ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން މަގާމުން ވަކިކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިއަދު މަގާމުން ވަކިކޮށްފި އެވެ.


ޔާމީންގެ އިތުރުން އެ ބޯޑުގެ އެހެން މެމްބަރެއް ކަމަށްވާ ފަރުހާދު ދާއޫދު ވެސް ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ދެންމެ ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅުން، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅުން ވަކިކުރާ، ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ހައްޖު ކޯޕަރޭޝަނުން ވަކިކުރި ޔާމީނާއި ފަރުހާދުގެ ބަދަލުގައި ދެ ބޭފުޅަކު އަންނަ އާދީއްތަ ދުވަހު އައްޔަން ކުރާނެ ކަމަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަންގެ ބޯޑުން ޔާމީނާއި ފަރުހާދު ވަކިކުރި ސަބަބެއް އަދިއެއް ނޭނގެ އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިއާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ. ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.

މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.