އަބްދުއް ޝަކޫރު އަލީ
07 ޖުލައި 2018 - 12:54
ރާއްޖޭގެ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އާއި ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާތިފް ޝަކޫރުގެ ބައްޕާފުޅު އަބްދުއް ޝަކޫރު އަލީ (އާސްތާނާ ޝަކޫރު) މިއަދު އަވަހާރަވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ޝަކޫރު އައިޖީއެމްއެޗުގައި އަވަހާރަވި އިރު އުމުރުފުޅަކީ 79 އެވެ. އޭނާގެ އަންހެން ހަތަރެއް އަދި ފިރިހެން ހަތަރު ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
އާޒިމާ އާއި އާތިފްގެ އިތުރުން ކުރިން ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އާތިފާ ޝަކޫރަކީ ވެސް އޭނާގެ ބޭފުޅެކެވެ. އަދި އެންވަޔަރުމެންޓް މިނިސްޓްރީގެ ނައިބު އަލީ އާމިރަކީ ވެސް ޝަކޫރުގެ ދަރިކަލެކެވެ.
ޝަކޫރުގެ އާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ މިދިޔަ ދޮޅުމަހެއްހާ ދުވަހު އާލާސްކަންފުޅު ކުރިއަށް ވުރެ ބޮޑުވި ކަމަށެވެ. މީގެ ދެ އަހަރު ކުރިން ވެސް އާލާސްކަންފުޅު ބޮޑުވެ، އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ.
ޝަކޫރަކީ 1970 އަދި 1980ގެ އަހަރުތަކުގެ ތެރޭގައި ލިއުންތެރިއެއްގެ ގޮތުން މަޝްހޫރުވި ބޭފުޅެކެވެ. އެގޮތުން އޭރުގެ މަޝްހޫރު މަޖައްލާ "އާބާރު" ގައި ގިނަ އަދަދެއްގެ ވާހަކަ، އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެވެ.
ލިއުންތެރިކަމާއި ސަރުކާރުގެ ޚިދުމަތުގެ އިތުރުން ޝަކޫރަކީ ޗާޕްހާނާ ހިންގެވުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން މަޝްހޫރު "އުއްމީދީ" ޗާޕު ޚާނާއަކީ އޭނާގެ އަމިއްލަފުޅު ޗާޕް ބަ އެވެ.
ލިއުންތެރިކަމުގެ ގޮތުން 1985 ވަނަ އަހަރު އާއްމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝަކޫރު ގާތްގަނޑަކަށް 200 އެއްހާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާކުރެއްވި ކަމަށްވެ އެވެ. އޭގެ ތެރެއިން ގިނަ ވާހަކަ އާންމުންނަށް ނެރެދެއްވީ "އާރު"ގެ އެކި ނަންބަރުތަކުގަ އެވެ. ގިނައިން ލިއުއްވީ ޖާސޫސީ އަދި ބިރުވެރި ވާހަކަ ނަމަވެސް އޭރު ރާއްޖެ އަށް މަޝްހޫރުވި ލޯބީގެ ބައެއް ވާހަކަތަކެއް ވެސް ތަރުޖަމާކުރެއްވި އެވެ.
ޝަކޫރުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު، އާ ސަހަރާ މިސްކިތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރުބަސް
08 July 2018
މާތް ﷲ އެމަރުޙުމްގެ ފުރާފުޅަށް ސުވަރުގޭ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި.
އަލީ ނަސީރު
08 July 2018
ބަލާއައިމަ ދާންޖެހޭނި ކޮންމެ މީހެއްވެސް!
ބޭންޑް އޮފް ބްރަދަރސް
07 July 2018
މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ތައުޒިޔާ ރައްދުކޮށް މަރުހޫމްގެ ފުރާނަފުޅަށް ޖަންނަތުލް ފިރުދައުސްގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާކުރަން... (އާމީން)
އައިންތު
07 July 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އީމަން
07 July 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަލިބެއްޔާ، އެކުވެރިސުވައިދީބް
07 July 2018
މަރުހޫމްގެ ފުރާނަޔައް ރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވައި އާއިލާ އަށް ކެތްތެރިކަން ދެއްވާށި! އާމީން