ކުރިން "ހަވީރު"ގައި މަސައްކަތްކުރި ބައެއް މުވައްޒަފުން އަމިއްލަ އަށް އުފެއްދި "މިހާރު"ގެ ނިއުސްރޫމް: ހަވީރުން ވަކިވީ ގާނޫނުގައި ބުނެފައިވާ ގޮތަށް
03 ޖުލައި 2016 - 18:26
މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން މިއަދު ކުރީ ދުނިޔޭގެ އިތުރުން ރާއްޖޭގެ ކޯޓަކުން ވެސް މީގެ ކުރިން ކޮށްފައިވާ ކަހަލަ ހުކުމެއް ނޫން ކަމަށް، ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެފި އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ގާނޫނީ ބައެއް ވަކީލުން، މަސްލަހަތަށްޓަކައި ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިއަދު އިއްވެވި ހުކުމުގައި، ދައުވާގައި ނެތް އަދި ހަވީރުގެ ކުރީގެ މުވައްޒަފުންނާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ވެސް ނެތް ބައިތަކެއް ގާޒީ އަމިއްލަ އަށް އިތުރު ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ގާނޫނުއަސާސީން ދިވެހިންނަށް ލިބިދީފައިވާ އެންމެ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެ މީހަކު އިޚުތިޔާރު ކުރާ ތަނެއްގައި އިޚްތިޔާރު ކުރާ މަސައްކަތެއް ކުރުމުގެ ހައްގާއި، އެއްވެސް މީހަކު ލައްވާ ގަދަކަމުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމާ ވެސް، މިއަަދުގެ ހުކުމް ޚިލާފު ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.
"މިހާރު" ނޫހުގައި މަސައްކަތް ކުރަމުން އަންނަނީ ކުރިން ހަވީރު މީޑިއާ ގްރޫޕްގައި އުޅުނު މުވައްޒަފުންނެވެ. އެކަމަކު އެ އެންމެން ވަނީ ގާނޫނުގައި އޮންނަ ގޮތަށް އިސްތިއުފާ ދީ، އެ މީހުންގެ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތަށް ނުކުމެފަ އެވެ.
ސިވިލް ކޯޓުގައި މިއަދު ނިންމީ ހަވީރުގެ މިލްކިއްޔާތަކީ ހަވީރު ނިއުސް އެޖެންސީ އުފައްދަން އެއްބަސްވުން ގާއިމްކުރި ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި ފާރޫގާއި ރަޝީދުގެ އިތުރުން މުހައްމަދު ނައީމް (މޮނާޒާ ނައީމް)ގެ ހިއްސާ އެއް ވަރަށް އޮތް ނޫހެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވާތީ އެ ގޮތަށް އެކަން ބަދަލު ކުރުމަށެވެ. އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު ހަވީރަށް ނިސްބަތްވާ އެއްވެސް ވިޔަފާރިއެއްގައި އުޅުނު އެއްވެސް މުވައްޒަފަކަށް ފެބްރުއަރީ 3، 2016 އިން ފެށިގެން ދެ އަހަރު ވަންދެން، މީީޑިއާއާ ގުޅުން ހުރި އެހެން އެއްވެސް ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ހިއްސާދާރުންގެ މެދުގައި ޖެހޭ މައްސަލައެއްގައި އެއާ ބެހުމެއް ނެތް ބައެއްގެ މައްޗަށް މީގެ ކުރިން ހުކުމެއް ކޮށްފައެއް ނުވެ އެވެ. އަދި ހަވީރުން ވަކިވި މުވައްޒަަފުންގެ ތެރެއިން ހަވީރު މީޑިއާ ގްރޫޕާ އެކު ކޮންޓްރެކްޓް ހަދާފައިވާ މުވައްޒަފުންގެ އެއްބަސްވުމުގައި، ހަވީރުން ކެނޑިގެން ވަކި މުއްދަތެއްގައި މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ އެއްވެސް މާއްދާއެއް ނޯންނަ އިރު، ހުކުމުގައި ގާޒީ އަށް އެބައި އިތުރު ކުރެއްވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ހަވީރުގައި ފާރޫގާއި ރަޝީދު މޫސާ އާއި ނައީމްގެ އޮތް ހިއްސާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މުވައްޒަފުންގެ ވާހަކަ ބަޔާންކޮށްފައެއް ވެސް ނުވެ އެވެ. މުވައްޒަފުން މަސައްކަތް ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް އެ ތިން މީހުންގެ ފަރާތުން ހުށަހެޅީ ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން ނޫހެއް ހަދަން އުޅޭ ކަމުގެ އަޑުތައް އެރުމުންނެވެ. ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުން އެންގީ ޝަރީއަތުން ވަކި ގޮތެއް ނިމެންދެން، ހަވީރު މީޑިއާ ގްރޫޕްގެ އެއްވެސް ހިއްސާދާރަކު މީޑިއާގެ އެހެން ކަމެއްގައި ޝާމިލް ނުވުމަށާއި ހަވީރާއި ލޯމާފާނުގެ އެއްވެސް މުދަލެއް ބޭނުން ނުކުރުމަށެވެ.
ހަވީރުގައި ކުރިން މަސައްކަތްކުރި މުވައްޒަފުން އުފެއްދި "މިހާރު" ލޯންޗުކުރުމުގެ ހަފުލާގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން
"އެފަހަރު ނެތް މުވައްޒަފުންގެ މައްޗަށް އަމުރެއް ނެރެފައެއް، އެކަަމަކު ހުކުމުގައި މި އޮތީ އެބައި ވެސް ހިމަނާފައި. މިއީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ކުރިން ފެނުނު މަންޒަރެއް ނޫން،" އެއް ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ފަރާތެއްގެ ދެމެދުގައި ޖެހޭ މައްސަލައެއްގައި ހަސްމުންނަށް ނުވާ މީހަކަށް އަސަރު ކުރާ ފަދަ ހުކުމެއް ނަމަ އެ މީހަކު ނުވަތަ އެ ބަޔަކު ކޯޓަށް ހާޒިރުކޮށް، ކަންކަން ބަލާފައި ނޫނީ އެ ހުކުމް ނުކުރާނެ ކަމަށެވެ. އޭގެ ސަބަބަކީ ކަމާ ބެހުމެއް ނެތް ބައެއްގެ އެތައް ހައްގެއް ގެއްލުމުގެ އިތުރުން އެއީ އެއްވެސް ކޯޓެއްގައި އަމަލު ވެސް ކޮށްފައި ނުވާ ކަމަކަށް ވާތީ އެވެ.
"ރާއްޖޭގައި ވެސް ހުންނާނެ ހަސްމުންނަށް ނުވާ މީހުންގެ ހައްގުތައް ޝަރީއަތްތަކުގައި ހިމާޔަތް ކޮށްދީފައި. ސުޕްރީމް ކޯޓުން ވެސް އެފަދަ މައްސަލަތައް ހުންނާނެ ނިންމާފައި،" ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު އެ އައީ ކީއްވެގެން ކަމެއް ވެސް ނޭނގެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުން ދިވެހި ރައްޔިތުންގެ ބަޔަކު މަހުރޫމްކުރުން ކަމަށް ވެސް އެ ވަކީލު ވިދާޅުވި އެވެ.
"މިހާރު"ގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބުނީ ހަވީރުގެ ހިއްސާ ހޯދަން ބަޔަކު ކޯޓަށް ދިއުމަކީ އެ މީހުންނާ ބެހޭ ކަމެއް ނޫން ކަމަށެވެ.
"އަހަރެމެންނަކީ މިނިވަން ބައެއް. އަހަރެމެން ހަވީރުން ކެނޑުނީ ގާނޫނުގައި އޮތް ގޮތަށް. ކޮންޓްރެކްޓް ހަދައިގެން ތިބި މުވައްޒަފުން ވެސް ވަކިވީ އޭގައި ބުނެފައި އޮތް ގޮތަށް،" ސީނިއަ މުވައްޒަފަކު ބުންޏެވެ.
"ހަވީރު ހުއްޓާލީމާ އަަހަރެމެންގެ ހާލު ބަލަން، އަނެއް ތިން ހިއްސާދާރުން އެންމެ ފަހަރަކު ވެސް ނޫޅޭ. ދެން އަހަރެމެން ދިރިއުޅެން މަސައްކަތެއް ނުކޮށް، އާމްދަނީ ނުހޯދާ ކިހިނެއް އުޅޭނީ؟ ހަވީރު މީޑިއާ ގްރޫޕުން ބުނި މުސާރަ ދެވޭނެ ގޮތެއް ނެތޭ. އެ ހުރިހާ ކަމަކަށް ވިސްނާފައި އެ ތަނުން ކެނޑިގެން އަލުން ނޫސްވެރިކަމުގެ ތެރެއަށް ވަނީ."
ސިވިލް ކޯޓުގެ ހުކުމުގައި ހަވީރުގެ ކުރީގެ މުވައްޒަފުންގެ ވާހަކަ ހިމެނުމަކީ އެ ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް ބައެއް ވަކީލުން ބުނެ އެވެ. އެއީ ކޮންޓްރެކްޓާ ހިލާފުވުމާއި ވަޒީފާއާ ގުޅިގެން ޖެހޭ މައްސަލަތައް ބަލަން ވަޒީފާއާ ބެހޭ ޓްރަބިއުނަލް ގާއިމްކޮށްފައި ވާތީ އެވެ.
"ހަވީރު ނަގާ ކޮޅަށް ޖެހުމަކީ ހަވީރު ހިއްސާދާރުންގެ ކަމެއް. އަޅުގަނޑުމެން ލައްވާ ގަދަކަމުން އެއްވެސް ބަޔަކަށް މަސައްކަތެއް ނުކުރެވޭނެ،" ކުރިން "ހަވީރު"ގައި މަސައްކަތްކުރި މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"މިހާރު މި ފެންނަނީ އަޅުގަނޑުމެންނާ ބެހުމެއް ވެސް ނުވާ ބައެއްގެ ހައްގު ހިމާޔަތް ކޮށްދޭން ޝަރުއީ ކޯޓުން އަޅުގަނޑުމެންގެ ހައްގު ނިގުޅައިގަންނަ ތަން. ނޫސް ހިންގާނެ މުވައްޒަފުން ހޯދުމަކީ ހަވީރު ހިއްސާދާރުންގެ ކަމެއް. އެއީ ރާއްޖޭގެ ކޯޓުތަކުން އެ މީހުންނަށް ކޮށްދޭން ޖެހޭ ކަމެއް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުމް
05 July 2016
ޙުކުމް ރައްދުވަނީ ހަވީރުގެ އިސްމަޤާމުތަކުގައި ތިއްބެވި ޒިންންމާދާރުންގެ މައްޗަށް!
ޓޫލަރ
05 July 2016
ތިޔަ ކޯޓަށް ވިއްސާރަވެހޭ!!!
އަޙްމަދު
04 July 2016
ޙަލީމަކީ އަބަދުވެސް ތާކުންތާކު ނުޖެހޭ ހުކުމް ކުރާ މީހެއް.ވަޒީފަ އަދާ ނުކޮށް 2 އަހަރު ހުރުމަށް ކުރި ހުކުމަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން.ހަލީް ދުނިޔޭގެ ކޯޓަށް ފޮނުވުމަށް ދަންނަވަން.ޙަލީމަކީ ވެލިދޫ ކުރީ ކަތީބެއްގެ ދަރިއެއް.
ދޮގެއްތަ؟
04 July 2016
އަޑުއިވޭއިރަށްވެސް ހިތަށް އެރި ހަލީމްބާއީގެ ހުކުމަކަށޭ ވާނީ. ހަމަ އެހެން މިވީ.
ކިރުފެލީ ހުނި
04 July 2016
ކޮންތާކުން ނެރުނު 2 އަހަރު ތޯ؟ އެންމެ ރަގަޅުވާނީ 2018 ގެ އިންތިހާބު ނިމެންދެނޭ ބުނިނަމައެވެ.
ޢަބްދުﷲނާފިޒު
04 July 2016
އާނ ތިވާހަކަ، މީޑިއާގަ މަސައްކަތް ކުރާ މީހުންދެކެ ބައެއް ވެރިން ފިސާރި ޖެހިލުންވާނެ، އެއީ ތިވެގެން އުޅޭ ގޮތަކީ، 2018އެއް ނޯން 2028ހާ ހަމަޔަށް ހުކުމް ކުރިއަސް ޔާމީނަށް ދޭނެ ވޯޓަކީ ނުހައްދަވާއެއްޗެއް، މިބުނީ ނުދޭނަމޭ، މުޅި ޤައުމު ކައި ހުސްކޮށްފި.
ރަނގަޅު
04 July 2016
ހަވީރުގެ މުވައްޒަފުންނަށް ކޯޓް އިން އިއްވި ހުކުމް އެއީ އިންޖަސްޓިސް ކަން އެންމެންނަށް ވެސް އެބައިނގެއެވެ. ސްޕީރިއާރ ކޯޓް ތަކުން މިފަދަ ކަން ކަން ރިވިއު ކުރައްވާނެ ކަމަށް އަޅުގަނޑުމެން މިދެކެނީ. މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހަދާ އަދި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރެވޭނީ މިފަދަ ކަން ކަން ރަނގަޅު ކޮށްގެންނެވެ.
ޢަބްދުﷲނާފިޒު
04 July 2016
ލިޓިލް ސިންގަޕޫރަށް ވުމުގެ ކޮޅުމަތި ތިހިރަގެން ފެންނަނީ، ދުނިޔޭގަ ތިބިބަޔަކަށް ފިސާރި ކުޅިވަރު ފެނިގެން ދާނެކަމަށް އުއްމީދުކުރަން.
ޔަގީން
04 July 2016
މިފަދަމީހުން ތަންދޯރު ނުދަންނަ ނީހުހުން ހުކުން ކުރަން ވެއްޖެ ނަމަ ދެން ގައުމައްވާނެ ގޯތް ވިސްނާލަބަ،
ޢަބްދުﷲނާފިޒު
04 July 2016
އެކަމަކުވެސް ހުރިހާކަމެއް ހުއްޓާލާފަ މިއުޅެނީ މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެނެއްނު، އަދި އެއީވެސް ވަކި މީހެއްގެ މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެން، ފަސްއަޅާ ފޮރުވާލަން ޖެހޭ ކަންތައްތަކެއް ހުރީމަ އެވަރަކުން އެ ތެޅެނީ.
ޢަހާނަަމަ
04 July 2016
ޢަސްލު ގޯސް ހުކުމެއް ތިކުރީ. ކުރަންވީ ހަވީރުގެ ކުރީގެ މުވައްޒަފުންނަކީ 2 އަހަރު ވަންދެން ތިބުނާ އަނެއް ހިއްސާދާރުންގެ އަޅުންނޭ. ޢޮބްވިއަސްލީ މިކަހަލަ ގޯސް ހުކުމް ކުރަނީ ސަަރުކާރު އަޑީގަ ތިބެގެން. ޢިޓިސް ޓޫމަޗް. ކޮންމެސްދުވަހަކުން އަދި މީގެ އަގު ދައްކަންޖެހޭނެ
ބަކުރުގެ ކުޑަ ހުސައިން
04 July 2016
ޗިލް މޭން. ދިސް އިޒް މޯލްޑިވްސް.
ހަލީމް ބައި
04 July 2016
ގަޒީ މަގާމަށް އަށްޔަން ކުރީ 2014 ގަ ދެއްތޯ؟ ނ. ވެލިދޫ ބޭފުޅެއް. ނ ވެލިދޫގެ ކުރީގެ ކަތީބުގެ ކޮށްކޮ؟ ރ ޔާމިން 20 ަހަރު ވަންދެން މެނަބރުކަނ ކުރެއްވި ދާއިރާ ދެއްތޯ؟ ބަކީ އޮތްބައި އެބަ ފެނެ!!!