ހުތުބާ ކިޔަން ދެކޮޅުހެދި އިމާމުގެ ބަޔާން ނަގައިފި

މި މަހު 16 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ތައްޔާރުކުރި ހުތުބާ ކިޔަން ދެކޮޅުހެދި ލ. މާމެންދޫ އިމާމުގެ މައްސަލަ ބެލުމުގެ ގޮތުން އޭނާގެ ބަޔާން އިސްލާމިކް މިނިސްޓްރީން ނަގައިފި އެވެ.


އިސްލާމިކް މިނިސްޓްރީން އެދުވަހުގެ ހުތުބާ ބިނާކުރީ "ޙާކިމާ (ވެރިމީހާ) އަކީ ނިއުމަތެއް"، މި މައުލޫއުއަށެވެ. އެކަމަކު ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށް އޮތް ހުތުބާއާ މެދު މާމެންދޫގެ އިމާމު އުސްމާން އަބްދުއްސަމަދު ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން އެ ދުވަހުގެ ހުކުރު ނަމާދުކުރަން އެ ރަށު ކައުންސިލުން ވަނީ ލ. ގަމުގައި ހުރި އިމާމަކު ރަށަށް ގެންގޮސްފަ އެވެ.

އުސްމާންގެ މައްސަލަ ބެލުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އޭނާގެ ބަޔާން ނެގީ އިއްޔެ އެވެ.

އޭނާގެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާއަކީ އިސްލާމް ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށެވެ. ހުތުބާ ކިޔަން ދެކޮޅުހެދީ ރައްޔިތުން ރުޅިގަދަވެދާނެ ކަމަށް ފެނިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ހުކުރު ކުރަމުން އަންނަތާ 10 އަހަރު ވެފައިވާ އުސްމާން، އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވެރިމީހާއަކީ ނިއުމަތެއް ކަމަށް ކަނޑައަޅާފައިވާ ހުތުބާ ހާލަތާ ގުޅޭކަމަކަށް ގަބޫލެއްނުކުރެވެ އެވެ.

"ދީނީ ނަސޭހަތްތަކާއި ހުކުރު ހުތުބާ ސިޔާސީވެ، ވެރިންނާ މެދު އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ ހިލާފް ވާހަކަތައް ފަތުރަމުންދާ ކަމާ މެދު ކަންބޮޑުވުން ފާޅުކުރަމެވެ،" އިސްލާމިކް މިނިސްޓްރީއަށް ދިން ބަޔާނުގައި އުސްމާން ބުނެފައިވެ އެވެ.

އެ ދުވަހު ކިޔަން ހަމަޖެއްސި ހުތުބާއަށް އިސްލާމިކް މިނިސްޓްރީން ވަނީ ފަހު ވަގުތު ބައެއް ބަދަލުތައް ގެނެސްފަ އެވެ.