7،000 މީހުންނަށް އަންނަ އަހަރު ފްލެޓް ކަށަވަރުވާނެ: މިނިސްޓަރު

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން އަންނަ އަހަރު 7،000 މީހުންނަށް ފްލެޓް ކަށަވަރުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރިގޮތާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް، ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ބޯހިޔާވަހިކަމުގެ ވައުދުގެ ބޮޑު ބައެއް އަންނަ އަހަރު ފުރިހަމަވާނެ ކަމަށެވެ. އަންނަ އަހަރު ތެރޭގައި މަދުވެގެން 7،000 ފްލެޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން 15،000 ހައުސިން ޔުނިޓް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރިމަތިލާން ދެން ހުޅުވާލާ ފްލެޓްތަކަށް، މި ބުރުގައި ފްލެޓް ނުލިބުނު 14،000 އަށް ވުރެ ގިނަ މީހުން އަލުން ހުށަހަޅާކަށް ނުޖެހޭނެ އެވެ.

"އެ ބުރުގައި، މިހާރު ފޯމު ލާފައި ތިބި މީހުންނަށް ވެސް، އަދި އިތުރަށް ވެސް ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ފިޔަވަހިން ކުރިމަތިލީ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ ނަމަ، އެ މައުލޫމާތު ހިމަނަން ފުރުސަތު ދޭނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ: ރައީސް ޔާމީން ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން އަންނަ އަހަރު ގިނަ ބަޔަކަށް ފްލެޓް ކަށަވަރުވާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މި ސަރުކާރުން ޔަގީންކޮށް މިދެނީ ދުވަހަކު ވެސް މި ރާއްޖޭގައި ފްލެޓް ނާޅާހާ ގިނަ އަދަދަކަށް މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަން. އަދި އޭގެ އެންމެ ހައްގުވެރިންނަށް ފްލެޓް ޔަގީންކޮށްދެމޭ. މިކަން ކުރެވޭނީ އަދި ކުރާނީ ވެސް ރައީސް ޔާމީންގެ ސަރުކާރުން،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރު ނިމޭ ފްލެޓްގެ އަދަދަށް އެކަނި ބަލާލިޔަސް، އެއީ ރާއްޖޭގެ އެއްވެސް ރައީސަކު މިހާތަނަށް އަޅާފައިވާ އަދަދެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރު ފްލެޓް ލިސްޓު އިއުލާންކޮށްފައި ވަނީ ހަމައެކަނި ފޯމު ނަމްބަރު ހިމެނޭ ގޮތަށެވެ. އެ މައްސަލާގައި ގިނަ ބަޔަކު ޝަކުވާ ކުރަމުންދާތީ، ފްލެޓް ލިބުނީ ކިތައް ޕޮއިންޓުންތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ އެގޮތަށް ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ކަމަށެވެ.