެމުންގެންދިޔަ މިޔުޒިކު އަޑުއަހަން، ނިތްކުރިމަތީގައި އަތް ބާއްވައިލައިގެން އަހަރެން އޮތީމެވެ. ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާކޮޅުން ދެކޮޅެއްނުޖެހެއެވެ. އަހަންނަކަށް ރަނގަޅު ތަޢުލީމެއް ލިބިފައެއް ނެތެވެ. އޮފީހުގެ ވަޒީފާއިން އެންމެ ގިނަވެގެން ވެސް ލިބެނީ ފަސް ހާހަކަށް ރުފިޔާއެވެ. މަހުގެ ފަންސަވީހާ ހަމައަށް ދާއިރު އަތްމަތި ހުސްވެއެވެ. ކިތަންމެ ބަލައިގެން އުޅުނަސް ފަހަށް ރައްކައެއް ނުކުރެވެއެވެ. ގަދަކަމުން ދަމާ ގެނެސް ދެކޮޅު ޖެއްސުމަށްޓަކައި ދަރަންޏަށް ފައިސާކޮޅެއް ނުނަގައެއް ނުވެއެވެ.

އަހަންނަކީ ބޭކާރު ޚަރަދުތަކެއް ކުރާ މީހެއް ނޫނެވެ. ގިނަ އަންނައުނެއް ނުގެންގުޅެމެވެ. އަނބިދަރިން އަތުގައި ވެސް އަންނައުނު ވަރަށް މަދެވެ. އަހަރެން ސެންޓެއް ނުޖަހަމެވެ. މޮޅު ޝޭންޕޫއެއް ނުލަމެވެ. ގެންގުޅެނީ އެންމެ އާދައިގެ ފޯނެކެވެ. ފައިން ސައިކަލު އިސްޓާޓުކުރާތާ ކިތަންމެ ދުވަހެކެވެ. ސައިކަލުގެ އެތައް މަރާމާތެއް ކުރަންޖެހިފައިވެއެވެ. ކޭބަލްޓީވީ ހުރެއެވެ. އެކަމަކު ބޭނުންކުރަނީ އެންމެ ކުޑަ ޕެކޭޖެވެ. އަންބަކާއި ދެ ދަރިން ތިބެއެވެ. ދަރިން ބޭނުންވާ ގިނަ އެއްޗެހި ހޯދައެއް ނުދެވެއެވެ. މާލޭގައި އަހަރެންގެ ގެދޮރެއް ނެތެވެ. ދިރިއުޅެނީ އަނބިމީހާގެ ގޭގައެވެ. ވަރަށް ކުޑަ ތަންކޮޅެއްގައެވެ. ކުދިންގެ އުމުރުން އަށާރަ ފުރުނުއިރު ވެސް ދެ ކޮޓަރިއެއް ނުހެދުނެވެ. ހޯދުނީ ދެ އެނދެވެ. ހިތަށްއަރައެވެ. ޒިޔާދާ ކިތަންމެ ލޯބިން އަހަންނާ ކައިވެނިކުރި ނަމަވެސް، މިހާރު އޭނަ ސަހަރޯ ހިތަށްއަރާނެއެވެ. އޭނައަކީ ޝަކުވާ ކުރާ މީހެއް ނޫނެވެ. ކެތްތެރިކަމާއި އޯގާތެރިކަމުގެ ނަމޫނާ އަންބެކެވެ. އެހެންވެ އެ ކަހަލަ ވާހަކަނުދައްކަނީއެވެ. ކުއްލިއަކަށް އަހަރެންގެ ސަމާލުކަން އަތުލީ އަސުރުނަމާދުގެ ބަންގިއެވެ. ލޮލަށް ވެރިވެފައިވާ ކަރުނަތައް ފުހެލައިފައި އެނދުން ތެދުވީމެވެ.

"އަންނަމުން ހަނޑުލާ، ތަރުކާރީކޮޅެއް ގެންނައްޗޭ،" ކުނިކަހަން ހުރި ޒިޔާދާ ބުންޏެވެ. "ދޮންނަމެޝިނުން ފާޑެއްގެ އަޑެއް ކިޔާތީ ނުކެރުނު ޖައްސާކަށް. އެއްޗެހި ދޮންނަ ބުރުހެއް ލިބުނިއްޔާ ވަރަށް ރަނގަޅު."

އަހަރެން ބޯޖަހައިލީމެވެ. ދޮންނަ މެޝިނަށް ވަރަށް ގިނަ ޒަމާން ވެއްޖެއެވެ. ހަލާކު ވިޔަސް އެ ކަމާ ޝަކުވާކުރާނެ ޖާގައެއް ނެތެވެ. އެހެންނަމަވެސް، އެންމެ ނުތަންވަޅު އެ ކަހަލަ ކަންތައް ދިމާވަނީ ކީއްވެގެންބާއެވެ؟ ޒިޔާދާ ލައިގެން ހުރި ހެދުން ވަރަށް ބަލެވެ. އެންމެ ހެދުމެއް ނަމަވެސް އޭނައަށް ގަނެދެވޭނެ ނަމައެވެ.

"ކީއްވެ ތި ހުންނަނީ؟" އަހަރެން ބަލަހައްޓައިގެން ހުރުމުން ޒިޔާދާ ސުވާލުކުރިއެވެ.

"ކަމެއް ނުވޭ!" އަހަރެން ބުނީމެވެ. "އަހަންނަށް އެނގޭ މި ސުވާލު އަހާއިރު ވެސް ޒިޔާދާ ދޭނީ ކޮން ޖަވާބެއްކަން. އެ ކަން އެނގި ހުރެ މި އަހަނީ. އަހަންނާ އިނދެވުނީތީ އުފާވޭތަ؟"

"ޖަވާބު އެނގެންޏާ ކީއްކުރަން ތި އަހަނީ؟" ހިނިތުންވެލައިފައި ޒިޔާދާ ޖަވާބުދިނެވެ.

ޒިޔާދާ ކަހަލަ އަންބެއް ލިބުނުކަން އެއީ އަހަރެންގެ ނަސީބެވެ. އަހަރެން ހިނގައިގަތީމެވެ. ގެއިން ބޭރަށް ނުކުމެފައި ފައިސާދަބަސް ބަލައިލީމެވެ. އަށާރަ ރުފިޔާ އޮތެވެ. ވަކިލާރިކޮޅެއް ވެސް ހުއްޓެވެ. މާ ބޮޑަށް އަތްމަތި ދަތިވެއްޖެއްޔާ ބޭނުންކޮށްލަން އޮތް ސަތޭކަ ރުފިޔާ، ފައިސާދަބަހުގެ އަރިމަތީ ޖީބުން ނަގައި ފެންނަ ގޮތަށް ބޭއްވީމެވެ. އޮތްކަން އެނގެންޏާ އެ ވެސް ބޭނުން ނުކޮށެއް ނުވެއެވެ. މަހުގެ ފަސް ދުވަސް ބާކީ އޮތެވެ. އެއީ، އަބަދުވެސް އަހަރެން އެންމެ ފިކުރު ބޮޑުވާ ފަސް ދުވަހެވެ.

"ﷲ.." ހިތާހިތުން އަހަންނަށް ބުނެވުނެވެ. "ކޮންމެވެސް މަގެއް ދައްކަވާ!"

ފުން ނޭވައެއް ބޭރުކޮށްލައިފައި ހިނގައިގަތީމެވެ. ކައިރީގައި ހުރި މިސްކިތަށް ވަދެ ވުޟޫކުރަން ފެށީމެވެ. ފަހަތުން މީހަކު އަހަރެންގެ ކޮނޑުގައި ކޮށްޓައިލިއެވެ. ބަލައިލިއިރު މުފީދު ހުއްޓެވެ. އޭނައަކީ، ވާހަކަދެއްކުމުގެ އުނދަގޫތަކެއް ހުންނަ، މެދު އުމުރުގެ މީހެކެވެ. އޭނަގެ ޚަރަކާތުން އޭނަ ބަނޑުހައިވެފައި ހުރިކަން އެންގިއެވެ. ޙަޤީޤަތުގައި ބަހުރުވައެއް ބޭނުމެއް ނޫނެވެ. އޭނަގެ ދެ ލޮލުން ވެސް އަހަންނަށް ފެނުނީ ހައިހޫނުކަމެވެ.

"ޕަންޗާސް!" މުފީދުގެ ބަހުރުވައިން ބުންޏެވެ. "ބަނޑުހައި!"

މިސްކިތަށް ވަންނަމުން އަހަރެން އެދުނީ އަތްމަތި ތަނަވަސްވާނެ މަގެއް އަހަންނަށް ދެއްކެވުމަށެވެ. ދިމާވީ ދިމާ އިދިކޮޅަށެވެ. މުފީދަށް ސައިބޮވޭކަމަށް ވަނީ ފަންސާސް ރުފިޔާއިންނެވެ. ދޭން ކިތަންމެހާ ވެސް ބޭނުމެވެ. އެހެންނަމަވެސް، އެ ވަރު ދީފިއްޔާ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންފަދަ ވަރުގަދަ އިމްތިޙާނެއް ހެއްޔެވެ؟

"ޕަންޗާސް!" މުފީދު އަނެއްކާ ވެސް ބުންޏެވެ. "ސައި.. ސައި.."

އަހަރެން އަޅައެއްނުލަމެވެ. ވުޟޫކުރުމައިގެން ކުރިއަށްދިޔައީމެވެ. މުފީދެއް ނުދެއެވެ. އަހަރެން ވުޟޫކޮށްލައިގެން މިސްކިތަށް އެރީމެވެ. ފަސްއެނބުރި ބަލައިލިއިރު ވެސް މުފީދު ބަލަހައްޓައިގެން ހުއްޓެވެ. ދެރަވެފައެވެ. އުންމީދު ގެއްލިފައެވެ. އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އަހަރެން އަތަކު ވަކި ފަންސާސް ރުފިޔާއެއް ނެތެވެ. އޮތީ ހަތް ރުފިޔާއެވެ. ނުވަތަ ސަތޭކަ ރުފިޔާއެވެ. އެ ފައިސާކޮޅުގެ ބޭނުން އަހަންނަށް އިންތިހާއަށް ބޮޑެވެ. ހިތަށްއެރިއެވެ. މީހަކަށް އެއްޗެއް ދެވޭނީ އަހަންނަށް ފުދޭ ވަރަށް ބަހައްޓައިފައެވެ. ހިންދިރުވައިލައިފައި ސަތޭކަ ރުފިޔާ ނަގައި މުފީދަށް ދިއްކޮށްލައިފައި ﷲއަށް ވަކީލު ކޮށްލީމެވެ. ހައިރާންވެފައި މުފީދު އަހަންނަށް ބަލައިލިއެވެ. އޭނައަކަށް ގަބޫލެއް ނުކުރެވުނެވެ.

"މަލާމާތް.. ކުރަނީ؟" މުފީދު ބުނެލިއެވެ. "ސަމާސާ.. ކުރަނީ؟"

"ސަމާސާއެއް ނޫން،" އަހަރެން ސަތޭކަ ރުފިޔާ މުފީދުގެ ޖީބަށްލަމުން ބުނީމެވެ. "އެއްކޮށް ދިނީ! ފަހުން ސައިބޯން އަނެއްބައި ބާއްވާ! ނަމާދުކޮށްގެން ސައިބޯން ދޭ!"

މުފީދަށް އެނގޭ ގޮތަށް، ތުންފަތް ވަރަށް ބޮޑަށް ޚަރަކާތްކުރަމުން އަހަރެން ބުނީމެވެ. އަހަރެން މިސްކިތުގެ އެތެރެއަށް ހިނގައިގަތީމެވެ. އަނެއްކާ ވެސް ފަސްއެނބުރި ބަލައިލީމެވެ. އުފަލުން ރޮވިފައި މުފީދު ހުއްޓެވެ. އަހަރެން ހިނިތުންވެލީ ގަދަކަމުންނެވެ. އަތްމަތި އެއްކޮށް ހުސްވީއެވެ. ގެއަށްދާން ޖެހޭނީ ހުސްއަތާކަން އަހަންނަށް އެނގެއެވެ. ނަމާދަށް ހުރިއިރު އަހަންނަށް ކޯލެއް އަންނަކަން އިހުސާސްވިއެވެ. މިސްކިތުން ފައިބައިފައި ފޯނު ބަލައިލީމެވެ. ގުޅައިފައިއޮތީ ޒުހުރީއެވެ. އަހަރެން ގުޅައިލީމެވެ.

"ފްރެންޑް މި އުޅެނީ ވަރަށް ސަކަރާތްވެގެން،" ނުތަނަވަސްވެފައި ޒުހުރީ ބުންޏެވެ. "ދެ އޯޑަރު އެއްކޮށް އައިސްގެން ގުދަން ފުރިއްޖެ! ނެތްތަ ގުދަންގަނޑެއް؟ ދަންނަންޏާ ދަންނަ އެންމެނަށް ގުޅައިފިން. ބާކީ ހުރި ބައި ކަސްޓަމުން ނެރެވޭނީ ވެސް ތަނެއް ލިބިގެން. ވަރަށް އިމަޖެންސީކޮށް ގުދަނެއް އެބަ ބޭނުންވޭ!"

"މަ ކާކަށް ގުޅާނީ؟" އަހަރެން ބުނީމެވެ. "ދެން ބަލާނަން."

"ތަންކޮޅެއް ހާޑުކޮށް މި ކަމާ އުޅެލަދީބަލަ!" ޒުހުރީ އެދުނެވެ. "ވަރަށް ރަނގަޅު ސަޔެއް ދޭނަން."

ޒުހުރީ ފޯނު ބޭއްވީ އޭނަ ބޭނުންވާ ގުދަނުގެ ސައިޒާއި، އަގާއި، އެހެނިހެން މަޢުލޫމާތު ވެސް ދީފައެވެ. އެ އަށް ވުރެ ކުޑަ ތަނެއް، ބޮޑު އަގަކަށް ލިބުނަސް ޒުހުރީ ބޭނުމެވެ. އަހަރެން ވިސްނައިލީމެވެ. އެ ކަހަލަ ކަމަކާ ގުޅަން އެންމެ ރަނގަޅު ދެ މީހަކަށް ގުޅައިލީމެވެ. ކާމިޔާބެއް ނުވިއެވެ. ފޯނު ޖީބަށްލަމުން އަހަރެން މިސްކިތުން ނުކުތީމެވެ. އެ ވަގުތަކީ، ރުޝްދީ ސައިކަލުގައި އައިސް ސައިކަލު ޕާކުކޮށްލި ވަގުތެވެ. އޭނަ އައީ މިސްކިތާ ދިމާއަށެވެ. ރުޝްދީގެ ގުދަނެއް ކުއްޔަށްދީފައި ހުންނަކަން އަހަންނަށް އެނގެއެވެ. އަހަރެން ފެނުމުން ރުޝްދީ ސަލާންކޮށްލިއެވެ.

"އޭ! އެއްކަލަ މީހުން ގުދަން ދޫކޮށްލައިފި،" ރުޝްދީ ބުންޏެވެ. "ނެތްތަ ގުދަނެއް ބޭނުންވެގެންއުޅޭ ބައެއް؟"

ގުދަނުގެ ސައިޒާއި، އަގު އެހީމެވެ. ޒުހުރީ ބުނި ވަރަށް ވުރެ ޖާގަ ބޮޑެވެ. އެކަމަކު، ޒުހުރީ ބޭނުންވި ވަރަށް ވުރެ އަގު ކުޑައެވެ. ރުޝްދީގެ ޝަރުތެއް ވެސް އޮތެވެ.

"ތިން މަހުގެ އެޑްވާންސް ސީދާ ކޭޝް ހޯދައިދީފިއްޔާ ދޭނަން ރަނގަޅު ސައެއް،" ރުޝްދީ ހުރީ ފައިސާކޮޅަކަށް ވަރަށް ބޭނުންވެފައެވެ. "ހީ ވެސް ނުކުރާ ވަރުގެ ހަދިޔާއެއް ދޭނަން. ކުޑަކޮށް މި ކަމާ އުޅެލައްޗޭ!"

ރުޝްދީ މިސްކިތަށް ވަނެވެ. އަހަރެން ވަގުތުން ޒުހުރީއަށް ގުޅައިލީމެވެ. އުފާވެރި ޚަބަރު އޭނައަށް ދިނީމެވެ. އެ ވަގުތުން އެ ވަގުތަށް ވެސް ޒުހުރީ ގުދަން ބޭނުމެވެ.

"އެގްރީމަންޓު ހިފައިގެން ވެސްޓް ޕާކުން މީޓުކުރަމާ ހިނގާ!" ޒުހުރީ ވަރަށް އުފާވެފައި ބުންޏެވެ. "ކިހާ އަވަހަކަށް ރެޑީވާނެ؟"

"އެކަމަކު އޭނަ ބުނީ ތިން މަހުގެ އެޑްވާންސް ބޭނުމޭ،" އެ ޝަރުތު ވެސް އަހަރެން ހުށައެޅީމެވެ. "ވަގުތުން ފައިސާޔޯ ބޭނުމީ."

ޒުހުރީގެ ނަޒަރުގައި އެއީ އެއްވެސް އެއްޗެއް ނޫނެވެ. ބޭނުންވި ވަރަށް ވުރެ ޖާގަ ބޮޑުވެފައި އަގު ހެޔޮވުމުން، އެ ވިޔަފާރީގައި ޒުހުރީއަށް ވީ ފައިދާ މާ ބޮޑެވެ. ގުދަން ލިބުނުލެއް އަވަސްކަމުން އެ ފައިދާ ދެ ގުނައަށް އިތުރުވިކަމަށް ޒުހުރީ ބެލިއެވެ. ގުދަން ހުރި މަގު ފަސޭހަވުމަކީ އޭނައަށް ލިބުނު އިތުރު މޮޅެކެވެ.

"ތިން މަހޭ؟" ޒުހުރީ ޗޮކެއް ކަނޑައިލައިފައި ބުންޏެވެ. "އެއް އަހަރަށް ބުނި ނަމަވެސް ދިނީމުސް. އަހަންނަށް ތި ކޮށްދެވުނީ ވަރަށް ބޮޑު ހެޔޮކަމެއް. ގޮތް ހުސްވެފަ މަ މިހިރީ. ހާދަ ލާރިއެކޭ ތި ސަލާމަތްކޮށްދިނީ."

އަހަރެން ކޮށްދިނީ އެ ދެ މީހުން އެއް މޭޒެއްދޮށަށް ގެނައުމުގެ މަސައްކަތެވެ. އެކަކަށް ވެސް އަހަރެން މަކަރެއް ނަހަދަމެވެ. ޒުހުރީ އެދުނު ގޮތަށް، ރުޝްދީ ގޮވައިގެން ވެސްޓު ޕާކަށް ދިޔައީމެވެ. އެ މޭޒުދޮށުގައި އެގްރީމަންޓުގައި ސޮއިކުރެވުނެވެ. ޒުހުރީ އަހަންނަށް ތިރީސް ހާސް ރުފިޔާ ދިނެވެ. ރުޝްދީ ދިހަ ހާސް ރުފިޔާ ދިނެވެ. ފައިސާކޮޅު ޖީބަށްލައިގެން އަހަރެން ފުރަތަމަ ވަނީ މިސްކިތަށެވެ. އަދި ﷲއަށް ޝުކުރުދެންނެވީމެވެ. އުފަލުން ރޮމުންނެވެ. އެތައް އިރެއްވީއިރު ވެސް އަހަންނަކަށް ހުއްޓައެއް ނުލެވުނެވެ. އެ ރޭ އަހަރެން ގެއަށް ވަނީ، އަހަރެންގެ މުޅި ހަޔާތުގައި ވެސް އަހަންނަށް ނުލިބޭހާ ގިނަ ފައިސާޔާ އެކުގައެވެ.

މީހަކަށް ފައިސާގެ އެހީއެއް ދޭ ކޮންމެ ފަހަރަކު، އެ ފައިސާ އެތައް ހާސް ގުނައަކަށް އިތުރުވެގެން ނުލިބިދާނެއެވެ. އެކަމަކު އެ ހެޔޮކަމުގެ ބަދަލު ދެއްވާނެއެވެ. ހާލުގައިޖެހޭ ވަގުތު އެހީތެރިކަމަށް އެދުމުން އިތުރު ހާސްކަމަކާ ކުރިމަތިލާން ވެސް ޖެހިދާނެއެވެ. އޭގެ ފަހަތުގައި ސަބަބެއް އޮންނާނެއެވެ. ﷲއަށް ވަކީލު ކުރާށެވެ. މަގެއް ދައްކަވާނެއެވެ. އަހަންނަކީ، އެ ކަން ތަޖުރިބާކުރެވިފައިވާ އެތައް ލައްކަ މީހުނެއްގެ ތެރެއިން އެކަކީމެވެ. ދަންނާށެވެ. މި ދުނިޔެއަކީ އިމްތިޙާނުން ފުރިގެންވާ ތަނެކެވެ. މިއީ ޙަޤީޤީ ހާދިސާއެކެވެ.

ނިމުނީ

36 ކޮމެންޓް, 537 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 8%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމަރޭ

19 August 2017

އަސަރުން ފުރިގެންވާ އިމްތިހާނެއް! ހަމަ ކަށަވަރުން މާތް ﷲ އަށް ވަކީލު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވޭ!

The name is already taken The name is available. Register?

ނަދީ

18 August 2017

ﷲ ގެ ކުޅަދުން ވަންތަ ކަމާއެވެ... އަލްހަމްދު ﷲ.?

The name is already taken The name is available. Register?

ޝާނީ23

08 May 2017

ވަރަށް ރީތި ވާހަކައެއް..... ބިންމާ އިބްރާހިމް ވަހީދް ވާހަކަ ލިޔުމަށް ހަމަ އެއްވަނަ... (:

The name is already taken The name is available. Register?

އަޙްމަދު

04 April 2017

ވިސްނާ ފިކުރު ކުރާބަޔަކަށް ޢިބްރަތެއް

The name is already taken The name is available. Register?

ސާލިމް

03 April 2017

އަލްހަމްދު ލިﷲ

The name is already taken The name is available. Register?

ރޮވިއްޖެ

03 April 2017

އަހަންނަކީ ވަރަށް އެހެން ކަހަލަ މީހެއް. މީހުން ކައިރީ އެއްޗިއްސަށް އެދުމަކީ އަހަންނަށް ހަމަ ދަތި އުނދަގޫ ކަމެއް. އެކަމަކު މީހަކު އެދުނު ކަމެއް ކޮށްނުދީ މަގޭ ލަގޮނޑިއަށް ކެއްވެސް ނުވާނެ. އެކަމުގެ ބަދަލުގައި މަށަށް ވަރަށް ހިތްހަމަޖެހުން ލިބޭ. ނިއުމަތް އިތުރުވަނީ އެންމެ ހިތަށް ނާރާ އެންމެ އަތްމަތި ދަތި ދުވަހު.

The name is already taken The name is available. Register?

ކައުންސެލަރު

03 April 2017

މާވަހަރު ލިބުނީމާ އޭގެލާރިވެސް ބޭނުންކުރާކަށްނުވާނެ. އެއީ އަދި މާގިނަލާރި. މަށަށްހީވަނީ ކިތަންމެ ކުޑަކަމަކުން ކިތަންމެ ގިނަލާރިލިބުނަސް އެ ފައިސާ ހަލާލު ނުވާނެގޮތެއް ނޯންނާނެހެން. ހަގީގަތުގައި މާވަހަރަކީ ބައެއްފަހަރަށް އެއްވެސް ކަމެއްނުކޮށް ހަމަ ގޮނޑުދޮށަށް ފައިބާތަނުންވެސް މާވަހަރު ލިބިފައި އެބަހުރި. އެފައިސާއާ ދޭތެރޭ ސުވާލު ނޫފެދޭއިރު މިކަމުގައި ސުވާލު އުފެދެންޖެހޭ މައްސަލައެއް އެބައޮތްބާ؟ މިލިޔުމުމުގައިވާ ފަރާތުން ކޮންމެ ސިފައެއްގައި ނަމަވެސް މަސައްކަތެއްކޮށްފި. އެހެންވީމާ އެފައިސާއާމެދު ސުވާލު އުފައްދާނެ ޖާގައެއްނެތް.

The name is already taken The name is available. Register?

ްްްގަމާރު

03 April 2017

ފޭކު ފުރަތަމަ 18ރުފިޔާ ވަކި ލާރި ދެން 100ރުފިޔާ އަދި7ރުފިޔާ

The name is already taken The name is available. Register?

އިސްމާޢީލް

02 April 2017

ވަރަށް ރަނގަޅު، ޢިބުރަތްތެރި ވާހަކައެއް.

The name is already taken The name is available. Register?

ގާސިމް

02 April 2017

ބައެއްމީހުން މިކަހަލަ ލާރީގައިހިފަން ޖެހިލުން ވާނެ، (މާބޮޑުކަމެއްނުކޮށް ލިބޭގިނަލާރި) މިގޮތަށް ލިބޭލާރިގައި ހިފުމަކީ ދީނުގައި ކޮންކަހަލަ ކަމެއްކަން ބުނެދީބަލަ.

The name is already taken The name is available. Register?

Mishy

03 April 2017

އެއީ އޭނައަށް ލިބުނު ހަދިޔާ އެއް..ކިތަންމެ ބައިވަރު ލިބުނަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454