އޭޖީން އިސްތިއުފާ ދިނީ ގާނޫނު ހިމާޔަތްނުކުރެވޭތީ: ޝުނާނާ

ދައުލަތުގެ ވަކީލަކަށް ހުރެގެން ގާނޫނު ހިމާޔަތްކުރުމަށް ދަތިތަކެއް އެބަހުރި ކަމަށާއި އިސްތިއުފާ ދެއްވީ އެ ސަބަބާ ހެދި ކަމަށް، އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މަރިޔަމް ޝުނާނާ މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން 30 ދުވަހަށް އިތުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ ޓްވީޓްކުރެއްވުމުން ގިނަ ބައެއްގެ ސަމާލުކަމަށް އައި ވަކީލް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ޚިދުމަތްކުރަން ބޭނުން ނަމަ އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތެވެ.

ޝުނާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 10 އަހަރު އޭޖީ އޮފީހުގައި މަސައްކަތްކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ.

އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ގާނޫނު ހިމާޔަތްކުރުމަށް އެކަށީގެންވާ ފުރުސަތު އޭޖީ އޮފީހުގައި ހުރެގެން ލިބޭކަށް ނެތެވެ.

"ދައުލަތު ވަކީލަކަށް ހުރެގެން އިސްލާހުކުރަން ފުރުސަތެއް ނެތް. ލަދުވެތިކަމަކަށްވާ ހިސާބަށް ދިޔައިމަ އިސްތިއުފާދިނީ،" އޭޖީ އޮފީހުގެ އެންމެ ސީނިއާ އެއް ވަކީލްގެ ގޮތުގައި ހުންނެވި ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓް

އޭނާ ވިދާޅުވީ ދެން މަސައްކަތް ކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. އަދި ހައްގުތަކުގެ ވާހަކަ ދައްކައިގެން ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި ވަކާލާތު ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޝުނާނާ އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގެ މައްސަލަ އޭޖީ އޮފީސްތެރޭ ހޫނުވެފައި ވަނިކޮށެވެ. މައްސަލަ ބޮޑުވި ޓްވީޓްގައި ޝުނާނާ ވިދާޅުވެފައި ވަނީ ދައުލަތުގެ ވަކީލުންނަކީ ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މުއައްސަސާތަކުން ކުރާ ޣައިރު ގާނޫނީ ކަންކަން ދިފާއުކުރަން ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ. ޝުނާނާ އެ ޓްވީޓް ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހު ސުޕްރީމް ކޯޓުން ކުރި އަމުރު ބާތިލްކުރުމަށް ދައުލަތުން ހުށަހެޅި މައްސަލާގައި ބޭއްވި ޝަރީއަތަށް ފަހުގަ އެވެ. އެ ޝަރީއަތުގައި އޭޖީގެ ފަރާތުން ވަކާލާތު ކުރެއްވީ މާޝާ ލުތުފީ އެވެ.

ޝުނާނާގެ މި ޓްވީޓާ ގުޅިގެން އޮފީސް ތެރޭ މައްސަލަ ޖެހުނު ކަމަށް އެނގިފައިވާ

ބަންޑާރަ ނައިބު އަމަލުކުރައްވާ ގޮތާ މެދު ހިތްމަޖެހިވަޑައިނުގެން، އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލް ޝަފީއާ ރިޒާ ވެސް މިދިޔަ މަހު ވަނީ އިސްތިއުފާދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާގެ ކުރިން އޭޖީ އޮފީހުގެ ވަކީލުންތަކެއް ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޭޖީ އަމަލުކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ޕެޓިޝަނެއް ހަދަން މަސައްކަތް ކޮށްފަ އެވެ.