ދިހަ ދަރިންނަށް ފަހު މަންމަ ވެސް ރާޅާއަޅަން ފަށައިފި

ސަންފާ އަބްދުﷲގެ ހުރިހާ ދަރިން ވެސް ރާޅާއަޅަ އެވެ.


އުމުރުން 18 އަހަރު ފުރިފައިވާ ހަތަރު ކުދިން ތިބި އިރު އެ ކުދިން ވެސް އުޅެނީ ހުޅުމާލެ އާއި ހިންމަފުށި ފަދަ ރަށްރަށުގައި މޫދު ކުޅިވަރުގަ އެވެ. ހުރި ހަމައެކަނި އަންހެން ދަރި ވެސް ރާޅާ އަޅާއިރު ހަގަށް ތިބި ހަ ކުދިން ވެސް އެކަމަށް މޮޅެވެ. އެކަމަކު އެ ކުދިންނަށް ގޮން ޖަހާލައި، މި ފަހަރު ރާޅާއަޅަން މި ނިކުތީ 48 އަހަރުގެ މަންމަ އެވެ.

"ރާޅު އެދުރު" ކިޔާ ޖަމިއްޔާއަކުން ގދ. ވާދޫގައި މިހާރު ކުރިއަށް ގެންދާ ރާޅާއަޅަން ދަސްކޮށްދޭ ޕްރޮގްރާމްގައި ސަންފަ ނުވަތަ އެ ރަށު މީހުން ކިޔާ ގޮތުން ސަންފައްތަގެ ހުނަރު ވަނީ ދައްކާލާފަ އެވެ. އަލަށް ރާޅާ އެޅި ނަމަވެސް ރާޅު މަތީގައި ސާފްބޯޑު ދުއްވާލި ގޮތުން އެންމެން ވެސް ތިބީ ހައިރާން ވެފަ އެވެ.

"ވަރަށް މަޖާ ކަމެއް މިއީ. ވަރަށް ހިތްހަމަ ޖެހިއްޖެ ހުރިހާ ދަރިން ކުރާ ކަމެއް ކުރެވުނީތީ،" އޭނާ ބުންޏެވެ.

ސަންފައްތަ ރާޅާ އަޅަން ދަސްކުރަނީ: މިއީ އޭނާ ރާޅާ އަޅާ ފުރަތަމަ ފަހަރު-- ފޮޓޯ: ރާޅުއެދުރު

އަލަށް ރާޅާއެޅި ނަމަވެސް ސަންފައްތަ އާއްމުކޮށް ފަތާ އުޅެ އެވެ. އެހެންވެ ރާޅުތައް މަތީ، ސާފުބޯޑުގައި ބެލެންސް ހިފަހައްޓާލައިގެން ކޮޅަށް ހުންނަން އޭނާއަކަށް އެހާ އުނދަގުލެއް ނުވި އެވެ.

"މިހާރު"އާ ވާހަކަދައްކަމުން އޭނާ ބުނީ ދަރިން ރާޅާއަޅާއިރު އެ ކުދިން އެކަން ކުރާ ގޮތް ރަނގަޅަށް ބަލާ ކަމަށާއި އެހެންވެ، ޕްރޮގްރާމްގައި ދަސްކޮށްދޭ މީހުންގެ އިރުޝާދުުގެ ދަށުން ވަރަށް އަވަހަށް ސާފުބޯޑު މަތީ ހަމަޖެހިލެވުނު ކަމަށެވެ.

"ފަނަރަ ވަރަކަށް މިނިޓް ރާޅާ އެޅިން. މިތާ އުޅޭ ކުދިން ވެސް ބުނެދިން އެކި އުކުޅުތައް،" ފިރިމީހާ މަރުވުމުން، ރަށުގައި ހަ ކުދިން ގޮވައިގެން އެކަނި ދިރިއުޅެމުން އަންނަ ސަންފައްތަ ބުންޏެވެ.

ރާޅާ އަޅަން ދަސްކުރުމުން "ރާޅު އެދުރު"ގެ ފަރާތުން ސަންފައްތައާ އެކަމުގެ ލިޔުން ހަވާލު ކުރަނީ-- ފޮޓޯ: ރާޅު އެދުރު

"ރާޅާއެޅި އިރު ހުރިހާ ކުދިން ވެސް ވަރަށް މޮޅޭ ކިޔާފައި ގޮވާ ހެދި. ވަރަށް އުފާވި އެވަގުތު."

ރާޅާއަޅާ މީހުންގެ މެދުގައި ވާދު އަކީ މަޝްހޫރު ރަށެކެވެ. އެ ރަށުގައި އޮންނަ ބޮޑެތި ރީތި ރާޅު ނަގާ، ސާފިން ޕޮއިންޓް، "ބްލޫ ބޯލް" އަށް ގިނަ ޓޫރިސްޓުން ވެސް ރާޅާ އަޅަން ދެ އެވެ.

ވާދޫގެ ގިނަ ކުޑަކުދިންނާއި އަންހެނުން ވެސް ބައިވެރިކޮށްގެން މިހާރު ހިންގަމުން އަންނަ "ރާޅު އެދުރު"ގެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދަނީ އެ ސްޕޮޓުގަ އެވެ.

ސަންފައްތަގެ އެންމެ ހަގު ދަރިފުޅު، ހަ އަހަރުގެ އަރޫން ރާޅާ އަޅަނީ: އޭނާގެ ހުރިހާ ދަރިން ވެސް ރާޅާ އަޅާ-- ފޮޓޯ: ރާޅު އެދުރު

ދަރިންނެކޭ އެއްގޮތަށް ސަންފައްތަ ވެސް ވަނީ މޫދަށް ބޮޑު ލޯތްބެއް ޖެހިފަ އެވެ. ހަ އަހަރުގެ ކުޑަ ދަރިފުޅު ވެސް ރާޅާ އަޅާއިރު އެ ހުރިހާ ކުދިން ކުރާ ކަމެއް އޭނާއަށް ކުރެވުމުން ހުރީ ފަހުރުވެރިވެފަ އެވެ. އެކަމަކު ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާ އުފާވީ ދަރިން އޭނާގެ ހިތްވަރަށް ތައުރީފް ކުރުމުންނެވެ.

"ހުރިހާ ކުދިން ވެސް ބުނި މަންމަ ހާދަ ގަދައޭ،" އޭނާ ބުންޏެވެ.

މިހާ ހިސާބުން ސަންފައްތަ މިކަން ނިންމާލީކީ ނޫނެވެ. އޭނާ ބުނިގޮތުގައި ދެން ކޮންމެ ހަފުތާ ބަންދަކު ވެސް ދަރިން ގޮވައިގެން ރާޅާއަޅަން ދާނެ އެވެ. މިއީ ދަރިންނާ އެކު ވަގުތު ހޭދަކުރަން މޮޅު ގޮތެއް ކަމަށް އޭނާ ދެކެ އެވެ.

ވާދޫގައި "ރާޅު އެދުރު"ގެ ފަރާތުން ބޭއްވި ޕްރޮގްރާމް ނިންމި ކުދިން: މި ޕްރޮގްރާމްގައި އެ ރަށުގެ ގިނަ ކުދިން ބައިވެރިވި-- ފޮޓޯ: ރާޅު އެދުރު

މިދިޔަ އަހަރު އެ ރަށު އެންމެ ތިން އަހަރުގެ ކުއްޖަކު ވަނީ ރާޅާ އަޅައިގެން އެންމެން ހައިރާން ކޮށްލާފަ އެވެ.