ޑިމޮކްރަސީގެ ހަމަތަކުގެ މަތީގައި އުޅެން ދިވެހިން ދަސްކުރަން ޖެހޭ: ޖިހާދު

ކުރިއާ ހިލާފަށް ދިވެހިންނަކީ ވެސް މިހާރު ދުނިޔެއާ ބަވަނަވެފައިވާ ބައެއް ކަމަށާއި ގައުމީ ލޯބި އާލާ ކުރުމާ އެކު، ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތީގައި ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.


ދިވެހި ގައުމިއްޔަތު އާލާކޮށް ދިރުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ އިންސާނިއްޔަތުގެ ސިފަތަކުގައި ހުންނަ ކަންކަމުގެ ތެރޭގައި ފާހަގަ ކުރެވޭ ގިނަ ސިފަތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހިތްހެޔޮވުމާއި ހިތްތިރިވުމާއި ހިނިތުވުމާއި ހީވާގިވުމާއި ހެޔޮ ވިސްނުމާއި ހެޔޮ ވިސްނުން ގެންގުޅުމާއި ހުލްގު ހުރި ދިރިއުޅުމަށް ލޯބި ކުރުމާއި އެކުވެރިވެ އެކީގައި އުޅުން ފަދަ ކަންކަން ހިމެނޭ ކަމަށެވެެ.

އެހެންވެ ދިވެހި ގައުމަށް އާ ރޯޝަން ކަމެއް ގެނެވޭނީ އެ ސިފަތަކާ އެކު، ބަވަނަވަމުން އަންނަ މި ދުނިޔޭގައި ދިވެހި ދަރިން ވެސް އުޅެން ދަސްކޮށްގެން ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަޅުގަޑުމެންގެ މިއަދުގެ ހާލަތާއި އިއްޔެގެ ހާލަތު ވަރަށް ތަފާތު. އިއްޔެއާ ހިލާފަށް މިއަދު އަޅުގަނޑުމެންނަކީ ބައިނަލްއަގްވާމީ ދުނިޔެ އަށް ހުޅުވިފައިވާ ގައުމެއް. ބަވަނަވަމުން މިދާ ދުނިޔެ ނުވަތަ ގްލޯބަލައިޒޭޝަންގެ ތެރޭގައި މި ދެންނެވި ގޮންޖެހުންތައް ބަލައިގަތުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އަދި ސިކުނޑިތަކުގައި ގައުމީ ލޯބި އިތުރު ކުރުމަށް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާޒީގެ މައުލޫމާތުތައް މިއަދު ހާމަކުރަން ޖެހޭނީ ތެދު ހަގީގަތްތަކާ އެކުގަ އެވެ. އަދި ގައުމުގެ އެތެރޭގައި ބައިބައިވުން އުފެދި ފިތުނަ ފަސާދަ މަގުފަހިވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަދި ނަމޫނާ ރައްޔިތަކަށްވުމަށް ގޮވާލުމާއި ހީވާގި މަސައްކަތްތެރިންނާއި އުފެއްދުންތެރިންގެ ވާހަކަތަކާއި އިޖުތިމާއީ ކަންކަމުގެ ވާހަކަ އާއި އަދި މާޒީވެ ދިޔަ ތާނގައި ގައުމީ ޖިހާދުތައްކޮށްފައިވާ ބަތަލުންގެ ޒިކުރާ ހަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރު ކުރަން ޖެހޭނެ،" ޖިހާދު ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވި ގޮތުގައި ޖަމާއަތުގެ ރޫހު ދިރުވައި އެކުވެރިކަން ބަދަހި ކުރުމާއި ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން ވެސް އިތުރު ކުރުމަކީ މާ ބޮޑަށް ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

"ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަވާބެ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަކީ ވެސް މިއަދު އަޅުގަނޑުމެންގެ ވާޖިބެއް،" ޖިހާދު ވިދާޅުވި އެވެ.