އައްޑޫ ޓްރަސްޓް ފަންޑުން ޓޫރިޒަމް ޕްރޮމޯޓް ކުރާނަން: ކައުންސިލް

ދެހާސް ސޯޅައިގައި ގާއިމު ކުރި އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.


މިދިޔަ ހޯމަ ދުވަހު ފާސް ކުރި ކައުންސިލްގެ ބަޖެޓާ ބެހޭ ގޮތުން ކައުންސިލްގެ ވެބްސައިޓްގައި ބުނީ މެއި، 5، 2016 ގައި ގާއިމު ކުރި އައްޑޫ ޓްރަސްޓް ފަންޑުން އައްޑޫގެ އިގުތިސާދު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށާއި މި އަހަރުގެ ބަޖެޓްގައި ފަންޑަށް 3.5 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

އެ ބަޖެޓްގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޓް ކުރަން ރޭވި ނަމަވެސް އެ ދާއިރާ އިން ކުރިއަށް ގެންދާނީ ކޮން ކަހަލަ ޕްރޮގްރާމްތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ކައުންސިލުން ބުނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ މަސައްކަތް ވެސް މިދިޔަ އަހަރު ފަށައި، ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުން ހޯދައި ދިނުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރު ވެސް ޓްރޭޑް ކޯޕަރޭޓިވްގެ ދަށުން މަސައްކަތްތަކެއް ކުރާނެ ކަމަށް ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް 35،864،928.73ރ.ގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު، އެންމެ ބޮޑަށް އިސްކަން ދޭނެ ކަންކަމުގެ ތެރޭގައި އަވަށްތަކުގެ އުމުރާނީ ކަންކަން ކުރިއަރުވައި ރަށްވެހިކަމުގެ ކުރިއެރުން ހޯދުން ހިމެނެ އެވެ.

އައްޑޫ ކައުންސިލްގެ މި އަހަރުގެ ބަޖެޓް ފާސް ކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ/ ކައުންސިލް

"މިގޮތުން މަސްވެރިންނާއި ދަތުރުވެރިންގެ ފަސޭހައަށްޓަކައި ނެރުބައްތި އާއި ދުރަށް އަލިފޮނުވައިދޭ ބައްތި ޖެހުމާއި، ބާބެކިއު އޭރިއާ ތަރައްގީ ކުރުމާއި، ފެންބޮޑުވާ ސަރަހައްދުތަކުގެ ފެން ހިންދާ ނިޒާމު ރަނގަޅު ކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ތިން ލައްކަ ރުފިޔާ ހިމަނާފައިވެ އެވެ." ކައުންސިލުން ބުންޏެވެ. "މި އަހަރުގެ ބަޖެޓްގައި ކައުންސިލުން ކުރާނެ އާ ކަންތައްތަކެއް ވެސް ހިމަނާފައިވެ އެވެ. އެގޮތުން އަތްތެރި މަސައްކަތާއި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމާއި ފުޓްބޯޅަ މުބާރާތަކާއި ބެޑްމިންޓަން މުބާރާތެއް ބޭއްވުން ހިމެނެ އެވެ."

އައްޑޫ ސިޓީ ކައުންސިލަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި ވަނީ އެންމެ 700،000ރ. އެވެ.