ސަރުކާރާ ޑީލް ހަދައިގެން މިނިވަން ވާކަށް އިމްރާން ބޭނުމެއް ނުވި

ސަރުކާރާ އެކު ޑީލް ހަދައިގެން މިނިވަންވުމަށް، ދިގު މުއްދަތުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެކޮޅު ހައްދަވައިފި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކާ އެކު ހުންނެވި އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއާ ގުޅިގެންނެވެ. ޓެރަރިޒަމްގެ ހުކުމެއް އިއްވީ އެ މުޒާހަރާގައި އިމްރާން އަޑުއުފުއްލެވީ މި ސަރުކާރުގައި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ފަސާދަ އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ އެވެ.

އެ ހުކުމާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރެއްވި އިމްރާން ވަނީ، މި މަހުގެ ތެރޭގައި ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެއީ، އިމްރާނާ ގާތް ގުޅުމެއް އޮންނަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސުމުގެ ކުރިންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިމްރާން މިނިވަންކުރުމުގެ ވާހަކަތައް ދައްކަން ސަރުކާރުން ވަނީ އޭނާ ދިރިއުޅުއްވާ ގެއަށް މަންދޫބުންތަކެއް ފޮނުވައިފަ އެވެ. ރައީސް ޔާމީނާ ގުޅިވަޑައިގަތުމަށް އިމްރާނަށް ދައުވަތު ދެއްވަން ވަޑައިގަތް އެއް ބޭފުޅަކީ ޝަހީމްކަން ވެސް "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

އޭނާގެ އިތުރުން އެހެން ބޭފުޅަކު މެދުވެރިކޮށް ވެސް ސަރުކާރުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ސަރުކާރާ އަލުން ގުޅިވަޑައިގަތުން ނުވަތަ އާއިލާ އެކު ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވުން ހިމެނެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި، މި ހުށަހެޅުންތަކަށް އިމްރާން ވަނީ އިންކާރު ކުރައްވައިފަ އެވެ. ޑީލް ހަދައިގެން މިނިވަން ވުމަށް ވުރެން، މާފުށީ ޖަލުގައި އޮތުން ވެސް މާ ރަނގަޅު ވާނެ ކަމަށް އިމްރާން ވިދާޅުވި ކަމަށް ވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ކޮމެންޓެއް އަދި ނުލިބެ އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމުން، އޭނާ އާއި އިމްރާނާ ގުޅުވައި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އެއީ، ރައީސް ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވީ އިމްރާނަށްޓަކައި ކަމަށް ވިދާޅުވުމަށް ފަހު، އޭނާ ޖަލު ބަންދުގައި ހުންނަވަނިކޮށް އަލުން ރައީސް ޔާމީންގެ ރަނިން މޭޓް ކަން ގަބޫލުކުރެއްވުމާ ގުޅިގެންނެވެ.

ރަނިން މޭޓަކަށް ހަމަޖެއްސި ފަހުން ބޭއްވި ފުރަަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަހީމް ވިދާޅުވެފައި ވަނީ އިމްރާން ބަންދުކުރުމުން ވަރަށް ހިތާމަކުރެއްވި ކަމަށެވެ. ސަރުކާރުގައި މަޑުކޮށްދެއްވަން ރައީސް ޔާމީން އެދިވަޑައިގަތުމުން ވެސް އޭރު ވަކިވެވަޑައިގަތީ، އިމްރާނަށްޓަކައި ކަމަށާއި އެކަން އިމްރާން ވެސް ގަބޫލު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަހަތަށް އަލުން އަރާވަޑައިގަތީ، އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި، އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލުތަކަކީ އޭނާ އަށް ގަބޫލުކުރެއްވޭ ފަލްސަފާތަކެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރާ އަލުން ގުޅިވަޑައިގަތުމަށް ވެސް ޝަހީމް އިމްރާނަށް ގޮވާލެއްވި އެވެ.