ޑރ. މަޖީދުގެ ހާލު މިހާރު ސްޓޭބަލް: އާއިލާ

ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީއަށް ސްޓްރޯކެއް ޖެހި ސިއްހީ ހާލުކޮޅު ގޯސްވުމުން ޑޮކްޓަރުން މިހާރު ވަނީ އޭނާ ކޯމާގައި ބާއްވާފައި ކަމަށާއި އެކަމަކު ހާލަތު "ސްޓޭބްލް" ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.


ލަންކާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ޑރ. މަޖީދަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އަދިވެސް އޮތީ އިންޑިއުސް ކޯމާއެއްގައި ކަމަށެވެ.

"ކުރިން ވެސް މަޖީދު ލޭގެ ޕްރެޝާ ހުރޭ. އެކަމަށް ބޭސްކުރަމުން އަންނަނީ ވެސް. މީޓިންއަކަށް ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ ހެނދުނު ހޮޓަލުގެ ކޮޓަރީގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ،" އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއުސް ކޯމާގައި ޑޮކްޓަރުން މަޖީދު ބާއްވާފައި ވަނީ ސިކުނޑިއާ ގުޅިފައިވާ ނާރެއް ފެޅި ލޭ އެޅިފައިވާތީ ކަމަށެވެ.

ޑރ. މަޖީދު ލަންކާއަށް ވަޑައިގެންނެވީ މީގެ ދެ ދުވަހެއް ކުރިންނެވެ.