ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޑިސެމްބަރ 2017 - 14:12
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު ގޯސް ކަމަށާއި ކަމަށާއި ކޮރަޕްޝަނުން ސަލާމަތްވާން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ
މިއަދު ފާހަގަކުރާ ދުނިޔޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން ދުވަހާ ގުޅުވައިގެން އޭސީސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާއިރު، އެކަމުން ރާއްޖެ އަށް ވެސް ގެއްލުން ލިބޭ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރަޕްޝަންގެ ސަބަބުން ޓްރިލިއަންގެ ގެއްލުން ލިބޭ ކަމަށާއި ރާއްޖޭގައި ވެސް މިލިއަނަށް ވުރެ ބޮޑެތި ގެއްލުން ލިބޭ ކަން މުއައްވިޒު ފާހަގަކުރެއްވި އެވެ.
"ކޮރަޕްޝަންގެ ހާލަތާ ގުޅޭ ގޮތުން ވިސްނާ ފިކުރު ކުރަންޖެހޭ. ރާއްޖޭގެ [ކޮރަޕްޝަންގެ] ހާލަތު ރަނގަޅެކޭ ނުބުނެވޭނެ. މިހާތަނަށް ފެންނަން ހުރި ތަފާސްހިސާބުތަކާއި އިވެމުންދާ އަޑުތަކާއި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު، ގައުމުން ވެސް ކޮރަޕްޝަން ނައްތާލުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަން ގަބޫލު ކުރެވޭ،" އޮޑިޓް އޮފީހުގައި އޭސީސީން ބޭއްވި ރަސްމިއްޔާތުގައި މުއައްވިޒު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ޒިޔަތު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އޭސީސީ އުފެދުނީއްސުރެ، ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ބޮޑެތި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީގެ ދެ އަހަރު ކުރިން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލައި އެއަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ އިސްލާހީ ބަދަލުތަކަށް މަސައްކަތް ކުރާއިރު، ކޮރަޕްޝަންގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ އަނބުރާ ލިބޭނެ ގޮޮތް ދައުލަތުގެ އިދާރާތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ނުހައްގު މުއްސަނދިކަން ގާނޫނީ ނިޒާމަކުން ބަލައި އެކަށީގެންވާ ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް މިހާރުން މިހާރަށް ބޭނުންވާ ކަން ފާހަގަކުރެއްވި އެވެ.
ނުހައްގު މުއްސަނދިކަން ބެލުމަށް ގާނޫނެއް އެކުލަވާލަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ކާމިޔާބު ނުވާ ކަމަށް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު، ވާހަކަ ފޮތް ނެރެދެއްވަނީ - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މުއައްވިޒް ވިދާޅުވި ގޮތުގައި ދައުލަތުގެ މުވައްޒަފުންނަކީ ކޮރަޕްޝަންގެ ތުހުމަތުތައް އެންމެ ގިނައިން ކުރެވޭ އެއް ބައެވެ. އެހެން ކަމުން އެމީހުން ކުރާ މަސައްކަތުގައި އާއްމުންގެ އިތުބާރު ހިފަހައްޓައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ދައުލަތުގެ މުވައްޒަފުންނޭ އެއްގޮތަށް އާއްމުންނަކީ ވެސް ނަޒާހަތްތެރިކަން މަތީގައި ދިިރިއުޅޭ ބައެއްކަން ދައްކަންޖެހޭ. ފައިސާ އާއި ބާރާއި އަދި އެހެނިހެން ކަންތައްތަކަށް، ގުޅިގެން އަންނަ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު އަޅުގަނޑުމެން އާއްމުންގެ ތެރޭގައި ވެސް ހުންނަންޖެހޭ. އެގޮތަށް ހިތްވަރު ނެރެގެން ނޫނީ އަޅުގަނޑުމެންނަށް މި ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަތުމަކީ ދަތި ކަމަކަށް ވެދާނެ. އަދި މުއައްސަސާތަކަށް އައްޔަންކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ރައްޔިތުންގެ ތެރެއިން ވެސް މަސައްކަތް ކުރަންޖެހޭ،" މުއައްވިޒް ވިދާޅުވި އެވެ.
އަންނަން އޮތް ޖީލުތަަކަށް މި ގައުމަކީ ނަޒާހަތްތެރި ގައުމެއްގެ ގޮތުގައި މިސާލު ދެއްކުމަށް، ހުރިހާ އެންމެން ކުޑަކުދިންނަށް ނަމޫނާ ދައްކަން އޭސީސީން މިއަދު ވަނީ ގޮވާލައިފަ އެވެ.
އޭސީސީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ކޮރަޕްޝަނާ ގުޅޭ ވާހަކަ ފޮތަކާއި ޅެން ފޮތެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާލު
11 December 2017
ފުރަތަމަ ތިމާ ނަޒާހާތްތެރިއަކަށް ވާންޖެހޭ... ކޮބާ ފްލެޓްް މައްސަލަ.. .... ހިނި އާދޭ
ބޫމް
10 December 2017
ތިކަމެއް ނުވާނެ. ގޮޢްވާލެވޭ ވަރަށްވުރެ ހަރު އާނުގަނޑެއް އެންމެ އަޑީގަ އޮތީ. އެކަން ކުރަނ އުޅުނީމާ ބޮމްބާ ޝުޑް ރަން އަވޭ. ދެން ޔޫ ވިލް ބީ ޖޮބްލެސް. ބަސް ބުނެލާ. ކަމެއް ކުރާނެ ކަމެއްނެތް.
ގަޢުމަށްޓަކައި
10 December 2017
ފުރަތަމަ ކޮމިޝަނުގެ މެމްބަރުންނަކީ ނަޒާހަތްތެރި ބަޔަކަށް ވުން މުހިއްމު ހާއްސަކޮށް ކޮމިޝަނުގެ ރައީސް ޙަސަން ލުތުފީ އަދި ނައިބްރައީސް މުވައްވިޒް ރަސީދު. އެކޮމިޝަން ހިނގަންވާ މިސްރާބްގެއްލި އޮޅުން ބޮޅުންވެ، ރައްޔިތުންގެ އިތުބާރު ގެއްލި އެދަނީ އެމީހުންނާއި ހެދި.
ތިމަންނަ
10 December 2017
ދީނުގައި އޮންނަ ގޮތަށް ހުކުމްތައް ކޮށް , އަދި އެކަން ތަންފީޒު ނުކުރެވޭ ކަމަށްވަނީ ނަމަ, ކިތަންމެ ޖަލްސާއެއް ބާއްވާ ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭގެ ފުރިހަމަ ނަތީޖާއެއް ނުފެންނާނެ.