އަބްދުﷲގެ ފަހު ކޯލް: "މިއުޅެނީ ވަރަށް ބަލިވެ"

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އިއްޔެ މަރުވި ގ. ކީމާ، އަބްދުﷲ ރަޝީދު ޖަލުގައި ހުއްޓައި އޭނާގެ އަންހެނުންނާ އެންމެ ފަހުން ފޯނުން ވާހަކަ ދެއްކީ މިދިޔަ ހޮނިހިރު ދުވަހު އެވެ.


އަންހެނުން ޝެހެނާޒް އަބްދުއްރަހީމް ކައިރީގައި އޭނާ އަށް ދެއްކުނީ މުޅިންހެން އޭނާގެ ބަލިހާލަތުގެ ވާހަކަ އެވެ.

"ބުނި ވަރަށް ބައްޔޭ،" ޝެހެޒާން ކިޔައިދިނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި އެންމެ ބޮޑު މުޒާހަރާ، މޭ 1، 2015 ގެ ބޮޑު އެއްވުމުގައި ފުލުހަކަށް ހަމަލާދިނުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ 51 އަހަރުގެ އަބްދުﷲ އަށް އަންހެނުން ނަސޭހަތް ދިނެވެ.

"އަޅުގަނޑު ބުނިން ޑޮކްޓަރަށް ދައްކާށޭ. [ދެން ބުނީ] ޑޮކްޓަރަށް ދައްކަން އެއީ ފަސޭހަ ކަމެއް ނޫނޭ،" ޝެހެނާޒް ބުންޏެވެ.

"ދެން އަޅުގަނޑު ބުނިން ގުލްކޯޒް ކަހަލަ އެއްޗެއް ނަގާށޭ. ބުނީމަ ބުނީ ފިހާރަ ހުއްޓަސް ނުލިބެޔޭ."

އަބްދުﷲ ބޭރަށް ހިންގާކަން ޝެހެނާޒަށް އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހަމައެކަނި ބޭރަށް ހިންގީކީ ނޫނެވެ. ހޮނިހިރު ދުވަހު ތިން ފަހަރެއްގެ މަތިން އަނބުރައިގަނެގެން ޖަލުގެ ގޮޅި ތެރެ އަށް ވެއްޓުނުކަން ވެސް އެނގުނެވެ. އެހެންވެ އަންހެނުން މަސައްކަތްކުރީ ވީހާ ވެސް އަވަހަކަށް އަބްދުﷲ ޑޮކްޓަރަށް ދެއްކޭތޯ އެވެ.

ފިރިމީހާ ބަލިވެ އުޅޭކަން ކަރެކްޝަނުން އާއިލާ އަށް ނާންގާ ކަމަށް ޝެހެނާޒް ބުންޏެވެ. އަދި އަަބްދުﷲ އުޅެމުން އައީ އެހާ ސީރިއަސް ހާލަތެއްގައި ކަން ވެސް އާއިލާ އަށް އޮތީ ކަރެކްޝަނުން ސިއްރު ކޮށްފަ އެވެ.

ޝެހެނާޒް ބުނި ގޮތުގައި އެތައް މަސައްކަތަކަށް ފަހު އަބްދުﷲ މާލެ ގެނެސް ޑޮކްޓަރަށް ދެއްކޭވަރުވީ މިދިޔަ ހޯމަ ދުވަހު މެންދުރެވެ. އޭރު ހާލަތު ވަނީ ވަރަށް ދަށްވެފައި ކަމަށާއި އަބްދުﷲ އަށް މީހަކާ ވާހަކަ ދައްކާލެވޭ ވަރު ވެސް ނުވި ކަމަށް އޭނާ ބުންޏެވެ.

ފަހުން އެނގުނު ގޮތުގައި އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ވެސް ވަނީ ހަލާކުވެފަ އެވެ.

"ގެނައި އިރު މުންޑުގައި ވެސް ހުރީ ނަޖިސް. ނިޔާވީ އެއާ އެކު،" ޝެހެނާޒް ކިޔައިދިނެވެ.

"އަޅުގަނޑު ބުނިން އެތައް ފަހަރަކު ގެއިން ހެދުން ގެނެސް ބަދަލުކުރަން ވެސް. އެކަމަކު ކަރެކްޝަންގެ އުސޫލުގެ މަތިން ޖަލު ހެދުން ގެނެސް ލައްވާނަމޭ ބުނީ. އެކަމަކު ނުލައްވާ."

އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އަބްދުﷲ ނިޔާވީ ކަރެކްޝަންގެ އިހުމާލުންނެވެ. ބަލިހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާނުދީ މާ ބޮޑަށް ލަަސްކުރި ކަމަށް އާއިިލާ އިން ބުނެ އެވެ.

އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ބުނޭ

ޝެހެނާޒް ބުނި ގޮތުގައި މުޒާހަރާ އަށް ފަހު މޭ 2 ވަނަ ދުވަހު ހައްޔަރުކުރުމާ ހަމައަށް އަބްދުﷲ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫނެވެ. އެހެންކަމުން އޭނާ ބަލިވެ އަދި އެ ހާލަތު ގޯސްވަމުން ދިޔައީ އެކަށީގެންވާ ފަރުވާ ނުލިބިގެން ކަމަށް އާއިލާ އިން ބުނެ އެވެ.

ހަތް އަހަރުގެ ދަރިފުޅުގެ އާދޭސް ރައީސް ޔާމީނަށް

މިދިއަ އަހަރުގެ ކުޑަ އީދު ދުވަހު ރައީސް ޔާމީނާ އީދު ސަލާމް ކުރަން، އަބްދުﷲގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ޝެހެނާޒު ދިޔަ އެވެ. ޝެހެނާޒު ބުނި ގޮތުގައި ރައީސާ ސަލާމް ކުރުމަށް ފަހު ރައީސްގެ އަރިހުން ދަރިފުޅު އެދުނީ "ބައްޕަ ދޫކޮށްލަދިނުމަށެ"ވެ.

"ދަރިފުޅު ކައިރީ ރައީސް ވިދާޅުވި ބަސްއަހާނެހޭ ބައްޕަ. އެހެން ވިދާޅުވީމާ ދަރިފުޅު ބުނި އާނއެކޭ، އަހާނެއޭ،" އެ ކުރު ބައްދަލުވުމުގެ ވާހަކަ ޝެހެނާޒް ކިޔައިދިނެވެ.

"ދެން ރައީސް ވިދާޅުވީ އެހެންވިއްޔާ ބަލާނަމޭ."

އެކަމަކު އެންމެ ފަހު ނޭވާ އަބްދުﷲ ދޫކޮށްލީ ޖަލުގައި ހުއްޓައި، އެންމެ ކުޑަވެގެން އޭނާގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ވެސް ނުލިބި އެވެ. މަރުވި އިރު އޭނާގެ އެއްވެސް ދަރިއަކު ވެސް ކައިރިއަކު ނެތެވެ.

އަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ޖެހޭ

މި ފަހުން ބައެއް ގައިދީން ވަނީ، އެއް ބަޔަކު ބުނާ ގޮތުގައި، އެކަށީގެންވާ ފަރުވާ ނުލިބި މަރުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ގޮވާލާފައި ވަނީ ޖަލުގެ ކުއްލި މަރުތަކުގެ ބައިނަލްއަގުވާމީ ތަހުގީގަކަށެވެ. އަދި ގައިދީންގެ ބޭސްފަރުވާގެ ކަންކަން ދޯދިޔާކޮށް ހުރުމުން ސަރުކާރަށް ގެންދަނީ ފާޑު ވެސް ކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އަބްދުﷲ އަށް ފަރުވާ ދޭން ފެށީ ހޮޑުލާއިރާއި ބޮޑުކަމުދާއިރު ކަޅު ރަތް ކުލައިގެ ލޭ އަންނާތީ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން އެދުނުތާ ވެސް ތިން ވަނަ އަށް ވީ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފަހަކަށް އައިސް ޖަލުގައި "ގޮތް ނޭނގޭ" މަރުތައް އިތުރުވެފައި ވާތީ ކަމާ ގުޅޭ އިދާރާތަކުން އެކަން ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަބްދުﷲ ރަޝީދުގެ މަރު ވެސް ކަމާ ގުޅޭ މުއައްސަސާތަކުން ތަހުގީގުކުރަން ޖެހޭނެ. ހާއްސަކޮށް، ހިއުމަން ރައިޓްސް ކޮމިޝަނުން އިސްނަގައިގެން މިކަން ބަލައި އަބްދުﷲ ރަޝީދާ މެދު އިހުމާލުވެފައިވޭތޯ ބަލަން ޖެހޭ،" އަމީތު ވިދާޅުވި އެވެ.