ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ދުވަން ތައްޔާރުކުރި ތަނުގައި ސިންތެޓިކް ޓްރެކް އަޅާ އަންނަ ހަފުތާގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެޕްރީލް މަހު ޓްރެކް މަސައްކަތް ފެށީ މެއި މަހު ނިންމުމަށެވެ. އެކަމަކު ކުރިން އެ ޓްރެކް ހަނިކަމުން ފަހުން ވަނީ ފުޅާކޮށްފަ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓްރެކްގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެ ކަމަށެވެ.
ޓްރެކްގެ ދިގު މިނުގައި 700 މީޓަރު ހުރެ އެވެ. އެތަން އަލުން ތަޅާލައި، ފުޅާކުރީ މަސައްކަތް ނިމެން ކައިރިވެފައި އޮއްވަ އެވެ.
ކަސްރަތަށް ހިނގާ އަދި ދުވާ މީހުންނަށް ޚާއްސަކޮށްގެން ހަދާ ޓްރެކްގައި އަދިވެސް އެއްފަހަރާ ދެ މީހުންނަށް ދެވޭނެ ކަމަކަށެއް ނުފެނެ އެވެ.
"މިހާރު ވެސް އެހާ ހަނި. އެންމެން ދުވާނީ އެއް ސްޕީޑަކަށް ނޫން، ޓްރެކް ހަދާފައި ހުރި ގޮތުން މިހާރު ވެސް ފަހަތުން ދުވެފައި އައިސް ކުރިއެއް ނޭރޭނެ. އަނެއްކާ ޓްރެކްގައި ދެކޮޅަށް ދުވަން އުނދަގޫވާނެ،" ރަސްފަންނު ސަރަހައްދުގައި ކަސްރަތަށް ދުވެއުޅޭ މީހަކު ބުންޏެވެ.