ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ބިލަށް މަޖިލީހުގައި އިއްޔެ ބަހުސް ކުރިއިރު ނޫސްވެރިންތަކެއް މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކުރަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
02 އޯގަސްޓް 2016 - 13:05
ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު މި މަހުގެ 25ގެ ކުރިން ދިރާސާކޮށް ނިންމައި ރިޕޯޓު ތަޅުމަށް ފޮނުވަން މި ބިލު ދިރާސާ ކުރާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ 11 މެމްބަރުންގެ ވަގުތީ ކޮމިޓީގެ އިއްތިފާގުން އެ ގޮތަށް ނިންމީ މިހާރު ކުރި އަށް ދާ އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެއީ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާނު ހުށަހަޅުއްވައި ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ތާއީދުކުރެއްވި ހުށަހެޅުއްވުމެކެވެ.
ޖައުފަރު ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމިޓީ އަށް ފޮނުވަން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ފާސްކުރިތާ މާ ގިނަ އިރެެއް ނުވެ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވަނީ އިއްޔެ މެންދުރުފަހު ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް އަދި ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވަނީ ހަމަޖައްސާފަ އެވެ.
މި ބިލު ދިރާސާ ކުރުމަށް ފޮނުވި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖައުފަރާއި ހަލީލާއި އާމިރާއި ޖަމީލުގެ އިތުރުން، ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް، ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ، ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު، މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިލްހާމް އަހުމަދު، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް އިއްޔެ ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.
މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
02 August 2016
ތިމާ ކުރާކަންތަކުގެ ރަހަ ތިމާ ލިބިގަތުމަށް އިންކާރުނުކުރާށެވެ. ތިޔަ ބިލު ހިންގާނީ ހަމައެކަނި ދިވެހިރާއްޖޭގައި އުޅޭ ފަގީރުން އައިދައިގެ މީހުންގެ މައްޗަކަމާއިމެދު ބޭބެ ޝައްކެއް ނުކުރަން. ނަޒާހަތްތެެރިކަން އެއީ މިހާރު ދިވެހިން ދަންނަ އެއްޗެއް ނޫން.
މާލޭބެއްޔާ
02 August 2016
މާކަބޮޑަކަށް ކަންބޮޑުވާނެ ކަމެއް ނެތް މަޖުލިހުގައި އަދުގެ ރައްޔިތުން ހޮއްވަވާފެއި ތިބީ ރައްޔިތުންގެ މަންދޫބުންނެއް ނޫނޭ ނުންޏަސް ގޯހަކަށް ނުވާނެ މިހެން މި ބުނީ އެމީހުން ރައްޔިތުންނަށް ލާބަޔަށް ހަމަ އެއްވެސްކަމެއް މަޖުލިހުގައި ނުކުރާތީ އަދި އެމީހުން ގާނޫނެއް މަޖުލިހަށް ވައަދާ ފާސްކުރާއިރު ރައްޔިތުންގެ ހިޔާލުނުހޯދާތީ ކަންބޮޑުވޭ... މިއަދު އަޅުގަނޑުމެން އެ ގޮނޑީގައި ބައިތިއަބާފައި އެތިބި މަންދޫބުން މި އަދު އެދަނީ އަހަރެމެން ރައްޔިތުންނަށް ލިބިފައިވާ ބާރާއި ހައްގުތައް ނިގުޅައި ގަންނަމުން ހިތާމަ ހުރި ބޮޑުމުސާރަ ނަންގަވައިގެން ތިއްބަވައިގެން އެގެންދަވަނީ އެމީހުން އެގޮނޑީގައި ބޭންދި ރައްޔިތުނގެ ކަރަށް ފައިން އަރަމުން ނުހައގުން ރައްޔިތުނެ ފެލާލަމުން އަދި ނުވިތާކަށް ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮއްދޭ ހައްގުތައްވެސް ގަދަކަމުން ފޭރެމުން ހަމަ މާދަމާވެސް ވޯޓް އާއި ޖެހުނީމައި އަންނާނެ އަހަރެމެންގެ ގާތައް ހަމަ ވެދިޔަކަންތައް ހަނދާން ނައްތާލާފައި އަނެއްފަހަރުވެސް ފޫގަޅާނެ ހަމަ އެވެރިން އެގޮނޑީގައި ބައިންދަން އެހެން ވީމާ އަހަރެން ބުނަނީ ދިވެހިންނަކީ މޮޔަބައެކޭ މިއަދު ކަރަށް ފައިން އެރިޔަސް މާދަމާވެސް ހަމަ ވޯޓްދީ އެގޮނޑީގައި ވަދުޑުވާނެ ހަމަ އެމެންބަރު އަނެއްކާވެސް ހަމަ އަރާނީ ކަރަށް ފައިން މައްސަލައަކީ އެވަރުނުދަންނާތީ މިކަމާ ވަރަށް ފުންކޮއްވިސްނަވާ.މިމީހުންގެ ކަންކަމާއި ސަރުކާރުގެ ކަންކަން އަހަރެމެން ރައްޔިތުންނަށް ހާމަކޮއްދޭ ހަމަ އެކަނި ވަސީލަތަކީ ނޫސް ޓީވީ މިއެދަނީ އެތަންތަނުގެ މިނިވަންކަންވެސް ނަގާލަން ހަމަ މި މަޖުލިހުން މިކަން ހުއްޓުވަން ބޭނުން ނަމަ މާދަމާ މި މީހުން އެގޮނޑީގައި ނުބައިތިއްބާ އަންނަ އިންތިހާބުގައި މިމީހުންނަށް ވޯޓް ނުދީ މިއީ ނަސޭހަތެއް ޝުކުރިއްޔާ
އަސޭލާ
02 August 2016
އަބުރެއް ނެތް މީހެއްގެ އަބުރެއް ރައްކަތެރިއެއް ނުކުރަވޭނެ.
ފފ
02 August 2016
ތިއޮތިދެން ފައިސާ ޖަހާ ތައްގަޑެއް ލިބިފަ ނޫން!
އަކްރަމް
02 August 2016
މިބިލަކީ މިހިނދަށް މިގައުމަށް ނުހަނު ބޭނުން ބޮޑު ބިލެކެވެ. ރައީސް އަބްދުﷲ ޔާމީން މިގައުމު ލިޓްލް ސިންގަޕޫރަކަށް ބަދަލުކުރެއްވުމަށް މިބިލް ބޭނުންވެއެވެ. ސިންގަޕޫރުގައި މުޒާހަރާ ނުކުރެވޭނެއެވެ. އެއްވުންތައް ނުބޭއްވޭނެއެވެ. މީހުންގެ އަބުރަށް އަރައެއް ނުގަނެވޭނެއެވެ. ކޮންމެ މީހަކުވެސް ހުންނަން ޖެހޭނީ އެއޮންނަ އިމެއްގެ ތެރޭގައެވެ. ސިންގަޕޫރު ސިންގަޕޫރަކަށްވީ އެހެންވެގެންނެވެ. މިރާއްޖެ ލިޓްލް ސިންގަޕޫރަކަށްވެސް ހެދޭނީ ސިންގަޕޫރުން ފިލާވަޅު ދަސްކޮށް މީހުންގެ އަބުރާއި އިއްޒަތާއި ކަރާމަތަށް އުނިނުވާ ހަމަތަކެއް ގެންގުޅޭ ތަހުޒީބު މުޖުތަމަޢެއް ގާއިމް ކުރެވިގެންނެވެ. ނޫސްވެރިންނޭ ކިޔާފައި މީހަކު ހަމަ ބުނާހައި އެއްޗެއް ނޫސްތަކުގައި ނުލިޔެވޭނެއެވެ. އެމީހަކު ލިޔާ އެއްޗަކަށް އެމީހަކު ޒިންމާ ވާންޖެހޭނެއެވެ.
ވީނަސް
02 August 2016
ކިހާ ވަރުގަދަ ކެމްޕޭނެއްގެ ވާހަކަތޯ ތިޔަ ދައްކަވަނީ. 27 ޖަޙާފަ ޓީޝާޓުކޮޅެއް ޕްރިންޓް ކޮށްލި ވާހަކަތޯ!!!!
ދެރަދޯ
02 August 2016
އަބުރާއި ބެހެ ބިލް ކޮމެޓީން ފާސް ކުރަން ހާދަ ދިގު މުއްދަތެކޭ ދޯ މިނަގަނީ. ތިއަށް ވުރެން ތި އަވަސް ވާނެ ގޮތެއް ނޯންނާނެތަ. އިދިކޮޅު ރަންރީނދޫ ޓްވިޓަރު މެން މިހާރު ތިޔާ ބިލް ލަސްވުމުން އެކުދިން އުފަލުން ނަށާލަވަ ކިޔަނީ އެވެ. ދެން މާދަމާ އޮންނާނެ ބޮޑެތި ފޮންޓުން އެކުދިން ޓްވިޓަރުގައި ލިޔެފައި މަމެންގް ރައީސް އެރެސްޓް ކުރަންވީ ކަމަށް. ބޯ ހަލާކު. ހުރި ހިތާމަ އެއްގެ ބޮޑު ކަމާއޭ..