ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ކެންޑިޑޭޓުންނަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނިކޮށް އެ މަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހުކުމާ ގުޅޭ ގޮތުން އދ.އާ ވާހަކަ ދެއްކެވި ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ޕާޓީތަކުން ނިންމާ ކެންޑިޑޭޓުން ހިމެނޭ އިންތިހާބެއް އޮންނާނެ ކަމަށެވެ.

އެކަމަކު، އެއީ އދ. އިން ދިން ޔަގީންކަމެއް ކަމެއް ނޭނގެ އެވެ.

ނަޝީދު އެހެން ވިދާޅުވި އިރު އީޔޫގެ ވަފުދެއް މި އަހަރުގެ ކުރީކޮޅު ރާއްޖެ ޒިޔާރަތް ކުރުމަށް ފަހު ބުނެފައި ވަނީ 2018 ގައި އޮންނަ ރިޔާސީ އިންތިހާބަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން އޮންނަ އިންތިހާބަކަށް ވާން ޖެހޭނެ ކަމަށެވެ.ކޮމަންވެލްތުން ވެސް ވަނީ އެ އިންތިހާބުގައި ބައިވެރި ވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގާނޫނުގައިވާ ގޮތުން ނަޝީދަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.