ނާޒިމް ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދެންމެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ނާޒިމް ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ނާޒިމް ހުންނެވި ބައިގެ މަރާމާތެއް ކުރުމަށް ކަމަށެވެ.

ނާޒިމް ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށްތޯ ދެންނެވުމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅެވެ. އޭގެ ފަހުން ދޭތެދޭތެރެއިން ޖަލުން ގޭ ބަންދަށް ނާޒިމް ބަދަލުކުރެ އެވެ. އެގޮތުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ގޭ ބަންދުގައި ހުންނެވުމަށް ފަހު ނާޒިމް އަނބުރާ ޖަލަށް ބަދަލުކުރީ މި އަހަރުގެ މާޗު 29 ވަނަ ދުވަހެވެ.