މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދުގައި އިންޑަސްޓްރިއަލް ވިލެޖް ހަދާތީ، އެތަނުގައި އަޅާފައި ހުރި އުޅަނދުތަކަށް ހާއްސަކުރި ޖާގަ ކުޑަވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ އުޅަނދުތަކުގެ ވެރިން ޝަކުވާ ކުރަން ފަށައިފި އެވެ.
ރަށްރަށުން އަންނަ އުޅަނދުތައް އެޅުމަށް ދެކުނު ފަރާތު ބަނދަރު އެއްކޮށް ކަހަލަ ގޮތަކަށް ކުރިން ބޭނުން ކުރެވެ އެވެ. ނަމަވެސް އިންޑަސްޓްރިއަލް ވިލެޖް ހަދަން އެތަން ހިއްކަމުން އަންނާތީ ހައުސިން މިނިސްޓްރީން ވަނީ އެ އުޅަނދުތައް، މެރީ ބްރައުން ރެސްޓޯރަންޓާ ހިސާބުން ފެށިގެން އިރުމަތީ ފަރާތަށް ބަދަލުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް މިއަދު ވިދާޅުވީ އުޅަނދުތައް އެ ސަރަހައްދަށް ބަދަލުކުރީ ދާއިމީ ގޮތެއްގައި ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖް ހެދިކަމުގައި ވިޔަސް އެ ތަނުން ދޯނިތަކަށް އެއްވެސް ޖާގައެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދޯނިތައް އަޅާނެ ޖާގަ ކުޑަވުމުގެ ޝަކުވާ ލިބޭ ކަމަށާއި ނަމަވެސް ދީފައި ވަނީ، ދެވޭނެ އެންމެ ބޮޑު ސަރަހައްދު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދޯނިތަކަށް ދެކުނު ފަރާތުގައި ކަނޑާފައި ވަނީ ވަގުތީ ނެރެއް ކަމަށާއި އެތަން ވެސް ތަރައްގީކުރާނެ ކަމަށެވެ.
ދޯނިތަކުން "މިހާރު" އާ ވާހަކަދެއްކި ބައެއް މީހުން ވަނީ ފަޅުގެ ޖާގައިގެ ދަތިކަމާ ހުރެ ކަންބޮޑުވުން ފާޅުކޮށް ޝަކުވާކޮށްފަ އެވެ.
ބ. އަތޮޅަށް ލޯންޗު ފެރީގެ ދަތުރުތައް ކުރަމުން އަންނަ މީހަކު ބުނީ، ލޯންޗަށް މީހުން އަރައި ފޭބުމަށް ވަރަށް ދަތިވާ ކަމަށެވެ. އެހެންވެ ދަތުރު ފަށަން ހަމަޖައްސާފައިވާ ގަޑި އަށް ދަތުރުތައް ނުފެށި ލަސްވުމުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.
"މުސްކުޅި ބަލި މީހުން ގޮވައިގެން އައިސް ވެސް މި ޖެހެނީ އެއް ލޯންޗުން އަނެއް ލޯންޗުން ބާލުވަން. ޖެޓީއާ ކައިރި ކުރެވޭނެ ގޮތެއް ނެތް. ދެން ޕެޓްރޯލް އަޅަން ވެސް ވަރަށް އުނދަގޫ. ބުނެވޭނީ ދަތުރުކުރާ ފަރާތްތަކަށް ނެތޭ ގޮތެއް،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެއް ނަމްބަރު ޖެޓީއާ ލޯންޗު ކައިރި ކުރުން ކަމަށާއި ނަމަވެސް އެ ތަނަށް ވެސް ކައިރިކުރާ ކޮންމެ ފަހަރަކު އެމްޓީސީސީއަށް ފައިސާ ދެއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެ ލޯންޗުން މާލެ އާއި ބ. އަތޮޅާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރެ އެވެ.
އެހެން ދޯންޏަކުން ވާހަކަދެއްކި މީހަކު ވެސް ބުނީ ކަންބޮޑުވާ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން ފަޅުތެރެއަށް ދޯނި ވެއްދުމަށްފަހު އަޅާނެ ތަނެއް ނެތިގެން ދުއްވަން ޖެހޭ ކަމަށާއި އެހެން އުޅަނދުފަހަރުތަކުގައި ޖެހިގެން ދޯނީގެ ދިރުނބާ ކޮޅަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.
ކަންބޮޑުވާ ކަންތައްތަކުގެ ވާހަކަ މިނިސްޓްރީގައި ބުނެފައިވާނެ ކަމަށާއި ދޯނި ފަހަރުތައް އަޅަން ގުޅިފަޅު ނޫނީ ހުޅުމާލޭގެ ވާހަކަ މިނިސްޓްރީން ބުނި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ދޯނިތަކުން ވާހަކަ ދެއްކި މީހުން ބުންޏެވެ.