ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައުމުން ހައްޖުވެރިންނާއެކު އާއިލާ މެމްބަރުން އެއާޕޯޓުގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު/މިހާރު
06 ފެބުރުއަރީ 2018 - 17:01
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާންގައި ބުނީ، ހައްޖަށް މީހުން ގެންދިއުމަށް ޝަރުތު ހަމަވާ ކުންފުނިތަކަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް ޕްރޮޕޯޒަލް ފޮތް ލިބެން ހުންނާނެ ކަމަށެވެ. ޕްރޮޕޯޒަލް ފޮތުގެ އަގަކީ 35،000ރ. އެވެ.
އަދި މައުލޫމާތު ދިނުމުގެ ޕްރީ-ބިޑް މީޓިން އަންނަ ހަފުތާގެ އަންގާރަ ދުވަހު ބާއްވާއިރު، ޕްރޮޕޯޒަލް ހުށަހަޅަން ދީފައި ވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.
ހައްޖަށް މީހުން ގެންދިއުމުގެ އުސޫލު ބުނާގޮތުން، ކޮންމެ ކުންފުންޏަކަށް ވެސް ހުއްދަ ދެވޭނީ އެއް އަހަރަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެފައި އެ މަސައްކަތުގައި ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަށް ވުމަކީ ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނީ ހަތަރު ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ޒައީ ގްރޫޕާއި ސިސިލްފަރު ގްރޫޕާއި ހަރަމައިން ޖަމާއަތެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1،000 މީހުން ދިޔައިރު ދެން ބާކީ ކުންފުނިތަކުން ގެންދިޔައީ ކޮންމެ ކުންފުންޏަކުން 100 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy