ހެނދުނު ކޮލެޖަށް ދިއުމުގެ ކުރިން ރައުދާ އާތިފް ހުރީ، އެ ދުވަހުގެ މެންދުރަށް ކެއުން ތައްޔާރުކޮށްފަ އެވެ. އޭނާ ކެއްކި ލޭޑީސްފިންގާ ރިހަ ތެލި އުނދުން މަތީގައި ހުއްޓެވެ. އެއަށް، ކޮށައި ބާކީވި ޓޮމާޓޯ އާއި ލޭޑީސްފިންގާ އާއި އެހެން ވެސް ތަކެތި ރައުދާ ބެހެއްޓި ގޮތަށް ކަޓިން ބޯޑު މަތީގައި ހުއްޓެވެ.
ކައްކަން ބޭނުންކުރި ހަވާދުފުޅި އޮތީ އެނދު ދަށުގަ އެވެ. ރައުދާ "ދަންޖެހިފައި" ހުރި ކޮޓަރީގެ އެނދު ކައިރީގައި ހުރި އަލަމާރީގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. ކޮޓަރި ތެރެ ކުނިކަހަން ގެންގުޅޭ ފިހިގަނޑު އޮތީ ހަލާކުވެފަ އެވެ.
ސާފުތާހިރު، އަބަދުވެސް ވަރަށް ތަރުތީބުން ސާމާނުތައް ބަހައްޓަން ލޯބިކުރާ، ރައުދާ ދިރިއުޅުނު ކޮޓަރި ތެރެއިން އެކަނި ފެނުނު މަންޒަރުތަކަކީ ވެސް، އޭނާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި، ދަރިފުޅު "މަރާލީ" ކަމަށް ކުރެވުނު ޝައްކުތަކަށް ލިބުނު އިތުރު ހެކިތަކެކެވެ.
އޭނާގެ ހަށިގަނޑު ތިރިކުރީ، ކޮޓަރި އަށް ވަންނަ ދޮރު ހަލާލުކޮށްލައިގެން ވަދެ ކަމަށް ދަރިވަރުންނާއި ކޮލެޖުން ބުނި ނަމަވެސް އެގޮތަށް ކަންކޮށްފައިވާ ކަމުގެ އެއްވެސް ވެސް ނިޝާނެއް ކޮޓަރިތެރެ އިން ފެންނަން ނެތް ކަމަށް އާތިފް ވިދާޅުވި އެވެ.
"ކޮޓަރި އަށް ވަތް އިރަށް އެ ތަނުގައި ހުރި މީހަކު ބުނެފި، އައި އޭމް ވެރީ ސޮރީއޭ، ދަރިފުޅު ދަންޖެހިގެން މަރުވީއޭ. އަޅުގަނޑު ދެންނެވިން ނޫނެކޭ، އަޅުގަނޑުގެ ދަރިފުޅު ކަރުގައި ހިފައި މަރާލާފައޭ އޮތީ. އަޅުގަނޑަކީ ވެސް މެޑިކަލް ޑޮކްޓަރެކޭ، ހަށިގަނޑުގައި ހުރި ނިޝާންތައް ވެސް ބަލާފައޭ މި އައީ. ފޮރެންސިކި މެޑިސިން ވެސް އަޅުގަނޑު ކިޔެވީމޭ. ހަށިގަނޑުން ފެނުނު ނިޝާންތަކާއި މި ކޮޓަރިން މި ފެންނަ މަންޒަރުތަކުން ވެސް އަޅުގަނޑަށް ޔަގީންވެއޭ ދަރިފުޅު އަމިއްލަ އަށް މަރުވީ ނޫން ކަން،" އާތިފް ވިދާޅުވި އެވެ.
"ދަންޖެހިގެން މަރުވި ނަމަ އަނގަ އިން ފޮނު ނުކުމެފައި ހުންނާނެ. އެކަމަކު އެ ނިޝާނެއް ވެސް ނެތް. މަރުވެފައި އޮތް އިރު ކަރުގައި ބާރަށް ހިފައި މީހެއްގެ އިނގިލީގެ ނިޝާން އަރާފައި ހުރި ކަރާއި މޫނު މަތީގައި. ދަން ޖެހުނު ކަމަށް ބުނާ ޝޯލްގައި ހުރި ނިޝާންތަކާއި ކަރުގައި ހުރި ނިޝާންތައް ވެސް ދިމައެއް ނުވޭ."
އާއިލާ އިން ކޮޓަރި އަށް ވަތް އިރު، ރައުދާ މަރުވެފައި އޮއްވާ ފެނުނު ގޮތުގެ ތަރުތީބު ބަދަލުކޮށް އެހާ އަވަހަށް ފުލުހުން ސީން ރޫޅާލާފައި އޮތުމަކީ ވެސް ސުވާލުތަކަށް އިތުރުވި ކަމެއް ކަމަށް އާތިފް ވިދާޅުވި އެވެ.
"ވައެލެންސް ހިންގާފައި ހުރި ކަމަށް ބެލެވޭ ކަންތައްތަކެއް ކޮޓަރި ތެރެ އިން ފެނުނު،" އޭނާ ވިދާޅުވި އެވެ.
އާތިފް ވިދާޅުވި ގޮތުގައި ރައުދާގެ އޮޓޮޕްސީ ރިޕޯޓް ލިބުމުގެ ވެސް މާ ކުރިން، އޭނާ މަރުވީ "ދަންޖެހިގެން" ކަމަށް، ބަނގްލާދޭޝްގެ ފުލުހުންނާއި ކޮލެޖުގެ އިސް ފަރާތްތަކުން ތިބީ ނިންމައިގެންނެވެ. އެކަމަކު ރައުދާ ދަންޖެހިފައި ހުރި މަންޒަރުގެ ފޮޓޯއެއް، އެއްވެސް މީހެއްގެ އަތަކުން ނުފެނެ އެވެ. ފުލުހުންގެ އަތަކު ވެސް ނެތެވެ.
ރައުދާ ދަންޖެހިފައި ހުރި މަންޒަރު ފެނިގެން ވިއްސަކަށް ކުދިން ކޮޓަރި އަށް ވަތްކަމަށް ބުނާއިރު އެއްވެސް ކުއްޖަކު ދަންޖެހިފައި ހުރި ފޮޓޯ ނުނެގީ ކީއްވެތޯ ވެސް އާތިފް ސުވާލު އުފައްދަ އެވެ. އެ ތަނަށް ވަން ކުދިންތަކުގެ ތެރޭގައި ފޮރެންސިކް މެޑިސިން ކިޔަވާ ކުދިން ތިބި އިރު، ފޮޓޯ ނަގަން ޖެހޭ ކަމަށާއި ފޮރެންސިކް ތަހުގީގަށް ބޭނުންވާ އެހެން ޕްރޮސީޖާތައް ފޮލޯކުރަން ރަނގަޅަށް އެނގޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.
މަރާ މެދު އާއިލާ އިން އުފައްދާ ޝައްކުތައް
- މީހަކު ކަރުގައި ހިފާފައި ހުރި ކަމުގެ ނިޝާންތައް ކަރާއި މޫނު މަތިން ފެންނަން ހުރުން. ދަންޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުން ފެންނަ އެއްވެސް އަލާމާތެއް ރައުދާގެ ހަށިގަނޑުގައި ނެތުން.
- ދޮރު ހަލާލުކޮށްލައިގެން ކޮޓަރި އަށް ދަރިވަރުން ވަތް ކަމަށް ބުނާއިރު، ދޮރަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުން. ދޮރުގެ ތަންޑު ވެސް ހަލާކުވެފައި ނެތް ކަމަށް އާތިފް ވިދާޅުވި.
- ރައުދާ އަށް ހަމަލާދޭން އުޅުނު ކަމުގެ ހެކި ކޮޓަރި ތެރެ އިން ފެންނަން ހުރުން.
- އާއިލާގެ ހުއްދަ ނުހޯދައި އޮޓޮޕްސީ ހެދުން، ރިޕޯޓުގެ މާ ކުރިން ވެސް ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ނިންމައިގެން ތިބެ، ތަހުގީގުގައި އިހުމާލުވުން.
- ރައުދާ މަރުވި ރޭގެ ސީސީޓީވީ ފުޓޭޖް ގެއްލުން. ރައުދާ ބޭރަށް ނިކުތް ތަން ފެނޭ. އެކަމަކު އެނބުރި ވަތް އެއްވެސް މަންޒަރެއް ނުފެންނަ އިރު، އެ ރޭ ނޫން އެހެން ހުރިހާ ފުޓޭޖެއް ހުރުން.
- ކޮލެޖުން ދޮގު ހެދުން. ރައުދާ އެންމެ ފަހުން ފެނުނު ގަޑިއާ ގުޅޭ ގޮތުން ދަރިވަރުންނާއި ސެކިއުރިޓީން އެކި ގޮތްގޮތަށް ވާހަކަ ދެއްކުން. މަރުވި ރޭ ޑޮކްޓަރަށް ދެއްކި ކަމަށް ބުނާ ޕްރިސްކްރިޕްޝަން ދޭން ދެކޮޅު ހެދުން. ރައުދާގެ މަރާ ގުޅޭ ގޮތުން ކޮލެޖުގެ ޑޮކްޓަރާއި އެހެން ވެސް ކޮލެޖުގެ އެކި މީހުންނާ ވާހަކަ ދެއްކުމުގެ ހުއްދަ އެންމެ ފުރަތަމަ އާއިލާ އަށް ނުދިނުން.
ކަޝްމީރު އަންހެން ކުއްޖާ އެކު ހޫނު ޒުވާބެއް!
އާތިފް ވިދާޅުވި ގޮތުގައި ރައުދާ މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނު، އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ސީރަތު ޕަރުވީންއާ ދޭތެރޭގައި އާއިލާ އިން ތުހުމަތުތަކެއް ކުރަނީ ސަބަބުތަކެއް އޮވެގެންނެވެ. ރައުދާގެ މަރުގެ ކުރިން، އޭނާގެ މަންމަ އާމިނަތު މުހައްރިމަތަށް ސީރަތާ ބެހޭ ގޮތުން ޝައްކުކުރެވޭ ފަދަ ވާހަކަތަކެއް ހިއްސާކޮށްފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
އެއް ކަމެއްގެ ގޮތުގައި، އޭނާ ފާހަގަކުރެއްވީ ރައުދާ އެއް ރޭ، ކިޔަވަން އިންދައި އޭނާގެ ޖޫސްތައްޓަށް ނިދާ ބޭސް ގުޅަތަކެއް އެޅުމަށް ފަހު ބޯންދޭން އުޅުމެވެ. އެ ގުޅަތައް ރައުދާ އަށް ފެނިގެން މަންމަ ގާތު އެ ވާހަކަ ބުނެފައިވެ އެވެ.
"އެ މައްސަލާގައި ރައުދާ އާއި ސީރަތާ ދެމެދު ފޯނުން ވަރަށް ފައިޓްކޮށްފައި ހުރި. ރައުދާ ބުނެފައި އެބައޮތް، ސީރަތުގެ މޫނު ދެކޭކަށް ވެސް ދެން ބޭނުމެއް ވެސް ނުވެއޭ، އިތުބާރެއް ނުކުރަމޭ. ކޮޓަރި އަށް ވެސް ނާންނައްޗޭ،" އާތިފް ވިދާޅުވި އެވެ.
ރައުދާ މަރުވި ރޭ، އޭނާއާ އެކު ޑޮކްޓަރަށް ދައްކަން ދިޔައީ ވެސް، އާތިފް ވިދާޅުވި ގޮތުގައި، ސީރަތު ކަމަށް ބައެއް ދަރިވަރުން ބުނާ ކަމަށް ވެ އެވެ.
އާއިލާ އިން ސީރަތަށް ކުރި ތުހުމަތުތަކާ ގުޅިގެން ބަނގްލާދޭޝްގެ ފުލުހުން އޭނާގެ ފޯނު ހިފަހައްޓައި ބެލި އެވެ. އެކަމަކު އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ.
ސީރަތަށް ކުރާ ތުހުމަތު، ޑެއިލީ ސްޓާ ނޫހަށް ދިން އިންޓަވިއުގައި އޭނާ ވަނީ ދޮގުކޮށްފަ އެވެ. ރައުދާގެ ޖޫސްތައްޓަށް ނިދާ ބޭސް ނާޅާ ކަމަށާއި އެފަދަ ވަހާކައެއް ރައުދާ އެއްވެސް މީހެއްގެ ގާތު ބުނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ސީރަތު ބުނެފައިވެ އެވެ.
ރައުދާ ހުރީ އޮސްޓްރޭލިއާ އަށް ބަދަލުވާން ނިންމައިގެން
އާތިފް ވިދާޅުވީ އިންޑިއާގެ ބޯޕާލުގައި ކިޔަވަން އުޅުނުއިރުން ފެށިގެން ވެސް ރައުދާ އަކީ ވަރަށް އުފާވެރި، އެންމެންނާ ގުޅޭ ކުއްޖެއް ކަމަށެވެ. އަމިއްލަ އަށް ދަންޖެހިގެން މަރުވާން ޖެހޭ އެއްވެސް ކަމެއް އޭނާގެ ދިރިއުޅުމުގައި ހިނގާފައި ނުވާއިރު، މަރުވުމުގެ ދުވަސްކޮޅެއް ކުރިން ވެސް ރައުދާގެ ހުވަފެންތަކާ ގުޅޭގޮތުން އޮސްޓްރޭލިއާގައި ހުރި ބޮޑުދައިތައާ ވާހަކަ ދައްކަމުން އައި ކަމަށް ވިދާޅުވި އެވެ.
"މެސެޖްކޮށް ބޮޑު ދައިތަ ކައިރީގައި ބުނެފައި އެބައޮތް، ވަރަށް ރަނގަޅަށް ކިޔަވަމޭ. ރަނގަޅު ނަތީޖާއެއް ހޯދައިގެން އަންނަ އަހަރު އޮސްޓްރޭލިއާ އަށް ބަދަލުވާނީއޭ،" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ އަޒުމުގައި ބައެއް މާއްދާތަކުން ކްލާހުން އެންމެ މަތީ މާކްސް ހޯދާފައި ވަނީ ރައުދާ ކަމަށެވެ. ގްރޭޑް ހައަކާ ހަމައަށް އިންޑިއާގައި ކިޔަވައި މާލެ ބަދަލުވެ ހިރިޔާ އިން އޯ ލެވް ނިންމިއިރު، އެންމެ ގަދަ 10 ކުދިންގެ ތެރޭގައި ވެސް ރައުދާ ހިމެނުނެވެ. އޭގެ ފަހުން އޭ ލެވެލް ނިންމައި ސެނަހިޔާ އާއި އައިޖީއެމްއެޗުގައި ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި ރައުދާ މަސައްކަތް ކުރި އެވެ.
އެއާއެކު، ހޮބީއެއްގެ ގޮތުގައި މޮޑެލްކުރަމުން އަންނައިރު، ރައުދާ އަކީ އެކިކަންކަމަށް ލޯ ހުޅުވިފައިވާ އަޒުމް ވަރުގަދަ ކުއްޖެއް ކަމަށް ވެސް އާތިފް ވިދާޅުވެ އެވެ.
ރައުދާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ލަންޑަންގައި ކިޔަވަން ހުރި ދިވެހި ކުއްޖަކާ އެވެ. އެ ދެ މީހުންގެ ތެރޭގައި ވެސް މައްސަލަތަކެއް ނެތްއިރު، މަރުވުމުގެ ކުރިން ވެސް "ވަރަށް އުފާވެރިކޮށް" ފޭސްބުކްގައި ދެ މީހުން ވާހަކަ ދައްކާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
ބުލީކޮށް ހެދި، މާބޮޑު ކަމަކަށް ރައުދާ ނުނަގާ!
ރައުދާ ކިޔަވާ ކޮލެޖަކީ ދީނީ ހަރުކަށި ފިކުރުތަކެއްގެ އަތް ދަށުވެފައިވާ ތަނެއް ކަމަށް ތުހުމަތުތަކެއް ކުރެ އެވެ. އެ ވާހަކަ އަށް ބާރު ލިބޭ ވާހަކަތައް ބަނގްލާދޭޝްގެ މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެ ކޮލެޖުގައި ކިޔަވަން ދާން ޖެހެނީ ބުރުގާ އަޅައިގެން ކަމަށް ޑްރެސްކޯޑުގައި ހިމަނާފައި އޮންނާތީވެ، ރައުދާ ވެސް ކްލާހަށް ދަނީ ޝޯލެއް އޮޅާލައިގެން ކަމަށް އާއިލާ އިން ބުންޏެވެ.
އާތިފް ވިދާޅުވި ގޮތުގައި ރައުދާ ޖީންސް ލައިގެން ކްލާހަށް ދާތީ، ފުރަތަމަކޮޅުގައި ކުދިން ވަރަށް ބޮޑަށް ދިމާކޮށް ހެދި ކަމަށް މަންމަ ގާތު ބުނެފައިވެ އެވެ. އެގޮތަށް ދިމާކުރުމުގައި ވެސް ސީރަތު ޕަރްވީން ބައިވެރިވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
"ޖީންސް ލުމަކީ ދީނުގައި ހަރާމް ކަމެކޭ ރައުދާއާ ދިމާ އަށް ކްލާސް ކުދިން ބުނި ކަމަށްވޭ. އާއްމުކޮށް ބުރުގާ އަޅައިގެން ނޫޅުނަސް ރައުދާ ކްލާހަށް ދާނީ ކޮލެޖުގެ ޑްރެސްކޯޑާ އެއްގޮތަށް. ޑްރެސްކޯޑު ކަމުނުގޮސްގެން ކޮލެޖުން އެއްވެސް މައްސަލައެއް ޖައްސާފައެއް ނުވޭ،" އާތިފް ވިދާޅުވި އެވެ.
ބުލީކުރިއިރު ވެސް ރައުދާ އަޅާނުލީ، އާތިފް ވިދާޅުވި ގޮތުގައި، އޭނާ އަކީ އެކަންކަމާ ކުރިމަތިލާން އެނގޭ، ވަރަށް ކެރޭ، މިނިވަން ހިޔާލުގެ ކުއްޖަކަށް ވާތީ އެވެ. ފަހުން، އެފަދަ އުނދަގުލެއް ކުރާ ވާހަކަ ނުދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާއިލާ އިން ބުނިގޮތުގައި ރައުދާ "މަރާލި" ހަގީގީ ސަަބަބެއް ސީދާ އަދި ނޭނގެ އެވެ. އެކަން އެނގޭނީ ގާތިލުންނަށް ކަމަށް އޭނާ ވިދާޅުވެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ރައުދާ މަގްބޫލުކަން ހޯދުމާއި ކިޔެވުމުގައި ކާމިޔާބީ ހޯދުމަކީ ވެސް އެކުގައި އުޅޭ އެހެން ދަރިވަރުން ހަސަދަވެރިވެދާނެ ކަމެއް ކަމަށް އާތިފް ދެކެ އެވެ.
އޭނާ ވިދާޅުވީ ރައުދާގެ މަރު އެއީ، ގަތުލެއް ކަން އެނގޭ މިހާތަނަށް މީޑިއާ އަށް އާއްމު ނުކުރާ ހެކިތަކެއް ވެސް އާއިލާގެ އަތުގައި އެބަހުރި ކަމަށެވެ.
"ވަރަށް ބޮޑަށް ބަޔަކު ރާވައިގެން އަޅުގަނޑުގެ ދަރިފުޅު މަރާލާފައި އޮތީ، ތަހުގީގު ކުރިއަށް ދާތީ އެ ހެކިތަކާ ބެހޭ ގޮތުން އަދި ވާހަކަ ހާމަކުރަން ބޭނުން ނުވަނީ،" އާތިފް ވިދާޅުވި އެވެ.
އިންސާފު ހޯދަން މައްސަލަ ބަނގްލާދޭޝްގެ ކޯޓަށް
އާއިލާ އިން ގަބޫލުކުރާ ގޮތުގައި ރައުދާގެ ތަހުގީގުގައި ބަނގްލާދޭޝްގެ ފުލުހުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. ދަންޖެހިގެން މަރުވެފައި އޮންނަ މީހަކު ފެނިގެން ވެސް ތަހުގީގު ގެންދަން ޖެހޭ ހުރިހާ ހަމަތަކުން ބޭރުވެ، އިންތިހާ އަށް ފަރުވާ ކުޑަކޮށް ރައުދާގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ ވަކީލުން ވެސް އާއިލާ އަށް މައުލޫމާތު ދޭ ކަމަށް އާތިފް ވިދާޅުވި އެވެ.
"ރައުދާ މަރާލި މައްސަލަ މިތަނުގެ ކޯޓަށް ހުށަހަޅަން ކްރިމިނަލް ލޯޔަރަކާ އެކު އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" އާތިފް ވިދާޅުވި އެވެ.
ރައުދާ މަރުވެފައި އޮއްވާ ފެނުނު ދުވަހު ވެސް އާދައިގެ މަތިން ކިޔަވަން ދާން ތައްޔާރުވުމަށް ފަހު، ހަމަ ކުއްލިއަކަށް ފަންކާގައި ސްކާފް އައްސައިގެން "ދަންޖެހި" މަރުވާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. އެ ގަބޫލުކުރުންތަކަށް ބާރު ލިބެނީ ހޯދިފައިވާ ހެކިތައް ކަމަށް އާތިފް ވިދާޅުވި އެވެ.