ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު އެއާޕޯޓުގައި: ޑިސެމްބަރު މަހު ކުރަނީ 15 ދުވަހުގެ ދަތުރެއް - ފޮޓޯ: ހައްޖު ކޯޕަރޭޝަން
12 ޖުލައި 2016 - 14:13
ހައްޖު ކޯޕަރޭޝަނުން މި އަހަރުގެ ޑިސެމްބަރު މަހު ކުރާ އުމްރާ ދަތުރުގެ އަގު ހެޔޮކޮށް، އަންނަ އަހަރުގެ އުމްރާ ދަތުރުތަކަށް އާ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު މަހު ކުރާ 15 ދުވަހުގެ އުމްރާ ދަތުރުގެ އަގު ކުރިން އޮތް 34،965ރ ގެ ބަދަލުގައި 29،965ރ އަށް ކުޑަކޮށްފައިވާ ކަމަށެވެ. މި އުމުރާ އަށް ޑިސެމްބަރު 4 ގައި ފުރާއިރު އެނބުރި އަންނާނީ 19 ވަނަ ދުވަހު އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ހަތަރު މީހުންގެ ގުރޫޕަކުން ރަޖިސްޓްރީކުރާ ނަމަ ކޮންމެ މީހަކަށް 1،000ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 10 މީހުންގެ ގުރޫޕެއް ނަމަ ރަޖިސްޓްރީ ކުރާ ކޮންމެ މީހަކަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ.
ކޯޕަރޭޝަނުން ބުނީ 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މި އަހަރު ޑިސެމްބަރުގެ އުމުރާގައި ބައިވެރިވާން އެދޭ ފޯމު އެ ކޯޕަރޭޝަންގެ އޮފީހުންނާއި އިސްލާމިކް ބޭންކުގެ ބްރާންޗްތަކުން ލިބޭ އިރު ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ ނިޔަލަށް އޮވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ފޯމު ހުށަހަޅާ އިރު މަދުވެގެން 5،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. ހުރިހާ ފައިސާއެއް ދައްކާ ނިންމަން ޖެހެނީ އޮކްޓޯބަރުގެ ނިޔަލަށެވެ.
އަންނަ އަހަރުގެ މާޗް މަހާއި ރޯދަ މަހު ކުރާ އުމްރާ ދަތުރަށް ހާއްސަ ޕެކޭޖެއް ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ތައާރަފްކޮށްފަ އެވެ.
މާޗް މަހުގެ ސްކޫލް ބަންދުގައި ކުރާ 10 ދުވަހުގެ އުމްރާ ދަތުުރުގެ އަގަކީ 25،965ރ. އެވެ. އަދި ރޯދަ މަހުގެ ފަހު 15 ދުވަހު ކުރާ އުމުރާގެ އަގަކީ 39،965ރ. އެވެ.
އެ ކޯޕަރޭޝަނުން ބުނީ މި ދަތުރުތަކަށް ވެސް ހާއްސަ ޑިސްކައުންޓްތަކެއް ހަމަޖައްސާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސިފް
13 July 2016
ސަރުކާރުން އަސްލު ވަރަށް އަގުބޮޑު ، އަމިއްލަ ފާރާތްތަކުން ތިޔަށް ވުރެއް އަގުހެޔޮކޮށްގެން ދަނީ
އަހުމަދު
12 July 2016
ސަރުކާރުގެ ކައްޖު ކުންފުނިން ދޯކާއެއްނުދޭނެ. މާލްހެދިހެން ނުހަދާނެ އެހެންވެ އެވަރެއްގައި ހިފަހައްޓަނީ..
އ މ
12 July 2016
ކީއްވެގެންބާވަ ބައެއް އަމިއްލަ ފަރާތްތަކުން 23، 24، 25 ހާހަށް ގެންދާއިރު، ސަރުކާރު ކުންފުނިން ގާތްގަނޑަކަށް 30 ހާހުގަ މި ހިފަހައްޓަނީ؟؟؟ ބުނާނެ ކަންނޭނގެ ފެންވަރު ރަނގަޅީޔޭ!
އުއްމީދު
12 July 2016
ހައްޖު އަގު ހެވެއްނޔވާނެތަ... އަލަށްވެސް ނުދެވިފަ... އަގުބޮޑުކަމުން....