މިނިސްޓަރުންގެ ލަފައާ އެކު ޕާމެނަންޓް ސެކްރެޓަރީ (ޕީއެސް) އިން އައްޔަން ކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސިވިލް ސާވިސް ގާނޫނުގައި ކުރިން އޮންނަނީ ޕާމަނަންޓް ސެކްރެޓަރީ އައްޔަން ކުރުމުގެ ބާރު ހަމައެކަނި ސިވިލް ސާވިސް ކޮމިޝަނަށް ކަމުގައި ވިޔަސް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުން މި ހަފުތާގައި ފާސްކުރި ބިލުގައިވާ ގޮތުން މިނިސްޓްރީތަކަށް ޕާމެނަންޓް ސެކްރެޓަރީން އައްޔަން ކުރަންޖެހޭނީ އެ މިނިސްޓްރީއެއް ހިންގަވާ މިނިސްޓަރުގެ ލަފާގެ މަތިންނެވެ.
އެއީ ސިވިލް ސާވިސްގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު މެމްބަރުންމި އިސްލާހުގެ ބިލަށް ދެކޮޅު ހެދިޔަސް ބިލް ފާސްކުރީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ވޯޓުންނެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ އެ މިނިސްޓްރީއެއްގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ފަރާތެވެ.