ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓް ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 1،000 ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި ވަނީ ސިވިލް ސާވަންޓުންގެ ތިން ކެޓަގަރީ އަކަށް ކަމަށެވެ. މިއީ ރައްޔިތުންގެ ކުރިމަގަށްޓަކައި ރައީސް ޔާމީން ނިންމެވި ވަރަށް މުހިއްމު ނިންމުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ފްލެޓްތަކަށް ކަނޑައެޅުމުގައި ބަލާ ޝަރުތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަޒީފާގައި ދެމިހުރި މުއްދަތާއި ތައުލީމީ ފެންވަރެވެ. މި މަހުގެ އެކަކުން ފެށިގެން އަންނަ މަހުގެ 15 އާ ހަމައަށް މި ފްލެޓްތަކަށް ކުރިމަތިލެވޭނެ އެވެ.
ކެޓަގަރީތަކާއި ކަނޑައެޅި އަދަދުތައް
- ސިވިލް ސާވިސްގެ ސަޕޯޓް ސާވިސް މަސައްކަތް ކުރާ މުވައްޒަފުންނަށް 400 ފްލެޓް.
- ފަންނީ އަދި މެނޭޖްމެންޓް ލެވެލްގެ މަގާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 300 ފްލެޓް.
- ސިވިލް ސާވިސްގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް 300 ފްލެޓް.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާލޭގައި އެކި މިނިސްޓްރީތަކުގައި މަސައްކަތްކުރާ ހުރިހާ ރޭންކެއްގެ މުވައްޒަފުންނަށް ވެސް ލިބިގެންދާނެ އެވެ. މި ފްލެޓްތައް ކަނޑައެޅުމުގައި މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގުޅެންގުޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރުކާރު އޮފީހެއްގައި އުޅޭ މާލޭގެ ރަށްވެއްސެއްތޯ ނުވަތަ އަތޮޅުތެރޭގެ ރަށްވެއްސެއްތޯ ނުބަލާނެ. ސަރުކާރުގެ ވަޒީފާއެއްގައި އުޅުން މި އޮންނަ ޝަރުތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ފްލެޓްތަކާ އެކު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ސަރުކާރު މުވައްޒަފުންގެ 26 ޕަސެންޓަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށެވެ. މިއީ، ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ފްލެޓްތަކަށް ކުރިމަތިލާން މުޅި އާ ފޯމެއް ހަދައި، މިނިސްޓްރީތަކަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. މި ފްލެޓްތައް ދޫކުރާނީ ވެސް ވަރަށް އިންސާފުވެރިކަމާ އެކު ދެފުށްފެންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަޅާ 7،000 ފްލެޓް ދޮޅު އަހަރު ތެރޭގައި ނިމޭނެ އެވެ. ސިވިލް ސާވަންޓުންގެ ތެރެއިން ފްލެޓަށް ކުރިމަތިލައި ޝަރުތު ހަމަވާ މީހުންނަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ލިއުން ހަވާލުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މި މަޝްރޫއުގައި ބާކީ 6،000 ފްލެޓް ދޫކުރާނެ ގޮތް ވެސް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.