ގާސިމްގެ ބޭސްފަރުވާގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އޭނާގެ ވަކީލުން އިއްޔެ ހުށަހަޅައިފި އެވެ.


ގާސިމްގެ ސިއްހީ ހާލަތު ގޯސްވެ، އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި ވަނިކޮށް، އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކުރި ހުކުމަށް ފަހު، ސިންގަޕޫރުން ފަރުވާ ހޯދަން ސަރުކާރުން ދިނީ 10 ދުވަހުގެ މުއްދަތެވެ. އެހާ ކުރު މުއްދަތެއްގައި ގާސިމްގެ ފަރުވާ ނުނިމޭނެތީވެ ތިން މަސް ދުވަސް އިތުރުކޮށްދޭން އާއިލާ އިން އެދުމުން ކަރެކްޝަނަލް ސާވިސް އިން އެ ހުއްދައެއް ނުދިނެވެ.

ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުން ގާސިމް ބެއްލެވި ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއި ކުރައްވައި ދެއްވި ލިޔުމުގައި ބުނެފައި އޮތީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ކުރުމަށްޓަކައި ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރަން އޭނާ ވަނީ ލަފާދެއްވައިފަ އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ 10 ދުވަހުގެ ތެރޭގައި ގާސިމަށް ބޭސްފަރުވާ ފުރިހަމަ ނުކުރެއްވޭނެ ކަމަށާއި ހާލަތު އެއަށް ވުރެ ސީރިއަސް ކަމަށެވެ. އެހެންވެ، ސިންގަޕޫރުގައި ހެދި ގާސިމްގެ ހުރިހާ ޓެސްޓުތަކާ އެކު ކަރެކްޝަންސްގެ ނިންމުން އަލުން މުރާޖައާކޮށް، މުއްދަތު އިތުރުކޮށްދޭން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ޓެސްޓުތަކާއި ޖަރުމަން ޑޮކްޓަރުގެ ލިޔުންތަކާއެކު ކަރެކްޝަނަށް ފޮނުވާފައި ވަނީ. އަޅުގަނޑުމެން މި އުއްމީދު ކުރަނީ މުއްދަތު އިތުރުކޮށްދޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ގާސިމަށް އިތުރު ފަރުވާދިނުމަށް ފުރާވަޑައިގެންނެވޭ ގޮތް ދިވެހި ސަރުކާރުން ހަދައި ދިނީ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ބޭރުން ހަދަން ޖެހޭ ކަމަށް އެތައް ޑޮކްޓަރުންނެއް އެކި ފަހަރު މަތިން ލަފާ ވެސް ދިނެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ގާސިމަށް ތިން އަހަރުގެ ހުކުމް އިއްވީ ވެސް، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ. ގާސިމްގެ ޓެސްޓުތަކެއް ހަދަން ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް އަދިއެއް ނުފަށަ އެވެ.