މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ނިންމާލައި، އޮފިޝަލުން ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ: މިފަހަރުގެ އިލެކްޝަންސް އޮފިޝަލުންނަށް ވުމަށް 7000 އެއްހާ މީހުން ވަނީ ކުރިމަތިލާފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
29 ޖުލައި 2018 - 11:33
ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން ކުރި އިއުލާނަށް 7000 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.
ވޯޓު އޮޮފިޝަލަކަށް ވުމުުގެ ފުރުސަތު މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މިދިޔަ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެވެ. އޭރު ފުރުސަތު ހުޅުވާލީ 4000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަރު އަކްރަމް ވިދާޅުވީ އިލެކްޝަންސް އޮފިޝަލުންނަށް ވުމަށް ކުރިމަތިލި ހުރިހާ އެންމެންނާ މި ހަފުތާގެ ތެރޭގައި އިންޓަވިއުކުރަން ފެށޭނެ ކަމަށެވެ. އަދި އޭރު ހުޅުވާލި ފުރުސަތަށް ގާތްގަނޑަކަށް 7000 މީހުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލުން ނެގުމުގައި، އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހަކަށް މި ފަހަރު ފުރުސަތު ނުދޭން އީސީން ވަނީ ނިންމައިފަ އެވެ.
އެކަމަކު މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވޯޓު ލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވެ އެވެ.
އޮފިޝަލުން ނެގުމަށް ބަދަލު ގެނައުމަކީ، އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިނިވަން އިންތިޚާބަށް ހުރަސް އެޅިދާނެ ފަދަ ހުރިހާ ކަމެއް ނައްތާލަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަންނަ ސެޕްޓެމްބަރު 23، ގައި ބާއްވާ އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާނެ އެވެ. ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި މަދުވެގެން ފަސް އޮފިޝަލުން އަދި ގިނަވެގެން 10 އޮފިޝަލުން ބައިތިއްބާ ގޮތަށް އިލެކްޝަންސުން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
29 July 2018
ފޮށިތަކުގެ ބޮޑުންނައްލަނީ މުލިއާގެއައް ދާ ކުދިން
ޔާމިން
29 July 2018
މިހާރު ލިސްޓް އޮންނާނީ ނިމި ޕާރޓީއޮފީހައް ފޮނުވާފަ