އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ބަލަައިގަތުމުގައި ޕީޕީއެމް ކޯލިޝަނުން ނެރުނު ވިޕްލައިނާ ހިލާފުވި މެމްބަރުންގެ މައްސަލަ ބަލާނެ ކަމަށާއި އެކަމަކު ފިޔަވަޅު އަޅާނީ ވިޕްލައިނާ ހިލާފުވި މިންވަރަށް ބެލުމަށް ފަހު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރުގެ ބިލް މަޖިލިހަށް ބަލައިގަތުމަށް ޕީޕީއެމް ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ވިޕެއް ނެރެފައިވީ ނަމަވެސް، ބައެއް މެމްބަރުން ވޯޓު ދެއްވީ އެއާ ދެކޮޅަށެވެ. އަދި މެންދުރު 1:30 ގައި ވޯޓު ގަޑި ޖެހުނުއިރު، ބައެއް މެމްބަރުން ޖަލްސާ އަށް ވަޑައިނުގެންނެވި އެވެ.
މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ޕާޓީއާ ޚިޔާލު ތަފާތުވެ ވަޑައިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ ތެރެއިން ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކަށް އިންނެވީ ނަޝީދު އެކަންޏެވެ.
ނަމަވެސް އިއްޔެގެ ޖަލްސާ އަށް ވަޑައިގަތުމަށް ފަހު، އެކަމަކު ބިލް ބަލައިގަތުމަށް ވޯޓަށް އެހި ގަޑީގައި ބައެއް މެމްބަރުން ޖަލްސާގައި ވަޑައިގެން ނެތެވެ. އޭގެ ތެރޭގައި ބިލާ ދެކޮޅު ހައްދަވާ އޭދަފުށި ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި ސަލީމާއި ހުސެއިން މަނިކު ވަޑައިގަތީ ވިޔަފާރި ކަމެއްގަ އެވެ.
"ސަލީމް ޗެކްތަކެއްގައި ސޮއިކުރެއްވުމަށް 11 ޖަހާކަންހާއިރު މަޖިލިހުގެ އިދާރާ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް، އަނބުރާ މަޖިލިހަށް ވަޑައިނުގަންނަވާ. ސަލީމް ވިޔަފާރީގެ ކަމެއްގައި ތާށިވީ ކަމަށް ވިދާޅުވީ. ހުސެއިން މަނިކު ވެސް ހަމަ އެހެން. ވަހީދު ވެސް ވޯޓު ގަޑި ޖެހުނުއިރު ހުންނެވީ މަޖިލިހުން ބޭރުގައި. ވަހީދަށް ވަޑައިނުގެންނެވި ސަބަބު ވެސް އަޅުގަނޑުމެން ޖެހޭނީ ބަލަން،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އުޅުއްވީ އެބޭފުޅުންގެ ދާއިރާގައި ކަމަށެވެ. އަދި އިއްޔެގެ ޖަލްސާ އަށް ވަޑައިނުގެންނެވޭނެކަން ރަސްމީކޮށް އެބޭފުޅުން އެންގެވި ކަމަށް ނިހާން ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ތިމަރަފުށިި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް ނިހާން ވިދާޅުވި އެވެ.
"މީގެ ތެރެއިން މުސްތަފާ ވިދާޅުވީ ތިމަންނަ ހުރީ ސިންގަޕޫރުގައޭ. އަޅުގަނޑު ބުނިން ސިންގަޕޫރުގައި ހުންނެވި ކަމުގެ ހެކި ފޮނުވާށޭ. އެހެން ބުނީމާ ސިންގަޕޫރުގެ ހޮޓަލެއްގައި ބޭރުގެ މީހަކާ އެކު ފޮޓޯއެއް ނަންގަވާފައި މުސްތަފާ އަޅުގަނޑަށް ފޮނުއްވި. އެކަން ވެސް އަޅުގަނޑުމެން ޔަގީން ކޮށްފައި ފިޔަވަޅު އަޅާނީ،" ނިހާން ވިދަޅުވި އެވެ.
"ވިޕާ ހިލާފުވެއްޖިއްޔާ ފިޔަވަޅު އެޅެން މި އޮންނަނީ އެ މެމްބަރަކު އެކަން ކުރި މިންވަރަކަށް ބަލާފައި. ވިޕާ ހިލާފުވެއްޖިއްޔާ އެޅޭނެ ފިޔަވަޅުތައް ބައިވަރު. ފުރަތަމަ ފަހަރަށް ވެއްޖިއްޔާ ނަސޭހަތް ދިނުން، ވިޕާ ހިލާފުވި ކުޑަބޮޑު މިނަށް ބަލާފައި، އެ މެމްބަރަކު ހިމެނޭ ކޮމިޓީ ދަށްކުރުން. މަޖިލިހުގެ ނަމުގައި ކުރާ ދަތުރުތައް ނުދިނުން ފަދަ ކަންކަން ކުރެވޭނެ. އެ ހުރިހާ ކަމަކަށް ބަލާފައި، ވިޕްލައިނާ ހިލާފުވި މިންވަރަކުން ސުލޫކު ކޮމިޓީން ފިޔަވަޅު އަޅާނީ."