ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފްގެ ފޯނު ފުލުހުން މިއަދު އަތުލައިފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޒާލިފްގެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނީ އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާއާ އެކު މިއަދު ހެނދުނު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުންނެވެ.
"ފުލުހުން ފޯނު ދިނުމަށް އެދުމުން ޒާލިފް ފޯނު ދިނީ. ކުރާ ތުހުމަތެއް ނޭނގެ. ކޯޓު އަމުރެއް ވެސް ނުދައްކާ ފޯނު އަތުލީ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އިލްހާމު ހޯދަން މިދިޔަ ހުކުރު ދުވަހު ފުލުހުން އިއުލާން ކުރި ނަމަވެސް، މިހާތަނަށް އިލްހާމް ނުފެންނަ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އިއްޔެ ވަނީ އޭނާގެ އަންހެނުން މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިއަދު އަލުން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި، ރޭ މާޝާ ދޫކޮށްލި އެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އިލްހާމް ހޯދަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
އިލްހާމާއެކު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ވެސް ފުލުހުން އިއުލާން ކުރި އެވެ. ސިނާން ވަނީ އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެފަ އެވެ.