ރާއްޖޭގެ ސިޔާސީ ހާލަތާ ހެދި އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޑރ. ޖަމީލް.
24 މެއި 2018 - 14:06
ބައިނަލްއަގުވާ މުޖުތަމައުގެ ކުރިމަތީގައި ރާއްޖޭގެ އަގު ކޮންމެ ދުވަހަކު ވައްޓާލައި ދިވެހިންނަށް ގެއްލުން ދެމުން ދަނީ މި ސަރުކާރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވިޔަ ނުދޭން، ޖަމީލާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް އެންޓި ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ދިވެހިންނަށް ރީތި ނަން ލިބޭނެ، މަސައްކަތާ ދެކޮޅަށް ކެމްޕޭން ކުރެއްވުމަކީ ދެ ބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން ޖަމީލް "މިހާރު" އަށް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ރާއްޖެ އާއި ދިވެހިންގެ އަގު، މި ސަރުކާރުން ވައްޓާލާފައިވާ ކަމަށެވެ. ގާނޫނުއަސާސީީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ޚިލާފު އަމަލުތައް ހިންގައި އިންސާނީ ހައްގުތަކާ ދެކޮޅަށް މި ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް ހައްލު ހޯއްދަވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ގައުމަށް ގެއްލުން ދިނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެ އުޅެނީ އަސްލު މައްސަލަތަކުން އެއްކިބާވެ ސަރުކާރުގެ ޖަރީމާތައް ފޮރުވަން. ޔޫއެންގެ ނިންމުންތަކަށް ގޮންޖައްސަވާ ގައުމުގައި ހިނގަމުންދާ އަނިޔާވެރި އަދި ކޮރަޕްޝަންގެ އަމަލުތައް ފޮރުވަން. ސާބިތު ނުހިފޭ ވާހަކަތައް ދައްކަނީ އެހެންވެ. އެއީ ވެސް، މީހުންގެ މައްޗަށް ދޮގު ދައުވާކޮށް ހެކި އުފައްދާ ޖަރީމާ ހިންގާ ބަޔަކު ކިބައިން އުއްމީދު ނުކުރެވޭ ކަންކަމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ގައުމަށް ގެއްލުންދޭ ކަމުގެ ތުހުމަތުކުރިއިރު، ޖަމީލް ވިދާޅުވި ގޮތުގައި، މި ސަރުކާރަކީ ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިއެ، އަމަލުކުރުން ލާޒިމްކޮށްފައިވާ ކަންކަމަށް އަމަލު ނުކުރާނަމޭ ބުނާ ސަރުކާރެކެވެ.
ޖަމީލް ވިދާޅުވީ ކޯޓުތަކާއި މުއައްސަސާތަކަށް ތަބާނުވެ ނުހައްގުން ޖަލުގެ ގޮޅިތަކަށް މީހުން ލައި، އިދިކޮޅު ސިޔާސީ އެންމެންނަށް ނުހައްގުން ދައުވާ އުފުލައި އަދަބު ދެނީ ވެސް ސަރުކާރުން ކަމަށެވެ. އެކަމާ ދެކޮޅަށް ކުރާ މަސައްކަތަކީ، ގައުމަށް ގެއްލުން ދިނުން ކަމަށް ސަރުކާރުން ސިފަކުރަނީ ގާނޫނުތަކަށް ތަބާނުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ސަރުކާރު އައީއްސުރެ ކޮންމެ ދުވަހަކު، ރާއްޖޭގެ އަގު މިދަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ވެއްޓެމުން. އެންމެ ފުރަތަމަ ކޮމަންވެލްތުން ވަކިވެ، ދިވެހި އެތައް ޒުވާނުންނަށް ލިބެމުން އައި ފުރުސަތުތަކުން ވެސް މަހްރޫމްކޮށްލީ. އަވައްޓެރި އެއްވެސް ގައުމަކާ ގުޅުމެއް ނެތް. ޔޫއެންގެ ނިންމުންތަކަށް ގޮންޖަަހަނީ. ޔޫރަޕިއަން ޔޫނިއަނުން އިސްލާހުކުރަން އަންގާ ކަންކަން ވެސް ބޮލާލައި ޖަހަނީ، މި ފެންނަނީ ރާއްޖޭގެ އަގު ވައްޓާލަން ކުރާ މަސައްކަތް،" ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އދ. އާއި އެހެން ވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ ހޯދައި، ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަކޮށް، ހައްގުތައް ހޯދައިދޭން ކުރާ މަސައްކަތާ ދެކޮޅަށް ބަސް ވިދާޅުވަމުން ދަނީ، 2013ގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކުރަން އެމަނިކުފާނު މަސައްކަތް ކުރެއްވިއިރު ފެނުނު މޫނުތަކެއް ނޫން ކަމަށެވެ.
ޝައިނީގެ ނަން ވިދާޅު ނުވެ، ޖަމީލް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތް ހިމެނޭ ސަރުކާރެއްގެ ވަޒީރަކަށް ހުންނަވާތީ އުފާކުރައްވާ ކަމަށެވެ. އެކަމަކު ވަޒީރުކަން ލިބުމުން ވެސް، އުޅުއްވީ، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު އަހްމަދު އަދީބުގެ ކޮނޑުގައި އަތް އަޅުއްވައިގެން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީމް
24 May 2018
އަގޭ؟؟ ދެން ހެއްވަން ނޫޅޭ! އަދި މި އުޅެނީ ތަރާވީސް ވެސް ހަދާ ނުލެވިގެން!
ޖަމީލް
24 May 2018
މި ޖަމީލް ސޮރު މި ޔާމިން ސަރުކާރުކަ ހުރި އިރު ހުރީ ޗުއްޕް ވެސް ބުނެލަން ނުކެރި އެއްވެސް ކަމެއް ނުކޮށް މުސާރަ ކޮޅު ނަގާގެން ގޭގަ ނިދަން. ދެން ވަކި ކޮއްލީމަ މި އުޅެނީ ރިވެންޖް ނަގަން. ގުރޯ އަޕް!!
ޝޮކްތެރަޕީ
24 May 2018
ޝައިނީއަކީ އަހުލާގުރަގަޅު މީހެ ދިވެހިން ބަލައިގަންނަ މީހެ.
ޗިއްލޫ
24 May 2018
ރާއްޖޭގެ އަގުވައްޓާބަޔަކީ ޖަމީލްއާއި ނަޝީދު، އަދި ޔަހޫދިންގެ ހިމާޔަތް ހީދައިގެން އުޅޭ އެމީހުންހުންގެ ލާދީނީ ޕަޕެޓުން!
ޙަސީން
24 May 2018
ޑރ.ޖަމީލް އެވިދާޅުވީ ވަރަށް ސާފުކޮށް.
ޢިބްރާހީމް
24 May 2018
ޢަންނިއާ ނުލައި އެކައްޗެއްވެސް ނުބުނެވޭ، ހާދަބިރުގަނޭ!
ވިސްނާ22
24 May 2018
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނުވެރެއްނެތި ޔާމީނު ޕްރޮމޯޓްކުރި ކުށަށް އަހަރެން ޖަމީލަށް މާފުކޮށްފިން. ޖަމީލަކީ މިހާރު ވިސްނޭމީހެއް. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އުމަރު ނަސީރުފަދަ ބޭފުޅެއްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެހުމަކީ ކައިރިކަމެއްކަމުގައި އަހަރެން ދެކެން!
އެޑްމުންޑޯ
24 May 2018
ޢަންނި ވައްތަރަށް ރާއޖެ ބަދުނާމް ކުރަން މިސޮރުވެސް ފެށީދޯ
އިސްމާޢީލް
24 May 2018
ޝައިނީ ވިދާޅުވީ ތެދު، ޖަމީލު ހައްދަވަނީ ދޮގު
ކާފަބޭ
24 May 2018
ޢެހެންވީމަތޯ މޭޑޭގަނުކުންނާށޭ އަޑުއަހާނަމޭވިދާޅުވީ ނޫން އަދިތިޔަވިދާޅުވީއެއްބައި އަނެއްބައިވެސްވިދާޅު ވިނަމަ މަނިކުފާނުވެސްހުންނެވީ މުޅިންހަމަގަނޫން ކަންއެގޭނެ.