އީޔޫގެ މަންދޫބުންނާ އަދާލަތު ޕާޓީގެ މެމްބަރުން ބައްދަލުކުރަނީ.--ފޮޓޯ:އަދާލަތު ޕާޓީ
28 ޖޫން 2016 - 12:48
ކުރިއަށް ހުރި އިންތިހާބުތަކުގެ އިންސާފުވެރިކަން ކަށަވަރަކުރުމަށާއި އިންސާފުވެރި ސިޔާސީ މާހައުލެއް ގާއިމްކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެމްބަރުން އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި އިލެކްޝަންސް ކޮމިޝަންގެ (އީސީ)ގެ ރައީސް އަހުމަދު ސުލެއިމާނަށް ފޮނުވި ސިޓީއެއްގައި ބުނީ، ރާއްޖެއަކީ ފުރިހަމަ ޑިމޮކްރެޓިކް ގައުމެއްގައި ގޮތުގައި ހަމަޖެހުމާއި އަމާންކަންމަތީ ކުރިއަށްދިއުމަށް މަގުފަހިކުރުމަށް އެ ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން "ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި، ތިޔަ ކޮމިޝަންގައި މިވަގުތު ތިއްބެވި ފަސް މެމްބަރުން ލަސްނުކުރައްވާ އިސްތިއުފާ ދެއްވުމަށް" އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ބުންޏެވެ.
އީސީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ފޮނުވި އެ ސިޓީގައި ބުނެފައިވަނީ އެ ކޮމިޝަންގެ މެމްބަރުންގެ ނަޒާހަތްތެރިކަން ގެއްލި ގާނޫނީ ޒިންމާ އުފުލުމުގައި ވެސް އިހުމާލުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ރައްޔިތުންނަށް ލިބެމުންދާ ނުތަނަވަސްކަމާއި ގެއްލުމުގެ ބައެއް ޒިންމާ އެ ކޮމިޝަނުން ނަގަންޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ހިފަހެއްޓުމަކީ ގާނޫނުތަކުގެ އިތުރުން ޝަރުއީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ވެސް ތައާރަޒުވާ ކަމެއް ކަމަށާއި އަދި އަދާލަތު ޕާޓީއަށް ދޭންޖެހޭ ފައިސާ އީސީން ދޫނުކޮށް ހިފަހައްޓާފައިވަނީ ގަސްދުގައި އެ ޕާޓީއަށް ދަތިކޮށް ޖެއްސުން ކުރުމަށް ކަމަށް ވެސް ދެކޭ ކަމަށް ސިޓީގައި ބުންޏެވެ.
ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެ ކޮމިޝަނަށް އަދާލަތު ޕާޓީއާ މުއާމަލާތްކުރުމުގައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ ކަމުގެ ތުހުމަތު ވެސް އެ ސިޓީގައި އީސީގެ މައްޗަށް ކޮށްފައި ވެ އެވެ. އަދި ސިޔާސީ ވަކި ފަރާތްތަކަށް ފައިދާ ހޯދައިދިނުމަށް އެ ޕާޓީ ނެތިކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ދެކޭ ކަމަށް ވެސް ބުންޏެވެ.
"އެއްވެސް ޝަރުއީ ކޯޓެއްގެ ބަހެއްނެތި އަދި އެއްވެސް ތަހުގީގުކުރުމެއް ވެސް ނެތި، ކުޑަމިނުން މި ޕާޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ވެސް ނުލައި އަމަން ނަގާލިކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފައި ވެ އެވެ،" ސިޓީގައި ބުނެފައި ވެ އެވެ.
ސިޓީގައި ބުނެފައިވާ ގޮތުގައި ހަ މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި މެމްބަރުންގެ އިނގިލީގެ ނިޝާން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެންގުމަކީ ފަހުން އުފައްދާފައިވާ ސިޔާސީ ޕާޓީތަކަށް މަންފާ ހޯދައިދޭން ގާނޫނު މާނަކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފަށް ގާނޫނު މާނަކޮށްގެން ހިންގާފައިވާ ގާނޫނާ ހިލާފު ޖަަރީމާ އެކެވެ.
ސާފު އިނގިލީގެ ނިޝާނާއެކު އެ ޕާޓީގެ ފަރާތުން އީސީއަށް ހުށަހަޅާ ފޯމުތައް، އިނގިލީގެ ނިޝާން ކަށަވަރު ނުވާކަމަށްބުނެ އަނބުރާ ފޮނުވާލާ މައްސަލައަކީ ވެސް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށް ސިޓީގައި ބުންޏެވެ. އަދި އެކަން އޮޅުންފިލުވަން ތަކުރާރުކޮށް މަސައްކަތް ކޮށްގެން ވެސް އިނގިލީގެ ނިޝާން ތިޔަ ކޮމިޝަނަށް ކަށަވަރުނުވެގެން އުޅޭ ސަބަބެއް ސާފުކޮށްދެވިފައިނުވާ ކަން ވެސް ފާހަގަކޮށްފައި ވެ އެވެ.
އެ މަސައްކަތް ކުރަން އީސީން ފުލުހުންގެ މުއައްސަސާއަށް ހަވާލުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަދާލަތުން ބުންޏެވެ.
"ތިޔަ ކޮމިޝަނާ ގާނޫނީ ބޮޑު ޒިންމާއެއް ހަވާލުކޮށް، އެ ޒިންމާ އަދާކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ މާލިއްޔަތުން މުސާރަ ދެމުންގެންދާއިރު މަސްއޫލިއްޔަތުން ރެކިގަނެ އެހެން ފަރާތަކާ އެކަން ހަވާލުކުރުމަކީ ގާނޫނާ ހިލާފު ފިނޑި އަމަލެކެވެ،" ސިޓީގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަބޫ
28 June 2016
ޢަދާލަތު ޕާޓީ އަބަދުވެސް ފެންނަނީ އެއްވެސް ޒާތީ ކަމެއްނެތި އެންމެންނާ ގުޅިގެން ރައްޔިތުންގެ ހައްޤުތައް ހޯދާދިނުމައް މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި މަސައްކަތް ކުރާތަން
އައްޔަ
28 June 2016
ހުދުމުހުތާރު ހުރިހާ ސިފައެއް، މިފަހަރު ވާދަކުރާނީ ޔާމީނު އެކަނި، އިންސާފުވެރި ޔެސް އޯ ނޯ ވޯޓެއް މިފަހަރު އޮންނާނީ. ހަމަ ތިގޮތައް ހިއުމަން ރައިޓްސް މުައައްސަސާވެސް ނަމެއްގަ، ރައީސް ދެކެ ބިރުން އުޅޭ ތަނެއްގެގޮތުގަ ފެންނަނީ. ބޯހަލާކު.. މިއޮއް ގައުމެއްދޯ.
ހުސައިން
28 June 2016
ޢަދާލަތަށް ސާބަށް.. ތިޔަގޮތުގައި ހިފަހައްޓާތި. ޢަދާލަތު ފެނިފައިވަނީ ވަކި މީހެއްގެ މޫނަށް ނުބަލައި ޤައުމުގެ ހައްޤުގައި މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި
ޝިފާގު
28 June 2016
ތިޔަ އަލީޒާހިރެއްގެ ސިޓީގައި ތިހިރީ މުޅިންވެސް ރަގަޅު ވާހަކަތަކެވެ. އެކަމަކު ބުނެލަންޖެހެނީ ހިތިޒަހަރެއް ބޯންޖެހޭހެން، ކޮންމެ ގޮތަކުންވިޔަސް އަދާލުޕާޓީ ހަމަމަގަށް ގެނެސް ޑިމޮކްރެޓިކް ވެއްޓެއް މިރާއްޖޭގައި ގާއިމްކުރަން އެބަޖެހެއެވެ. ޑިމޮކްރަސީގެ ނިވާފަތްގަނޑުގައި ތިބެގެން މިރާއްޖެއަށް ހައްދުފަހަނައަޅާ ގޮސްފައިވާ ފިކުރެއް ގެނައުމަށް ރާވާރޭވުންތައް ހުއްޓުވެން ޖެހެއެވެ. އަހަރެމެން ޑިސެމްބަރު 23 އާއި މޭޑޭ ދުށީމެވެ. އެއީ އަދާލަތެވެ. އިމްރާނަކީ ބިރުގަންނަންޖެހޭ މީހެކެވެ.
ޢަންވަރު
28 June 2016
ތީ ސަރުކާރުން ޖަހާކޮންމެ ބެރަކަށް ނަށަން ތިބޭ ކުދިންކޮޅެއް...
ބޮޑު ހުސޭނު
28 June 2016
އަސްލު މީހާ ފެންވަރުގެ މީހުން ތަންތަނަށް ލީމަ ވާނެ ހައެތި ވަނީ ... ޝުކުރިއްޔާ ޤައުމު!!!!!
ދޮން އާމިރު
28 June 2016
ސަޅި....
ތަމް
28 June 2016
ފިންގާ ޕްރިންޓް ސައްޙަނޫނޯ އެކަމަކު ކީއްވެ ކަމެއް ބުނެދޭން ނޭގެޔޯ. މިއީ މަޖާކަމެއް.
ޒަމީރު
28 June 2016
ތިޔަ ކޮމިޝަނުގައި ނެތް ސަހަލު އެކަކުވެސް. އިހައްދުވަހުވެސް "އެބައިގަޑު"ގެ ނަމުން އިދިކޮޅު ޕާޓީއަށް މުޙާތަބްކުރީ އެ ސުލައެމާނު. މިހިރީ މިމީހުންގެ ޙިޔާލު ހުރި ހިސާބު. ދެން ކޮންކަމެއް ރަނގަޅުވާނީ
ބާރީ
28 June 2016
ވަރަށް ރަނގަޅު ވާހަކައެއް، އަދި އީސީން ގާއިމްކުރާ އީވޯޓިންގް ނިޒާމު އެއްވެސް އިދިކޮޅު ބަޔަކު ގަބޫލުކޮށްގެންނުވާނެ