މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ހަމަޖައްސަވައިފި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޝަހީމް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާން ކުރެއްވީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގަ އެވެ. އެނގިފައިވާ ގޮތުގައި، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވިކަން ކައުންސިލްގެ މިރޭގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާ ކުރައްވައިފަ އެވެ.
ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި، އުމުރުން 41 އަހަރުގެ ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ގއ. މާމެންދު އަށް އުފަން ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ.
ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.
ރައީސް ޔާމީން 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވިއިރު، އެމަނިކުފާނުގެ ރަނިން މޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ޖަމީލާ އެކު، ކާމިޔާބު ކެމްޕެއިނެއް ކުރައްވައި އެ ފަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވި ނަމަވެސް ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުން ނަގައި މަގާމުން ދުރުކުރި އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ނައިބަކަށް އެމަނިކުފާނު އައްޔަން ކުރެއްވީ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބެވެ. އެކަމަކު، ރައީސް ޔާމީން އަވަހާރަކޮށްލުމަށްޓަކައި ލޯންޗްކޮޅު ގޮއްވާލުމުގައި ބައިވެރިވި މައްސަލާގައި އަދީބުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ދުރުކުރި އެވެ.
އަދީބަށް ފަހު، ނައިބު ރައީސަކަށް އައްޔަން ކުރެއްވީ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޖިހާދެވެ. ޖޫން 22، 2016 ގައި ނައިބު ރައީސަކަށް ޖިހާދު އައްޔަން ކުރެއްވި ގޮތަށް އެމަނިކުފާނު އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ. ޝަހީމަކީ ޖިހާދުގެ ޅިޔަނެކެވެ.