މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، މި ދާއިރާ އަށް ބައި ގަރުނު ހިދުމަތް ކޮށްދެއްވާފައިވާ "އާފަތިސް" ނޫހުގެ މަސްއޫލުވެރިޔާ އައްބާސް އިބްރާހިމަށް ރޭ ލިބިވަޑައިގެންފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ އެވޯޑު ދިނުމުގެ ހަފުލާގައި އައްބާހަށް އެވޯޑު ހަވާލުކޮށްދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާހަކީ ނޫސްވެރިކަމުގެ ހުރިހާ ދައުރެއް ތަޖުރިބާކުރައްވައި އެ ދާއިރާ އަށް އެކި ސިފައިގައި ހިދުމަތް ކޮށްދެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ބައެއް ނޫސް މަޖައްލާތަކުގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ ތެރެއަށް އައްބާސް ވެންނެވީ މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރެއްވިއިރު ސަރުކާރުގެ ހަބަރު ނޫހުގެ ކުޑަކުދިންގެ ސަފުހާ ހާ ހިސާބުންނެވެ. އަދި ކިޔަވާ ވިދާޅުވުމަށް ފަހު އޭނާ ވަނީ ނޫސްވެރިކަމާ އަމަލީ ގޮތުން ގުޅިވަޑައިގެންފަ އެވެ.
ނޫސްވެރިކަމުގައި އައްބާސްގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތަކީ ސަރުކާރުން އޭރު ނެރުނު ވިޔަފާރި މިއަދު ނޫހަށް ބޭރު ދުނިޔޭގެ ހަބަރު ލިޔުއްވުމެވެ. އަދި މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއާ އެކު 1960 ވަނަ އަހަރު ސަރުކާރުގެ އެހީތެރިކަމާ އެކު "ފަތިސް" ނަމުގައި ނޫހެއް ނެރުއްވުގައި އުޅުއްވި އެވެ.
އެ ޖަމިއްޔާ އުވިގެން ދިޔަ ކަމުގައި ވިއަސް އަމިއްލަ ޗާޕު މެޝިނެއް ހޯއްދަވައިގެން އެ ނޫސް ގޭގައި ޗާޕް ކުރައްވައިގެން ނެރުއްވި އެވެ. އޭގެ ފަހުން "އާފަތިސް" ނަމުގައި ވަރަށް ގިނަ އަހަރުތަކަކަށް ދެމިގެން ދިޔަ ވަރުގަދަ، ޒަމާނީ ނޫހެއް އޭނާ ނެރުއްވަން ފެއްޓެވި އެވެ. އެ ނޫހަކީ ވަރަށް ބަޔަކު ނޫސްވެރިކަމުގެ ބިންގާ އެޅި ނޫހެއް ވެސް މެ އެވެ.
ނޫސްވެރިކަމަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ 1985 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު ދެއްވައިފަ އެވެ. އަދި ހަބަރާއި މައުލޫމާތު ދެތުރުމުގެ ދާއިރާއިން 2004 ވަނަ އަހަރު ވަނީ އާއްމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ދެއްވައިފަ އެވެ.