ސ. ފޭދޫގައި ޓްރެފިކް ގަވައިދާ ހިލާފުވި އަންހެނެއްގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނު ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެ އެވެ.
އިއްޔެ ހަވީރު ފޭދޫ ލިންކު ރޯޑުން ސައިކަލުގައި ދިޔަ އެ އަންހެން މީހާ ފުލުހުން ހުއްޓުވީ އޭނާގެ އަތުގައި ލައިސަންސް ނެތުމުންނެވެ. ގިނަ ބަޔަކު ފާޑުކިޔަމުން އަންނަނީ އަންހެން މީހާ ހައްޔަރުކުރުމުގައި ފުލުހުން މާ ބޮޑަށް ބާރުގެ ބޭނުންކުރާ ތަން ފެންނާތީ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާގެ އަތުގައި ބިޑިއަޅުވަން އަންހެން ފުލުހަކާއި ފިރިހެން ފުލުހަކު މަސައްކަތްކުރާއިރު އޭނާ ދެކޮޅުހަދަމުން ދިޔަ އެވެ. އަދި ތަދުވާކަމަށް ބުނެ ރޯން ފަށައި، އަތުން ދޫކުރަން ވެސް އެދެ އެވެ.
އެންމެ ފަހުން އެ އަންހެން މީހާ ފުލުހުންގެ ޖިޕަށް އަރުވަނީ ބިޑި ނާޅުވަ އެވެ.
އެ ވީޑިއޯ ނެގި މީހާ ބުނީ ސައިކަލުގައި ދިޔަ އަންހެން މީހާ ހުއްޓުވައި ފުލުހުން އެދުނީ އެ މީހުންނާ އެކު ޕޮލިސް ވެހިކަލްގައި ފުލުސް އޮފީހަށް ދިޔުމަށެވެ. އެކަމަކު އަންހެން މީހާ ބޭނުންވީ އޭނާގެ ސައިކަލުގައި ދާށެވެ. ފުލުހުން އެކަމާ ދެކޮޅުހަދައި، އަންހެން މީހާއާ ވާހަކަ ދެއްކި ގޮތުންނާއި ގަދަކަމުން ބިޑުއަޅުވަން އުޅުމުން އޭނާ ހިތްހަމަނުޖެހުނީ ކަމަށް ބުންޏެވެ.
"ސައިކަލުގައި ދާން އެއްބަސްނުވުމުން ދެ ފަރާތުން ވެސް ޒުވާބުކުރީ. އަންހެން މީހާ ގަދަ ދެއްކުމުން ފަހުން ފުލުހުން ބޭނުންވީ ވެސް އޭނާ ބިޑި އަޅުވައިގެން ވެހިކަލަށް އަރުވަން،" ވީޑިއޯ ނެގި މީހާ ބުންޏެވެ.
ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެއީ ފުލުހުންގެ އާދައިގެ ޓްރެފިކް ހާދިސާއެއް ކަމަށާއި އެކަން ބޮޑުވީ ފުލުހުން އެންގި ގޮތަށް އަންހެން މީހާ އަމަލު ނުކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ލައިސަންސް ނެތިގެން ހުއްޓުވި ސައިކަލުގައި އަންހެން މީހާ ފުލުސް އޮފީހަށް ދާކަށް ފުލުހުން ހުއްދައެއް ނުދޭނެ އެވެ. ބިޑި އަޅުވަން މަސައްކަތް ކުރީ ފުލުސް އޮފީހަށް ދާން ދެކޮޅުހަދައި، އަންހެން މީހާ ޒުވާބު ކުރަން ފެށުމުން ކަމަށް ޝިފާން ވިދާޅުވި އެވެ.
"އަންހެން މީހާ ބިޑިއަޅުވަން އުޅުނީ ފުލުހުންގެ އަމުރާ ހިލާފުވެގެން. ފުލުހުންގެ ވެހިކަލަށް އެރުމަށް ދެތިން ފަހަރު ބުނެގެން ވެސް އެކަން ނުކުރުމުން ބިޑި އަޅުވަން ޖެހުނީ،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ މީހުންނަށް މައްސަލައަކަށް ވީ، މި ހާދިސާގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތެވެ. އަދި އެކަމާ މެދު ޝަކުވާއެއް އޮތް ނަމަ އެކަން ފުލުސް އޮފީހަށް ހުށަހެޅޭނެ ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.