ބަންގަލަދޭޝްގެ މަގެއް: އެ ގައުމުގައި ދިވެއްސަކު މަރުވި މައްސަލައެއް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލަމުން
01 ނޮވެމްބަރ 2017 - 16:19
ބަންގްލަދޭޝްގައި ހުއްޓާ އިއްޔެ މަރުވި މަރަދޫފޭދޫ އަބްދުﷲ ފަތުހީ (ބޯކޮށާ ފަތުހީ)ގެ މަރާ ގުޅޭގޮތުން އޭނާގެ ދަރިންގެ ފަރާތުން އިވެނީ މުޅިންް ތަފާތު ވާހަކަތަކެކެވެ. ބަންގްލަދޭޝްގެ އަންހެނަކާ ކައިވެނިކުރުމަށް އެ ގައުމަށް ދިޔަ، 68 އަހަރުގެ ބައްޕަގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބައެއް ދަރިން ގަބޫލު ކުރާއިރު، އެހެން ދަރިން ދެކޭގޮތުގައި އޭނާ މަރުވީ ބަލިވެގެންނެވެ.
މި މައްސަލައިގައި މިހާތަނަށް ދިވެހި ފުލުހުންނާއި ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީން ވެސް ރަސްމީކޮށް ވާހަކަ ދައްކާފައި ނުވާއިރު، މި ވާހަކަ ދަނީ ތަފާތު ގޮތްގޮތަށް ވެސް ފެތުރެމުންނެވެ.
ފަތުހީގެ އާއިލާއިން ބުނިގޮތުގައި މީގެ ދެ ހަފުތާކުރިން، އޭނާ ބަންގްލަދޭޝް އަށް ދިޔައީ ދިިރިއުޅޭ ގެ މޯގޭޖްކޮށް އެއް ލައްކަ ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. ދިޔައިރު ދަރިން ގާތު ހަމައެކަނި ބުނީ "އަމިއްލަ ކަމަަކު ހަފުތާއަކަށް ބަންގްލަދޭޝް އަށް ދަނީ" ކަމަށެވެ.
އެކަމަކު ފަހުން އެނގުނު ގޮތުގައި ބަންގްލަދޭޝް އަންހެނަކާ އިންނަން ފަތުހީ އުޅޭތާ މިހާރު އަހަރެއް ވަރު ވެއްޖެ އެވެ. ފޭދޫގައި ތިބޭ ބަންގްލަދޭޝް ބަޔަކު ހޯދައިދިން އެ އަންހެން މީހާއާ އާ އޭނާ ކައިވެނި ކުރީ އެ ގައުމަށް ދިޔަތާ ހަތަރު ދުވަސް ފަހުންނެވެ.
"ހަތަރު ދުވަސް ފަހުން ގުޅާފައި ބައްޕަ ބުނީ އޭނާއާ ކައިވެނިކޮށްފީމޭ. އަންހެން މީހާ ވެސް އޭނާގެ އާއިލާ މީހުން ވެސް ވަރަށް ރަނގަޅޭ،" ފަތުހީގެ އެންމެ ދޮށީ ދަރިފުޅު، މުހައްމަދު ޒަރީރު ބުންޏެވެ.
ފަތުހީގެ މަރާ މެދު ޝައްކު ކުރާ އޭނާގެ ދަރިން ބުނާގޮތުގައި ގޭސްޓްރިކާއި ހަކުރުގެ މައްސަލަ ފިޔަވައި، ބައްޕަގެ މާ ބޮޑު ބަލިމަޑުކަމެއް ނެތެވެ.
"އެހެންވެ ކުއްލިއަކަށް ބައްޕަ މަރުވި ހަބަރު ލިބުނީމަ އަޅުގަނޑުމެންނަށް މި މަރުގައި ޝައްކު ކުރެވޭ ކަހަލަ ކަންތައްތަކެއް އެބަހުރިކަން ފާހަގަ ކުރެވޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ބުނާކަށް ނޭނގޭ ބައްޕަ މަރުވީ ކަމެއް ނުވަތަ މަރާލީ ކަމެއް،" ފަތުހީގެ ދަރިއަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ބަންގްލަދޭޝްގެ ފުލުހުން ވަނީ މި މައްސަލައިގައި ފަތުހީގެ އަންހެނުންނާ ވެސް ސުވާލުކޮށްފަ އެވެ.
ފަތުހީ އަށް އެ އަންހެން މީހާ ހޯދައިދިން ބަންގްލަދޭޝް މީހުންގެ މަގްސަދާ މެދު ވެސް އާއިލާއިން ސުވާލު އުފައްދަ އެވެ. އަދި "ބައްޕަ މަރުވުމުގައި އެ މީހުންގެ އަތެއްވާ" ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
"އެ މީހުން އެ އަންހެނެއްގެ ފޮޓޯއާ އެއްޗެހި ދައްކައިގެން، ގުޅައި ވާހަކަ ދައްކައި ހަދައިގެން ބައްޕަ ފުރައިގެން ދިޔައީ. މިކަމަކާ ބައްޕަ އުޅޭތާ އަހަރެއްހާ ދުވަސްވެއްޖެ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މީގެ ކުރިން ފަސް މީހުންނާ ކައިވެނިކޮށް، ފަތުހީ އަށް އެކި ބަނޑަށް 11 ދަރިން ލިބިފައި ވެ އެވެ.
ދޮށީ ދަރި ޒަރީރު ބުނީ ބައްޕަ އާއްމުކޮށް ބަލި ނޫނަސް، ގޭހުގެ މައްސަލަ ވަރަށް ބޮޑަށް ހުންނަ ކަމަށެވެ. އަދި މަރުވުމުގެ ދެތިން ގަޑިއިރެއްގެ ކުރިން އެހެން ދަރިއަކާ ވާހަކަ ދައްކައި، ގޭހުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމުގެ ވާހަކަ ބުނި ކަމަށް އޭނާ ބުންޏެވެ.
"ކޮއްކޮއެއް ކައިރީ ބައްޕަ ބުނި ކަމަށް ވަނީ އިރުކޮޅަކުން ހޮސްޕިޓަލަށް ދާން އުޅޭ ކަމަށް. އޭގެ ފަހުން ހަބަރެއް ނުވެ ހުރެފައި އެމްބަސީން ގުޅާފައި ބުނީ ބައްޕަ މަރުވެއްޖެ ކަމަށް،" ޒަރީރު ބުންޏެވެ.
"އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބައްޕަގެ މަރާ މެދު ޝައްކު އުފެދޭނެ ޖާގައެއް ނެތް."
ފަތުހީގެ މަރާ މެދު އޭނާގެ ދަރިން ސުވާލު އުފެއްދި ނަމަވެސް، ޕޯސްޓްމޯޓަމް ހަދައިގެން އެކަން ތަހުގީގު ކުރާކަށް އާއިލާއިން ބޭނުމެއް ނޫނެވެ.
އޭނާގެ ހަށިގަނޑު ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އާއިލާއިން ބުންޏެވެ.
ފުލުސް އޮފީހުން ބުނީ ބަންގްލަދޭޝްގައި ދިވެއްސަކު މަރުވެގެން އުޅޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައްކު
06 November 2017
"ފަތުހީގެ މަރާ މެދު އޭނާގެ ދަރިން ސުވާލު އުފެއްދި ނަމަވެސް، ޕޯސްޓްމޯޓަމް ހަދައިގެން އެކަން ތަހުގީގު ކުރާކަށް އާއިލާއިން ބޭނުމެއް ނޫނެވެ." ދެން ކީއްކުރާ ސުވާލެއްތަ އުފައްދަނީ؟ ޕޯސްޓްމޯޓަމް ހަދަނީ ތިކަހަލަ ސުވާލުތަކަށް ޖަވާބު ހޯދަން. މިކަހަލަ ޝައްކު އުފެދޭ ކޭސްތަކުގަ އަސްލު ސަރުކާރުން އެބަޖެހޭ މިކަން ކުރަން އާއިލާއިން ނުރުހުނަސް. އެހެން ނޫނީ މިއީ މީހުން މަރާ މީހުންނަށްވެސް ސަލާމަތްވާން ދެވޭ އިތުރު ފުރުސަތެއް އަދި ސަލާމަތް ވެވިދާނެކަމަށް ދެވޭ ހިއްވަރެއް.
ދައިތަ
05 November 2017
ޕޯސްޓްމޯޓަމް ހެދިޔަސް ލިބޭނީ އެއްޖަވާބެެއް މަރުވީ ހާޓް އެޓޭކެއް ޖެހިގެންނޭ ނުވަތަ ޤުދުރަތީ މަރަކުން ނޭ ..... ތިކަމުގެ އެއްވެސް ހަގީގަތެއް އެއްވެސް ތަނަކުން ރަނގަޅަށް ހާމަ ނުކުރާނެ..... ހުސް ފެއިލް ވެފައިވާ ތަންތަން ތީ
ކުޑޭ
02 November 2017
ދަރިން ނުގަބޫލަސް ލުތުފީގެ ޕޯސްޓް މޯޓަމް ހަދައި މަރުގެ ހަގީގަތް ދެނެގަންނަންޖެހޭނެ
ހައްވާގެ ތެލެފޯނާ
02 November 2017
ކޮން ލުތުފީ އެއްތަ!! ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮށްބަލަ!!!!
ތެއާސާ.
02 November 2017
ޕޯސްޓް މޯޓަމްއޭ ބުނީމަ އަހަރެމެން ދިވެހިންނަށް ހީވެފައިއޮންނަނީ އެއީ ބޮޑީ ފަޅާލައިގެން ކުރާކަމެކޭ.. ހަގީގަތަކީ އެއެއް ނޫން. މިކަހަލަ ކޭސްތަކުގައި، ޚާއްސަކޮށް ވިހައެއްދީގެން މަރާލީކަމަށް ތުހުމުމަތު ކުރެވެންޏާ އޮޓޮޕްސީއެއް (ބޮޑީ ފަޅާލައިގެން ހަދާ ޓެސްޓްތައް) ހަދާކަށް ނުޖެހޭނެ. ހަމަ އެކަނި ޓޮކްސޮލޮޖީ ޓެސްޓްތަކުންވެސް އެކަންކަން ބެލޭނެ..
ހާމިދުސަން
01 November 2017
ތިމާ އަތުގެ އެކަމެއް ކުރަން ރިޒްގު ނެތީއްޔާ އެކަމެއް ނުކުރީމަ ނިމުނީ.
ދިވެހި
01 November 2017
68 އަހަރު ގައި ވެސް ހާދަ ފޯރިއެކޭ ދޯ ޒުވާން ކުއްޖަކާ އިންނަން އެހުރީ. ދަރިންގެ ބަސްނާހާ ބައްޕައިންވެސް އުޅޭނެ. އެކަމަކު ދަރިންގެ ވާރުތަ މުދާ ވިއްކާލާފައި ތިވަރުގެ ނިންމުމެއް ނިންމުން ތިއީ ވަރަށް ދެރަ ކަމެއް. މާތްﷲ ފުރާނައަށް ސުވަރުގެ ދާއިމީ ނިއުމަތް ދެއްވާށި. ޢާމިން
މަހާރަދުން
02 November 2017
ވާރުތަ މުދަލަކީ ދުނިޔެ ދޫކުރި އިރު މިލްކުގަ ހުރި އެެއްޗެއް. މިހާރު ވާރުތައިގެ ގޮތުގަ އޮތީ ލޯނެއް އެއީ ދިރި ތިބި ވާރުތަ ވެރިންގެ އެއްޗެއް ބަހާލައިގެން ދެއްކޭތޯ ދެން ބަލަންވީ