މުދާ ދޫކުރުމަށް ކަސްޓަމްސް ސާވިސްއިން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
ކަސްޓަމްސްއިން މުދާ ދޫކުރުމުގައި އޮންލައިންކޮށް ދެމުން އަންނަ ހިދުމަތަކީ ޑިކްލަރޭޝަން ފޯމް ހުށަހެޅުމުގެ ހިދުމަތެވެ. އެއީ މުދާ ދޫކުރުމަށް އެދި މުދަލުގެ ވެރިފަރާތުން އޮންލައިންކޮށް ހުށަހަޅާ ފޯމެކެވެ. އިއްޔެއިން ފެށިގެން އެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މިރޭ ވިދާޅުވީ އެ ހިދުމަތް މެދުކެނޑިފައިވަނީ ސާވާއަށް ދިމާވި މައްސަލައަކުން ކަމަށެވެ.
އޮންލައިންކޮށް އެ ހިދުމަތް ނުދެވުނު ނަމަވެސް ކައުންޓަރުތައް މެދުވެރިކޮށް ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެނުއަލްކޮށް ހުށަހެޅޭނެ ފޯމް، އަދި ހިދުމަތަށް ބުރުލެއް ނާރާ ހިދުމަތް އަންނަނީ ދެމުން. ދިމާވި މައްސަލަ ހައްލު ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުން،" ޝަރީފް ވިދާޅުވި އެވެ.
އޮންލައިން ސިސްޓަމްގެ މައްސަލަ ހައްލުކޮށް އަލުން އެހިދުމަތް ދެވޭނެ ވަގުތެއް އަދި ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.